އަސްލާ އެއްގޮތަށް ނަކަލުކޮށްގެން ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއް ރާއްޖެ އެތެރެކޮށްފައިވާތީ ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާ ކޮށްފިއެވެ.
އެމްއެފްޑީއޭއިން ގެޒެޓުކުރި މައުލޫމާތުގައި ވަނީ އަޔަލޭންޑުގެ ކުންފުންޏެއް ކަމަށްވާ ސްވޯޑްސް ލެބޯރެޓޮރީސް އަންލިމިޓެޑް ކުންފުނިން އުފައްދާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަން އަސްލާ އެއްގޮތަށް ނަކަލުކޮށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ.
އެ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތުގައިވަނީ މި އިންޖެކްޝަންގެ ބެޗު ނަންބަރު 8081399 ރާއްޖެއަށް އެތެރެކުރި ކަމަށެވެ.
މި ބެޗު ރާއްޖެ އެތެރެކޮށް ވިއްކައި ބޭނުންކުރުން މަނާ ކަމަށް، އެމްއެފްޑީއޭއިން ވަނީ އަންގައިފައެވެ.
އޮޕްޑިވޯ (ނިވޮލުމެބް)އަކީ މެލަނޯމާ އާއި ފުއްޕާމޭގެ ކެންސަރާއި ކިޑްނީ ކެންސަރު ފަދަ ކެންސަރުގެ ތަފާތު ބަލިބައްޔަށް ފަރުވާކުރަން ބޭނުންކުރާ އިންޖެކްޝަނެކެވެ. މި އިންޖެކްޝަނުން އިމިއުން ސިސްޓަމްގައި ޓީ-ސެލްގައި ހުންނަ ޕީޑީ-1 ޕްރޮޓީން ބްލޮކުކޮށް، ކެންސަރު ސެލްތައް މަރައިލުމަށް އެހީތެރިވެދެއެވެ.
މީގެ ކުރިން ވެސް، ކެންސަރަށް ފަރުވާކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކު ބެޗުތަކެއް ރާއްޖޭން ފެނި އެކަމަށް ސަމާލުވާން ޑަބްލިއުއެޗްއޯއިން އިލްތިމާސްކޮށްފައި ވެސް ވެއެވެ.