އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވާން މިނިސްޓަރަށް އެއް ގަޑިއިރު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ސައީދު މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ 13 މެންބަރުން ސޮއި ކުރައްވައި މަޖިލީހަށް މައްސަލައެއް ހުށަހެޅީ މި މަހު 1 ގަ އެވެ.
އެ މައްސަލަ ކުރިޔަށް ދާނެ ގޮތް ނިންމުމަށް މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވީ އެ މައްސަލާގައި ބަހުސް ކުރުމަށް މެންބަރުންނަށް އެއް ގަޑިއިރު އަދި ޖަވާބުދާރީވުމަށް ސައީދަށް އެއް ގަޑިއިރު ދިނުމަށެވެ.
އެ ހުށަހެޅުމަށް ކޮމިޓީ އަށް ހާޒިރުވެ ތިއްބެވި ހުރިހާ މެންބަރުން ތާއީދު ކުރެއްވި އެވެ. އަދި އެގޮތަށް ޖަލްސާ ކުރިޔަށް ގެންދަން ފާސް ކުރި އެވެ.
ސައީދާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި ގަރާރުގައި މައިގަނޑު ހަ މައްސަލައެއް ވަނީ ފާހަގަ ކޮށްފަ އެވެ. އެއީ؛
1. ޑޮލަރުގެ އަގު ކަޅުބާޒާރުގައި ހުއްޓުމެއް ނެތި މައްޗަށް ގޮސް ތަކެތީގެ އަގު އިންތިހާ އަށް އުފުލުން.
2. ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުން.
3. ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އެޅުން.
4. ޕްރައިވެޓް ސެކްޓާ ހިމާޔަތް ކުރުމުގައި ފެއިލްވުން.
5. އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް ނުރައްކާވުން.
6. އިގްތިސާދީ މަލަމަތި ބަދަލު ކޮށްލާނެ ކަމަށް ބުނެ ސައީދު ތަފާތު ބިޔަ މަޝްރޫއުތަކެއް އިއުލާން ކުރެއްވި ނަމަވެސް މަޝްރޫއުތައް ހުއްޓިފައިވުން.
ގާނޫނުއަސާސީގައި ބުނާ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް މިވަގުތު މަޖިލީހުގައި އޮތީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އެވެ.




