ކޮލަމްބިއާގެ ރައީސްގެ އިނާގުރޭޝަނުން ފެށިގެން ޓްރަމްޕާއެކު އޮތް ގުޅުމާއި، ޕްރައިވެޓް ޖެޓްތަކުގެ ދަތުރުތަކާއެކު އިންފަންޓީނޯގެ އަގުބޮޑު ދިރިއުޅުން!
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކޮލަމްބިއާގެ ކާލީގެ އެއާޕޯޓަށް ފައިބައިވަޑައިގަތުމާއެކު، އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ރާމޮން ޖެސުރޫން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. އިންފަންޓީނޯ ކޮލަމްބިއާއަށް ވަޑައިގަތީ އާދައިގެ ބައްދަލުވުމަކަށް ނޫނެވެ.
އެ ގައުމުގެ އާ ރައީސް އަބެލާޑޯ ޑެ ލަ އެސްޕްރިއެއްލާ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާށެވެ. ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ (ކޮންމެބޯލް)ގެ ރައީސް އަލެހަންޑްރޯ ޑޮމިންގޭޒްވެސް އިންފަންޓީނޯއާއެކު ހުންނަވައި ވިދާޅުވީ "އަހަރެމެން ތިބީ ޖިއާނީއާއެކު" ކަމަށެވެ. މިއީ ސީދާ ފީފާގެ ރައީސެއްގެ ހަގީގީ ދިރިއުޅުމުގެ ސޫރަ އެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ ސިޔާސީ ވެރިންނާ ގުޅުން ބަދަހިކުރުމަކީ ފީފާގެ ރައީސްގެ މަސްއޫލިއްޔާތުގެ ބޮޑު ބައެކެވެ. އޭގެ އެންމެ ބޮޑު އެއް މިސާލަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއެކު އިންފަންޓީނޯ ބަދަހިކުރެއްވި ބަދަހި ގުޅުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ފީފާގެ 211 މެމްބަރު ގައުމަށް ޒިޔާރަތްކޮށް، ފުޓްބޯޅަ އާލާކުރުމަށް ކުރެވޭ މަސައްކަތްތައް ބެއްލެވުމަކީ ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި އިނދެގެން ކުރެވޭނެ ކަމެއް ނޫނެވެ.
އިންފަންޓީނޯގެ ދަތުރުފުޅުތަކުގެ ފެންވަރު ހުންނަނީ އެންމެ މުއްސަނދި ރައީސުންނާ އެއްވަރުގަ އެވެ. ގަތަރު އެއާވޭސްގެ ހާއްސަ އެގްޒެކެޓިވް ޖެޓްތަކުގައި ދުވާލަކު ތިން ދަތުރުކުރައްވައި، އެކި ގައުމުތަކުގައި ކުޅެވޭ މެޗުތައް ބައްލަވައިލެއްވުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގަންނަވަ އެވެ. މޮރޮކޯގެ ރަބާޓްގައި ހުންނަ ފީފާގެ އޮފީހަށް އޭނާ ވަޑައިގަންނަވާ އިރު، ކާރުކޮޅުތަކުގެ ފަހަތުންނާއި ކުރިއަށް ސެކިއުރިޓީ ފުލުހުންގެ ބޭރުން ދާ މަންޒަރަކީ ގައުމެއްގެ ރައީސަކު ދަތުރުކުރައްވާ ފަދަ މަންޒަރެކެވެ.
މިފަދަ ބޮޑު މަގާމަކާ އެކު ލިބިވަޑައިގަންނަވާ މުސާރަވެސް އެހާމެ ބޮޑެވެ. މީގެ 10 އަހަރު ކުރިން 1.3 މިލިއަން ޕައުންޑު ލިބިވަޑައިގެންނެވި އިންފަންޓީނޯ، މިހާރު އަހަރަކު 4 މިލިއަން ޕައުންޑު (އަސާސީ މުސާރައިގެ ގޮތުގައި 2.2 މިލިއަން އަދި ބޯނަސްގެ ގޮތުގައި 1.8 މިލިއަން) ގެއަށް ގެންދަވަ އެވެ. މީގެ އިތުރުން ދުވާލަކަށް ހަރަދުގެ ގޮތުގައި އަހަރަކު 20,500 ޕައުންޑުގެ އެލަވަންސެއްވެސް ލިބިވަޑައިގަންނަވަ އެވެ. ކުރީގެ ރައީސް ސެޕް ބްލެޓަރއަށް އެންމެ ފަހު އަހަރު ލިބުނު 2.6 މިލިއަން ޕައުންޑާ އަޅާބަލާއިރު މިއީ ބޮޑު އިތުރުވުމެކެވެ.
