twitterviber whatsapp telegramfacebookyoutube instagram
25th July 2026

މެންޗެސްޓާ ސިޓީން ރޮޑްރީގެ މައްސަލަ ހައްލުކުރާނީ ކިހިނެއް؟

މުޙައްމަދު އަހުމަދު
Jul 25, 2026

މެންޗެސްޓާ ސިޓީ އޮތީ ބޮޑު ބަދަލުވުމެއްގެ ތެރޭގައެވެ. 10 އަހަރަށްފަހު މެނޭޖަރަކު ބަދަލުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް ސްކޮޑަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގަ އެވެ.

2022-23 ވަނަ އަހަރު ސިޓީން ތްރެބަލް ހޯދި ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނު ހަތަރު ކުޅުންތެރިން ކަމަށްވާ މެނުއެލް އަކަންޖީ، ނޭތަން އަކޭ، ބެރްނާޑޯ ސިލްވާ އަދި ޖޯން ސްޓޯންސް ވަނީ މި އިންތިހާބީ މޫސުމުގައި ކްލަބު ދޫކޮށް ގޮސްފަ އެވެ. އޭގެ ބަދަލުގައި ސިޓީން ވަނީ 116 މިލިއަން ޕައުންޑަށް އެލިއަޓް އެންޑަސަން އަދި އުންމީދީ 17 އަހަރުގެ ޖެރެމީ މޮންގާ ސޮއިކޮށްފަ އެވެ.

އަދި ބަދަލުތައް މިހިސާބުން ނިމެނީއެއް ނޫނެވެ. ސްޕެއިންގެ ކެޕްޓަންގެ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު، ރޮޑްރީ ކޮންޓްރެކްޓްގައި ބާކީ އެންމެ އަހަރެއް އޮއްވައި، ބެކް ސާޖަރީއަކަށް (ބުރަކަށީގެ އޮޕަރޭޝަނަކަށް) ހޯމަ ދުވަހު ދާނެ އެވެ. މިފަދަ ދަނޑިވަޅެއްގައި އޭނާގެ މުސްތަގުބަލާމެދު ދަނީ ތަފާތު ވާހަކަތައް ދެކެވޭ މިންވަރު އިތުރުވަމުންނެވެ.

އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ ކުޅުމާ ދުރުގައި ހުންނަންޖެހޭނީ ކިހާ މުއްދަތަކަށް ކަމެއް ސާފެއް ނޫނެވެ. ނަމަވެސް އާ މެނޭޖަރު އެންޒޯ މާރެސްކާ އޭނާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ސާފުކޮށް ބުނެފައިވަނީ ރޮޑްރީ ޓީމުގައި ބަހައްޓަން ބޭނުންވާ ކަމަށެވެ.

ނަމަވެސް ރެއާލް މެޑްރިޑުން ރޮޑްރީ އެ ކްލަބަށް ގެންދިއުމުގެ "އުސޫލުގެ މައްޗަށް" މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނާއިރު، ސިޓީން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟

ރޮޑްރީ ފިޓްވުމުން އޭނާ ވިއްކާލައިގެން ފައިސާ ހޯދަން ސިޓީން މަސައްކަތް ކުރާނީ ހެއްޔެވެ؟ ނުވަތަ މާރެސްކާ ބޭނުންވާ ގޮތަށް އޭނާ ޓީމުގައި ބަހައްޓާނީ ހެއްޔެވެ؟

އަދި ރޮޑްރީ ހުރެގެން ނުވަތަ ނެތި، މާރެސްކާގެ މިޑްފީލްޑް ހިނގާނީ ކިހިނެއް ހެއްޔެވެ؟

