twitterviber whatsapp telegramfacebookyoutube instagram
25th September 2026

އިހަވަންދޫ ހޮސްޕިޓަލް ހިމެނޭހެން 16 މަޝްރޫއެއް ކުރިޔަށް ނުދާތީ ޓާމިނޭޓް ކުރިން: ގީލާ

Aug 10, 2026

ހއ. އިހަވަންދޫ ހޮސްޕިޓަލް ހިމެނޭހެން 16 މަޝްރޫއެއް އެއްވެސް ގޮތަކަށް ނުހިނގާތީ ކޮންޓްރެކްޓް ބާތިލް ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ ކުރީ ސަރުކާރުން ހޮސްޕިޓަލް އެޅުން ފަދަ ގިނަ މަޝްރޫއުތަކެއް ފަށައި ކުންފުނިތަކަށް އެޑްވާންސްކޮށް ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މަސައްކަތެއް ނުހިނގާ ދިގު މުއްދަތެއް ހިނގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން 16 މަޝްރޫއެއް އެއްވެސް ވަރަކަށް ކުރިޔަށް ގޮސްފައި ނުވީ ނަމަވެސް އެ މަޝްރޫއުތަކަށް 60 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ގީލާ ވިދާޅުވި އެވެ.

"އިހަވަންދޫ ހޮސްޕިޓަލަކީ ވެސް އެފަދަ ގޮތަކަށް އެޑްވާންސްކޮށް ފައިސާ ދޫކުރުމަށް ފަހު އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާތީ މިދިޔަ އަހަރު މާޗު މަހު ޓާމިނޭޓް ކުރިން." ގީލާ ވިދާޅުވި އެވެ.

މަޝްރޫއުތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާ މައްސަލާގައި ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް ބަލައި ތަހުގީގު ކުރާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވެސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293