ޓްރަމްޕާއެކު އޮތް ގުޅުން ބަދަހިވަމުން ދިޔަވަރަކަށް، އިންފަންޓީނޯ ފުޓްބޯޅައިގެ އަސްލު މަސްއޫލިއްޔަތުތަކާ ދުރަށް ވަޑައިގަންނަވާ ކަމުގެ ތުހުމަތުތައް އުފެދުނެވެ. 2025 ވަނަ އަހަރުގެ މެއި މަހު ޓްރަމްޕާއެކު މެދުއިރުމަތީގެ ދަތުރުފުޅެއްގައި އުޅުއްވުމަށްފަހު، ޕެރަގުއާއީގައި އޮތް ފީފާ ކޮންގްރެސްއަށް އިންފަންޓީނޯ ވަޑައިގަތީ ދެ ގަޑިއިރު ފަހުންނެވެ.
މީގެ އިތުރުން، އެމެރިކާގެ ފޯވާޑް ފޯލަރިން ބެލޮގަންއަށް ވޯލްޑް ކަޕްގައި ދެއްކި ރަތް ކާޑު މުރާޖާއާ ކުރުމަށް ޓްރަމްޕް އެދިވަޑައިގަތުމުން، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން އެކަން ބަދަލުކުރުން ފަދަ ކަންކަމުން ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު ހާމަވެގެންދިޔަ އެވެ.
އިންފަންޓީނޯއަކީ މީޑިއާއާ މާ ގާތް ބޭފުޅެއް ނޫނެވެ. ފާއިތުވި ހަތަރު އަހަރު ތެރޭގައި އޭނާ ބޭއްވެވީ އެންމެ ދެ ނޫސްވެރިންގެ ބައްދަލުވުމެވެ. އެ ދެ ބައްދަލުވުންވެސް ބޭއްވެވީ ވޯލްޑް ކަޕް ފެށުމުގެ ކުރިންނެވެ. އާންމުކޮށް އޭނާ ހަބަރުތައް އާންމުކުރައްވަނީ ފީފާގެ އަމިއްލަ މީޑިއާ ޗެނަލްތައް މެދުވެރިކޮށެވެ. މީގެ ސަބަބުން އޭނާއާ ދެކޮޅަށް އުފެދޭ ސުވާލުތަކަށް ސީދާ ޖަވާބުދެއްވުމުން ރެކިވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަންނަވަ އެވެ.
ނަމަވެސް، ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) އަދި ބައެއް ގައުމުތަކުގެ ފެޑަރޭޝަންތަކުން ދެކޭގޮތުގައި އިންފަންޓީނޯގެ އަމަލުތައް މިހާރު އިންފަހަނައަޅައި ގޮސްފި އެވެ. ވޯލްޑް ކަޕްގެ ޓިކެޓު އަގުތައް މައްޗަށް ދިއުމާއި، ސައުދީ އަރަބިއްޔާއަށް 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައިދިނުމަށް މަގުފަހިކޮށްދިނުން ފަދަ ނިންމެވުންތަކުގެ ސަބަބުން، ފީފާއިން ސަޕޯޓަރުންނަށްވުރެ ބޮޑަށް ވިޔަފާރި މާފިއާއެއްގެ ގޮތުގައި އަމަލުކުރާ ކަމުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ފީފާގެ މޭޖަރ ޝެއަރތަކެއް އަމިއްލަ ހިއްސާ ކުންފުނިތަކަށް ވިއްކާލަން އުޅުނު "ފީފާ ފޯވާޑް އެންޓަޕްރައިޒް" ޕްލޭން ފަނިވުމާއި ގުޅިގެން، އިންފަންޓީނޯއަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހިފަ އެވެ. ޔޫއެފާއިން ވަނީ ފީފާގެ މުބާރާތްތައް ބޮއިކޮޓްކުރާނެ ކަމުގެ އިންޒާރުދީފަ އެވެ. އެހެންނަމަވެސް، ޔޫރަޕުން ބޭރުގެ ގައުމުތަކުން އޭނާއަށް އޮތް ތާއީދު ބޮޑުކަމުން، އިންފަންޓީނޯ މަގާމުން ދުރުކުރުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ.
އިންފަންޓީނޯ ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަވަމުން ދިޔަ މިންވަރު އެންމެ ބޮޑަށް ފެނިގެންދިޔައީ އެމެރިކާއިން ވެނެޒުއެލާއަށް ހަމަލާދިނުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޓްރަމްޕަށް "ފީފާ ޕީސް ޕްރައިޒް" އެރުވުމާއި، ގާޒާ އާރާސްތުކުރުމަށް ޓްރަމްޕް އުފެއްދެވި ބޯޑުގައި ބައިވެރިވެވަޑައިގަތުމުންނެވެ.
