ބަންގްލަދޭޝް އިން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފި އެވެ.
އިއްޔެ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން ވަނީ މި ގަސްތައް ހަވާލުކޮށްދެއްވާފައެވެ. ރާއްޖޭގެ ފަރާތުން މި ހަދިޔާއާ ހަވާލުވެލެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި އެންވާރުމެންޓް މިނިސްޓަރު އަލީ ޝަރީފްއެވެ. ގަސްތަކާއި ހަވާލުވެވަޑައިގަތުމަށްފަހު ތިން މިނިސްޓަރުން ވަނީ ލޮނުޒިޔާރަތް ޕާކުގައި ގަސް އިންދަވައިދެއްވާފައެވެ.
The 5 Million Trees Project hosted a ceremonial tree planting featuring H.E. Dr. Khalilur Rahman, Foreign Minister of Bangladesh. Joined by Minister Iruthisham and Minister Ali Shareef, the gathering highlighted strong bilateral climate cooperation, with Bangladesh officially… pic.twitter.com/nXSPypDXc5
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 26, 2026
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވާރުމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، މި އެހީއަކީ ބަންގްލަދޭޝްގެ ތިމާވެއްޓާ ބެހޭ ވަޒީރާއެކު ކުރެވުނު ކާމިޔާބު މަޝްވަރާތަކެއްގެ ނަތީޖާ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު ހަދިޔާއެއް ލިބުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ މަޤްސަދަކީ 5 އަހަރު ތެރޭ 5 މިލިއަން ގަސް އިންދުން. އެ އަމާޒަށް ވާސިލްވާނެ އިރާދަކުރެއްވިއްޔާ." އަލީ ޝަރީފް ވިދާޅުވިއެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް އަލިއަޅުވާލުވާލައްވަމުން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ބަންގްލަދޭޝްއިން މިއަދު ހަދިޔާކުރި ގަސްތަކަކީ އަންނާން އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނެ އަގުހުރި ހަދިޔާއެއް ކަމަށެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއްރަޚްމާން ވިދާޅުވީ، ދެ ގައުމަކީވެސް ތިމާވެށީގެ ނާޒުކު އަސަރުތައް ކުރާ ގައުމުތަކަކަށް ވުމުން، މި އެހީއަކީ ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެކުވެރި ގައުމުތަކަށް ގަސް ހަދިޔާކުރުމަކީ ބަންގްލަދޭޝްގެ ސަގާފީ އާދައެއްކަންވެސް ފާހަގަކުރެއްވިއެވެ.
"ބަންގްލަދޭޝްއަކީ ސަޤާފީގޮތުން ވެސް އެކުވެރި ޤައުމުތަކަށް ގަސް ހަދިޔާކުރުމުގެ ތާރީހެއް އޮތް ޤައުމެއް. މިކަމުން ރަމްޒުކޮށްދެނީ ރާއްޖެއާއި ބަންގްލަދޭޝްއާއި އެކު އޮތް ގާތްގުޅުން." ޑރ. ޚަލީލުއްރަޚްމާން ވިދާޅުވިއެވެ.
ބަންގްލަދޭޝްއިން މިފަހަރު ހަދިޔާކުރި 20،000 ގަހުގެ ތެރޭގައި ހިމެނެނީ ހިޔާދޭ ގަސްތަކާއި، މާ އަޅާ ގަސްތަކުގެ އިތުރުން މޭވާ ގަސްތަކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ ބޭރު ގައުމަކުން ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ގަސް ހަދިޔާކުރި ފަހަރެވެ. މީގެ ކުރިން އެންމެ ގިނައިން ގަސް ހަދިޔާކޮށްފައިވަނީ ސްްރީލަންކާއިންނެވެ. އެއީ 1،000 ގަހެވެ.




