ދަނޑުވެރި މަންފާ ގްރާންޓާއި ދަނޑުވެރި ނަފާ ލޯނު އިފްތިތާހުކޮށްފިއެވެ.
މި ދެ ލޯން އިފްތިތާހުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް، ހއ. ކެލައަށް ކުރެއްވި ދަތުރުގައެވެ.
މިއީ، ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިނގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމުގެ ދެވަނަ ބުރެވެ. އަދި މިއީ މިނިސްޓްރީގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ "ނަފާ ލޯން ސްކީމް" އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް، ސްކީމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.
އެހެން ކަމުން "ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރާއި އިސްލާމިކް ފައިނޭންސިންގެ ނިޒާމުގެ ދަށުން "ދަނޑުވެރި ނަފާ" ލޯނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
"ދަނޑުވެރި މަންފާ" ސްކީމް އަމާޒުކޮށްފައިވަނީ، ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.
މި ގްރާންޓުގެ ފުރަތަމަ ބުރު ނިމިގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު ކަމާއެކުއެވެ. ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރުގައިވެސް ފުރުސަތު ހުޅުވާލީ ހަމައެކަނި، ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށެވެ. އެއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ގާއިމްކޮށްގެން ދަނޑުވެރިކަން ކުރުމަަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
"ދަނޑުވެރި ނަފާ" ފައިނޭންސިން ފެސިލިޓީގެ އަމާޒަކީ ޒަމާނީ ދަނޑުވެރިކަމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އާބަން އެންޑް ޕްރޮޓެކްޓެޑް އެގްރިކަލްޗަ، ޓެރަސް ނުވަތަ ވާޓިކަލް ގާޑްނިން، ޕޯލްޓްރީ އެންޑް ސްމޯލް ލައިވް ފާމިން، އެގްރޯ ޕްރޮސެސިން އެންޑް ވެލިއު އެޑިޝަން، އެގްރޯފޮރެސްޓްރީ އަދި ޕްލާންޓް ނާސަރީތައް ގާއިމު ކުރުމަށް ކަމަށާއި އަދި މީގެ އިތުރުން މިނިސްޓްރީގެ މެންޑޭޓާއި އެއްގޮތަށް ޖަނަވާރުގެ ދުޅަހެޔޮކަން އިތުރު ކުރުމަށްޓަކައި ވެޓެރިނަރީ ސާރވިސް، ޕެޓް ފާމް، ޕެޓް ސަޕްލައި ކުރުން ފަދަ މަސައްކަތްތަކަށް ވެސް މި ފެސިލިޓީގެ ދަށުން ފައިނޭންސް ދޫކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ޕްރޮގްރާމްތަކުގެ އެންމެ ބޮޑު މަދުސަދަކީ، ރާއްޖޭގެ ދަނޑުވެރިންނަށް އެފަރާތްތަކުގެ ވިޔަފާރިތަކަށް އިންވެސްޓް ކުރުމަށް މަގުފަހުކޮށް ދިނުމަށް ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަގުފަހިކޮށްދިނުމާއި އެކު، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުން ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ދަނޑުވެރި މަންފާ ގްރާންޓް ސްކީމަކީ، އެސްއެމްއީ ޑިޖިޓަލްއާއިއެކު ކުރިއަށްދާ ސްކީމެއް ކަމުން ގްރާންޓް އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެސްއެމްއީ ޑިޖިޓަލް ޕޯޓަލްއިންނެވެ.