މީގެ ފަހަތުގައިވާ މާޒީއަކީ ކޮބައި؟

ވޭތުވެދިޔަ އަހަރު ކަކުލުގެ އޭސީއެލް (ACL) އަނިޔާއަކަށްފަހު ރޮޑްރީ އެނބުރި އައިއިރު، އޭނާގެ އެންމެ މަތީ ފެންވަރުގައި ބެލަންޑިއޯ (Ballon d'Or) ހޯދި ފެންވަރަށް އެނބުރި އާދެވޭނެތޯ އެތައް ބަޔަކު ސުވާލު އުފެއްދި އެވެ. މަރެސްކާގެ ކުރިން ސިޓީގެ ކޯޗަކަށް ހުރި ޕެޕް ގާޑިއޯލާ މިދިޔަ އޮކްޓޯބަރު މަހު ބުންޏެވެ: "ވޯލްޑް ކަޕްގައި ފެންނާނީ އެންމެ ރަނގަޅު ރޮޑްރީ. އަދި ޖެހިގެން އަންނަ ސީޒަނުގައިވެސް ފެންނާނީ އެންމެ ތަފާތު ރޮޑްރީ."

ފުރަތަމަ ކަންތަކުގައި ގާޑިއޯލާގެ ބަސް ތެދުވި އެވެ. ރޮޑްރީ ސްޕެއިންގެ ކެޕްޓަންގެ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދެވޭ ގޯލްޑަން ބޯލް އެވޯޑުވެސް ހޯދި އެވެ. ހުކުރު ދުވަހު މަރެސްކާއާ ސުވާލުކުރުމުން އޭނާގެ ހިޔާލު ވަރަށް ސާފުކޮށް ހާމަކުރި އެވެ.

"އަހަރެން ދެކޭގޮތުގައި ކޮންމެ މެނޭޖަރަކުވެސް ރޮޑްރީ ޓީމުގައި ހުންނަން ބޭނުންވާނެ، ސަބަބަކީ އޭނާއަކީ ޓޮޕް ކުޅުންތެރިއަކަށްވުން, ނަމަވެސް މިހާރު، ހޯމަ ދުވަހު އޮޕަރޭޝަން ކުރަންޖެހޭ... އޭނާއަށް ޗުއްޓީއެއް ބޭނުންވޭ... އަރާމުކޮށް، ރީކަވާވާން ބޭނުންވޭ. އޭގެފަހުން އޭނާ އަހަރެމެންނާއެކު އެނބުރި އަންނާނެ" އޭނާ ބުންޏެވެ.

އެހެންކަމުން ރޭވުން ވަރަށް ސާފެވެ - ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ވިއްކާލުމުގެ ބަދަލުގައި ޓީމުގައި ބެހެއްޓުމަށް މަސައްކަތް ކުރުމެވެ. ނަމަވެސް ބަދަލު ރޭވުންތަކެއްވެސް އޮންނަންޖެހޭނެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ އެންޑަސަން ޓީމުގައި ހުރުމެވެ. އަދި ސިޓީން ދަނީ ވޯލްޑް ކަޕްގައި މޮރޮކޯއަށް މޮޅު ކުޅުމެއް ދެއްކި 18 އަހަރުގެ މިޑްފީލްޑަރު އަޔޫބް ބުއައްދީގެ ހާލަތުވެސް ބަލަމުންނެވެ.

މަރެސްކާގެ މިޑްފީލްޑެއް ފެންނާނީ ކިހިނެއް؟

ރޮޑްރީ، އެންޑަސަން އަދި ބުއައްދީ ފަދަ ކުޅުންތެރިއަކު އެކުވެގެން މަސައްކަތް ކުރާނެ ގޮތް ދެނެގަތުމަށްޓަކައި، މަރެސްކާގެ ކުޅުމުގެ މޮޑެލް ދެނެގަތުން މުހިންމެވެ. ޕޮޒިޝަނަލް ޕްލޭގެ ތަބާވާ މީހެއްގެ ގޮތުން، އޭނާގެ ފުޓްބޯޅައާއި ރާޒުވާ (ޗެސް) ކުޅުމާ ދެމެދު އަޅާކިއުންތަކެއް ހުރެ އެވެ.