ފީފާގެ ސިޔާސީ އިންސާފުވެރިކަމާ މެދު ސުވާލު އުފެދި، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވެސް މިކަމުގައި ގަވާއިދާ ހިލާފު ކަމެއް ނެތް ކަމަށް ބުނި ނަމަވެސް، ގިނަ ފުޓްބޯޅަ އިދާރާތަކުން ދެކުނީ މިއީ ކުޅިވަރުގެ އިންތަކުން ބޭރުން ހިންގެވި އަމަލުތަކެއްގެ ގޮތުގަ އެވެ.
މީގެއިތުރުން، ދުނިޔޭގެ ވެރިއެއްގެ ފެންވަރުގެ ސެކިއުރިޓީ ހޯއްދެވުމަށް އިންފަންޓީނޯ ކުރެއްވި މަސައްކަތްތަކަށް ބައެއް ގައުމުތަކުން ވަނީ ދެކޮޅުހަދައިފަ އެވެ. އެގޮތުން ކެނެޑާގެ ވެންކޫވާ އާއި ނިއުޒީލޭންޑްގެ ފުލުހުން ވަނީ ގައުމުތަކުގެ ރައީސުންނާއި ޕޯޕަށް އެކަނި އަރުވާ "ލެވެލް-4" ގެ މޯޓަރކޭޑް ސެކިއުރިޓީ އިންފަންޓީނޯއަށް ދިނުމަށް އިންކާރުކޮށްފަ އެވެ.
އެހެންނަމަވެސް، އޭނާގެ ނުފޫޒު ދެއްކެވުމަށް ކްލަބް ވޯލްޑް ކަޕް ތަށީގައި "އިންސްޕަޔާޑް ބައި ފީފާ ޕްރެޒިޑެންޓް ޖިއާނީ އިންފަންޓީނޯ" ޖައްސަވައި، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް 64 ގައުމަށް ބޮޑުކުރުމުގެ ޕްލޭންތައް ވަނީ ރާއްވަވައިފަ އެވެ. ޓިކެޓިންގ މައްސަލަތަކުގައިވެސް ސަޕޯޓަރުންގެ ނުރުހުން ފީފާއަށް އަމާޒުވި އެވެ.
ސެކަންޑަރީ ބާޒާރުތަކުގައި އަގު ހިފެހެއްޓުމެއް ނެތި ޓިކެޓް ވިއްކައި، ކޮންމެ ޓިކެޓަކުން 30 އިންސައްތައިގެ ފައިދާއެއް ފީފާއިން ނެގުމުން ނިއުޔޯކާއި ނިއުޖާސީގެ އެޓާނީ ޖެނެރަލްއިން ވަނީ ފީފާއަށް ކޯޓު އަމުރު (ސަބްޕީނާ) ފޮނުއްވައިފަ އެވެ. އަދި އެމެރިކާއިން ވިސާ ނުލިބުނު ސޯމާލިއާގެ ރެފްރީ އޯމާ އަރްތާންގެ މައްސަލައިގައި "ޖަސްޓް ޗިލް، ރިލެކްސް" އޭ ވިދާޅުވެ އިންފަންޓީނޯ ދެއްވި ފަރުވާކުޑަ ޖަވާބަކީވެސް މީޑިއާގެ ބޮޑު ފާޑުކިޔުމެއް އަމާޒުވި ކަމެކެވެ.
މިކަހަލަ މައްސަލަތައް ބޮޑުވެ، އިންފަންޓީނޯއަށް ކުރިމަތިވި ފާޑުކިޔުންތަކާއެކު ފީފާއިން މާފަށްް އެދި ބަޔާނެއް ނެރުނު ނަމަވެސް، އެ އިދާރާގެ އަބުރާއި، ހެޔޮވެރިކަމުގެ އުސޫލުތަކަށް ދޭ ހަމަލާތައް ދެން ބަލައިނުގަންނާނެ ކަމަށް ބުނެ ވަނީ ރައްދުދީފަ އެވެ. ކުރިއަށް އޮތް 20 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕް ޕޮލެންޑްގައި ފެށެން ކުޑަތަންވެފައިވާއިރު، ޔޫއެފާއިން ފީފާ މުބާރާތްތައް ބޮއިކޮޓްކުރުމަށް ދީފައިވާ އިންޒާރުގެ ސަބަބުން، އިންފަންޓީނޯ މަގާމުން ދުރުކުރުމަށް ޔޫރަޕުން ކުރާ މަސައްކަތް މިހާރު ވަނީ އިންތިހާއަށް ވަރުގަދަވެފަ އެވެ.




