ހައްޖު ކިޔޫ ދިގުވުމަކީ ތަބީއީ ކަމެއް ކަމަށާއި އެއްވެސް ގައުމަކަށް ހައްޖުގެ ކޯޓާ އިތުރުކުރާ ނަމަ، ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ކޯޓާ އިތުރުކޮށްދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝަހީމް ވިދާޅުވީ އެއްވެސް ގައުމަކަށް ޙައްޖުގެ ކޯޓާ އިތުރުކުރާ ނަމަ، ސަޢޫދީ އަރަބިއްޔާއިން ރާއްޖޭގެ ކޯޓާ އިތުރުކޮށްދޭނެ ކަމަށެވެ. ޝަހީމް ވިދާޅުވީ ސަޢޫދީން ކޯޓާ އިތުރުކުރަނީ ވަކި މިންގަނޑުތަކަށް ބެލުމަށް ފަހު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ ދީނަށް މީހުން ލޯބިކުރާ ވަރަކަށް ހައްޖަށް ދާން ބޭނުންވާ މީހުން އިތުރުވާނެ ކަމަށެވެ.
މިހާރު ޕެންޝަން ފަންޑުން ހަރަދުކޮށްގެން ވެސް ހައްޖު ކިޔޫއަށް އެރޭކަން ޝަހީމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޙައްޖަށް މި އަހަރު ފައިސާ ދައްކާ މީހާއަކީ އަންނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މައްކާއަށް ދާ މީހަކަށް ނުވެ ދާނެއެވެ.
ބައެއް މީހުން މީގެ ދިހަ އަހަރު ފަހުން ހައްޖަށް ދާން ވެސް އަވަހަށް ފައިސާ ދައްކާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"އެހެންވީމާ ޕްލޭންކުރެވިގެން މިހާރު އެ ހައްޖަށް ދަނީ، މިހާރު މިކަން އިންތިޒާމުވެފައި މި އޮތީ ހަގީގަތުގައި ވަރަށް ރަނގަޅަށް، ދެން އެހެންނޫނިއްޔާ މުއްސަނދިންނަށް އެކަނި ޙައްޖަށް ދެވެނީ، ފަގީރު މީހާއަށް ފުރުސަތެއް ނޯވޭ ޙައްޖަށް ދާކަށް، ކޯޓާތައް އަމިއްލަ ކުންފުނިތަކުން މީހުންނަށް ބޮޑު އަގުގައި ވިއްކަމުން ދިޔައީ، މި ނިޒާމު މިހާރު ވަނީ ނިމިފައި،" ޝަހީމް ވިދާޅުވިއެވެ.
މިހާރު ކިޔޫ އޮތް ވަރުން, މިވަގުތު ފައިސާ ދައްކާ މީހުންނަށް އެންމެ އަވަހަށް ވެސް ހައްޖަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ, 2040 ގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި ގޮތަށް ދިމާވަނީ ޙައްޖަށް ދިއުމަށް ގިނަ ބަޔަކު ފައިސާ ދެއްކި ނަމަވެސް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ އަދަދު އިތުރު ނުވާތީއެވެ.
ސައޫދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ އަހަރަކު 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލި މީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ހަރަދުގައި ދާ 50 މީހުންނަށް ޙައްޖަށް ގެންދެވެއެވެ. އޭގެ ތެރެއިން ފަގީރުން ހައްޖަށް ގެންދަން ފެށީ މި ސަރުކާރުންނެވެ.
ހައްޖަށް ދިއުމަށް ފައިސާ ދެއްކުމަށް, ހައްޖު ކިޔޫއަށް އެރޭނީ 52500 ރުފިޔާ ދައްކައިގެނެވެ. ޖުމުލަ އަގަކީ 69965 ރުފިޔާއެވެ.