"ވަރަށް ގިނަ އެއްގޮތް ކަންތައްތަކެއް ހުރޭ," މަރެސްކާ ބުންޏެވެ. "އެންމެ މުހިންމު ކަމަކީ ޕޮޒިޝަނަލް ޕްލޭ އަދި ސްޓްރެޓެޖީ. ކޯޗަކަށް މުހިންމީ ޗެސް ކުޅުންތެރިއެއްގެ ވިސްނުން ހުރުން: ޕްލޭނެއް އެކުލަވާލުން، ރައްދު ހަރަކާތްތައް ދިރާސާކުރުން، އަދި ކުޅުންތެރިން އަތުރާނެ ގޮތެއް ހިޔާރުކުރުން."

މަރެސްކާގެ ސްޓްރެޓެޖީ ބޮޑަށް ބިނާވެފައިވަނީ ބޯޅަ އަތުގައި އޮންނައިރު 3-2-2-3 ސިފައަކަށެވެ. މަރެސްކާގެ ޓީމެއްގައި ރޮޑްރީގެ އެންމެ ބޭނުންތެރި އެއް ސިފައަކީ ދަނޑުމަތީގެ މި ކަނޑައެޅިފައިވާ މަގާމުތަކުގެ މެދުގައި ބަދަލުވަމުން ކުޅުމުގެ ގާބިލުކަމެވެ. މިސާލަކަށް، މުޅި ވޯލްޑް ކަޕްގައިވެސް ފެނުނީ ސިޓީގެ ކުރީގެ ޓީމްމޭޓް އައިމެރިކް ލަޕޯޓް ބޯޅައާއެކު ކުރިއަށް ޖެހިލާއިރު، ރޮޑްރީ ފަހަތަށް ފައިބައި ޑިފެންސްލައިނަށް އެހީވާ މަންޒަރެވެ.

އާދައިގެ ގޮތެއްގައި ރޮޑްރީ ގިނަ ވަގުތު ހޭދަކުރަނީ ހޯލްޑިންގ މިޑްފީލްޑް މަގާމެއްގަ އެވެ. ނަމަވެސް ޖާގަ ލިބުމުން ކުރިއަށް ޖެހިގެން ކުޅުމުގެ ގާބިލުކަންވެސް އޭނާގެ ކިބައިގައި ހުރެ އެވެ. މަރެސްކާގެ ޓީމުތައް އެންމެ މޮޅަށް ކުޅޭއިރު 3-2-2-3 ގެ ތެރޭގައި ކުޅުންތެރިންގެ މަގާމުތައް ބަދަލުކުރެ އެވެ. އޭނާގެ އީޖާދީ ގޮތްތައް ގިނައިން ފެންނަނީ މި ޝޭޕް އާ ގޮތްގޮތަށް އުފައްދައިގެންނެވެ.

ބޯޅަ ނެތްވަގުތު 4-4-2 އަކަށް ޑިފެންޑްކުރުމަށްފަހު، އެޓޭކްކުރާއިރު 3-2-2-3 އަށް ބަދަލުވާއިރު، ސިޓީން ޓްރެބަލް ހޯދި ސީޒަނުގައި (މަރެސްކާ އެސިސްޓެންޓް މެނޭޖަރަކަށް ހުރިއިރު) ސެންޓަރު ބެކުން ކުރިއަށް ޖެހި ރޮޑްރީއާއެކު މިޑްފީލްޑް ޕެއާއަކަށް ބަދަލުވީ ސްޓޯންސް އެވެ. ޗެލްސީގައި މާރެސްކާގެ އެންމެ ހާއްސަ ބަދަލަކީ މޮއިސެސް ކައިސޭޑޯ ރައިޓް-ބެކަށް ކުޅުވުމެވެ. ފަހަތް ހަތަރަކުން ޑިފެންޑްކުރުމަށްފަހު އަނެއްކާވެސް 3-2-2-3 އަށް އެޓޭކްކުރާއިރު، ކައިސޭޑޯ ރައިޓް-ބެކުން ހޯލްޑިންގ މިޑްފީލްޑް މަގާމަކަށް ބަދަލުވެ އެވެ.

