ބޭސް ހޯދުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓްފާމާ) އިން ދުނިޔޭގެ މަޝްހޫރު ފާމަސިއުޓިކަލް ކުންފުނި އެޗްޕީއެލްއާއެކު ޑިސްޓްރިބިއުޝަން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ސްޓޭޓްފާމާ އިން ބުނީ މި އެއްބަސްވުމަކީ ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށާއި، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މީގެ ސަބަބުން ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުހަލާތައް ހަރުދަނާވެގެންދާނެ ކަމަށް ސްޓޭޓްފާމާ އިން ބުންޏެވެ.
ސްޓޭޓްފާމާ އިން ބުނި ގޮތުގައި މިއީ އަސާސީ ބޭސްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދީ، ފެންވަރު ރަނގަޅު ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
އެޗްޕީއެލްއަކީ ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެކެވެ.
އެ ކުންފުނީގެ އުފެއްދުންތައް މިހާރުވެސް ޔޫރަޕް، އޭޝިއާ، އެފްރިކާ އަދި އެމެރިކާ ހިމެނޭހެން 32 އަށްވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރެ އެވެ.