އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެ އަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.
އޭޑީބީން ބުނީ މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެ އަށް ދިމާވާ ތެލުގެ ދަތިތަކުން އަރައިގަތުމާއި ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީވުމަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އެ ބޭންކުން ފާހަގަ ކުރި ގޮތުގައި ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ 94 ޕަސެންޓަކީ ޑީސަލް އެވެ.
އެކަމާ ގުޅިގެން އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާ އިރު ވޯލްޑް ބޭންކުން ވެސް ވަނީ ރާއްޖެ އަށް 40 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގު އިންތިހާ އަށް އުފުލިފައިވީ ނަމަވެސް ރާއްޖޭގައި އަދިވެސް ތެޔޮ ވިއްކަނީ ހެޔޮ އަގުގަ އެވެ. އެއީ ބޮޑު އަގުގައި ގަތުމަށް ފަހު ބޮޑު އަދަދެއް ސަބްސިޑީ އަށް ހޭދަ ކޮށްގެންނެވެ.