އެންޑަސަން ގުޅެނީ ކޮން ތަނަކަށް؟

އެންޑަސަންގެ ސޮއި ހޯދުމުގެ މުހިންމުކަން ބޮޑުވަނީ މިހިސާބުންނެވެ. އޭނާގެ ކެރިއަރުގައި، އުމުރުން 23 އަހަރުގެ މި ކުޅުންތެރިޔާ ވަނީ މިޑްފީލްޑާއި އެޓޭކިންގ ހުރިހާ މަގާމަކަށްވެސް ކުޅެފަ އެވެ. އިނގިރޭސި ގައުމީ ޓީމުގައި އޭނާ ވަނީ ބޯޅަ ނެތް ވަގުތު ފަހަތަށް ފައިބާ ފަސް ޑިފެންޑަރުންގެ ލައިނެއް އުފައްދާފަ އެވެ.

ރޮޑްރީއާއެކު، އެންޑަސަންއަށް ފަހަތަށް ފައިބައިގެން ކުޅެވިދާނެ އެވެ. އޭގެ ސަބަބުން ސްޕެއިންގެ ކުޅުންތެރިޔާއަށް އޭނާގެ އެޓޭކިންގ ހުނަރު ދެއްކުމުގެ ޖާގަ ލިބޭނެ އެވެ. އަދި އިދިކޮޅަށްވެސްމެ އެވެ. މާކް ގޭހީ ނުވަތަ ޔޮޝްކޯ ގްވާޑިއޯލް ފަދަ ބޯޅައާއެކު ކުރިއަށް ޖެހޭ ޑިފެންޑަރުން ކުރިއަށް އަރައިފިނަމަ، ޓީމުގެ ބެލެންސް ހިފެހެއްޓުމަށްޓަކައި ދެ ކުޅުންތެރިންނަށްވެސް އިސްނަގައިގެން ފަހަތަށް ފައިބައިގެން ކުޅެވިދާނެ އެވެ.

ބެރްނާޑޯ ސިލްވާއާއެކު ރޮޑްރީ ކުރި ކާމިޔާބު މަސައްކަތުގެ މައްޗަށް ބިނާކޮށް، ސިޓީން އުންމީދު ކުރާނީ ވިންގަރަކުން ހޯލްޑިންގ-މިޑްފީލްޑަރަކަށް ބަދަލުވި މި ވަރުގަދަ ކުޅުންތެރިޔާގެ ފަރާތުންވެސް އެފަދަ ކާމިޔާބެއް ލިބޭނެ ކަމަށެވެ. ބުއައްދީއަކީވެސް - އެންޑަސަން ފަދައިން - ތަފާތު މަގާމުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މީގެ ތެރޭގައި ހޯލްޑިންގ މިޑްފީލްޑް، ރައިޓް-ބެކް އަދި ސެންޓަރު-ބެކް ހިމެނެ އެވެ. އެ މަގާމުތަކުގައި ކުޅުމުގެ ގާބިލުކަން، ވަރުގަދަ ޑިފެންޑްކުރުމާއި ބޯޅައާއެކު ދައްކާ ފުރިހަމަކަން، ސިޓީއަށް ސްޓޯންސް ކޮށްދިން މަސައްކަތާ އެއްގޮތެވެ.

