ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދެވަނަ ދައުރު އަންނަ ހަފްތާ ބުރާސްފަތި ދުވަހާ ހަމައަށް ދިގު ދަންމާލަން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ދެވަނަ ދައުރު އަންނަ ހޮނިހިރު ދުވަހަށް ނިމޭނެ އެވެ.
ނަމަވެސް މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ދައުރުގެ ތެރޭގައި ނިންމަން މުހިންމު ކަންކަން އަދި ހުރި ކަމަށެވެ. އެހެންވެ އަންނަ ހަފްތާ ބުރާސްފަތި ދުވަހާ ހަމައަށް ދައުރު ދިގު ދަންމަން ވޯޓަށް އަހާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މިއަދު ނެގި ވޯޓު 58 މެމްބަރުންގެ އިއްތިފާގުން ފާސްވި އެވެ.
ދައުރު ދަންމާލަން ނިންމާފައި ވަނީ ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހުގެ މަސައްކަތް މަޖިލީހުގައި ކުރިޔަށް ދާ ދަނޑިވަޅެއްގަ އެވެ.
އެ ބިލަށް އެތައް ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވުމުގެ އިތުރުން އެ ބިލު އަނބުރާ ގެންދަން ގޮވާލައި 1000 އަށް ވުރެ ގިނަ މީހުން ސޮއި ކޮށްފައިވާ ޕެޓިޝަނެއް ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.