ކްލަބުން ދަނީ ބޯޅަ އަތުގައި ބަހައްޓައިގެން ކުޅޭ ޓީމުތަކަށް ކުޅެވޭނެ ޒުވާން އަދި ވިސްނުންތެރި ކުޅުންތެރިން ހޯދަމުންނެވެ. ނަމަވެސް މީގެއިތުރުން މުހިންމީ، މާރެސްކާގެ ސިސްޓަމް ބޭނުންވާ ތަފާތު ރޯލުތަކަށް ފެތޭ ގޮތަށް ކުޅުމުގެ ގާބިލުކަން ހުރުމެވެ. ގިނަ ކުޅުންތެރިންނަށް ހުޅުވޭ ކޮންމެ ޖާގައަކަށް ބަދަލުވެވޭނަމަ، އޭގެ ނަތީޖާއަކީ އިދިކޮޅު ޓީމުތަކަށް ހުއްޓުވަން އުނދަގޫ، ތަރުތީބު އަދި އެހާމެ ފްލުއިޑް (ލެކްސިބަލް) ޓީމެއް އުފެދިގެން ދިއުމެވެ. ލުއިސް އެންރީކޭގެ ޕެރިސް ސެއިންޓް-ޖާމަން (ޕީއެސްޖީ) މަތިން ހަނދާންކޮށްލާށެވެ. ނަމަވެސް މިއަށް ވަގުތާއި ތަމްރީނު ބޭނުންވާނެ އެވެ.

ރޮޑްރީ ހިނގައްޖެނަމަ ވާނީ ކިހިނެއް؟

ރޮޑްރީ ހުރެއްޖެނަމަ ސިޓީ ފެންނާނީ މާ ރަނގަޅަށެވެ. އޭނާގެ ކިބައިގައި ޕޮޒިޝަނިންގ، ސްޕީޑް އަދި ރިސްކް ނެގުމުގެ ނުހަނު ބޮޑު ވިސްނުމެއް ހުރެއެވެ. މިއީ އެންޑަސަން އަދި ކުރިއަށް އަންނަން ތިބި ކުޅުންތެރިންނަށް ދަސްވާން ވަގުތު ނަގާނެ ކަންކަމެވެ. އެހެންނަމަވެސް، ފެނާންޑީނިއޯގެ އިރުޝާދުގެ ދަށުން އާ މާހައުލަށް ހޭނުމަށް ރޮޑްރީއަށްވެސް ކުޑަ ދުވަސްކޮޅެއް ނެގި އެވެ.

ނަމަވެސް އޭނާ ގޮސްފިނަމަ، މީގެ ކުރިންވެސް މަރެސްކާ ވަނީ ކުޅުންތެރިންނަށް އަދި ކުޅެވިފައި ނުވާ ނަމަވެސް ކުޅެވިދާނެ މަގާމުތައް ދެނެގަތުމުގެ އާދަޔާހިލާފު ގާބިލުކަމެއް ދައްކާފަ އެވެ. ސްޓޯންސް ހޯލްޑިންގ މިޑްފީލްޑަށް، ކައިސޭޑޯ ފުލް-ބެކަށް، މާކް ކުކުރެޔާ އެޓޭކިންގ މިޑްފީލްޑަށް މި ލިސްޓު އަދިވެސް ދިގު ކުރެވިދާނެ އެވެ.

ސިޓީން އިތުރަށް ސްކޮޑު ވަރުގަދަކުރިޔަސް ނުކުރިޔަސް، މަރެސްކާ އުންމީދު ކުރާނީ އޭނާގެ ޗެސް ބޯޑުގައި އަތުރާނެ ގިނަ ކުޅުންތެރިންތަކެއް ތިބުމަށެވެ. މިއީ ކުޑަ ސްކޮޑެއް ބޭއްވުމަށް ގާޑިއޯލާ ގެންގުޅުނު ސިޔާސަތާ ތަފާތު ގޮތެކެވެ. އެ ސަބަބާހުރެ އަދި ރޮޑްރީ މަޑުކުރިޔަސް ނުވަތަ ދިޔަޔަސް ކުރިއަށް އޮތް ސީޒަނުގައި ސިޓީގެ އާ މެނޭޖަރަށް ކާމިޔާބު ފޯމިއުލާއަކަށް ވާސިލުވުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355