ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް 2000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް މަޖިލީހަށް ޕެޓިޝަން ހުށަހެޅުމާ ގުޅޭ އިސްލާހެއް މަޖިލީހުގެ ގަވާއިދަށް ހުށަހަޅައިފި އެވެ.
ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު މިއަދު ވަނީ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންތަކުގައި ހުންނަން ޖެހޭ ޝަރުތެއް އުނި ކުރަން ހުށަހަޅައިފަ އެވެ. އެގޮތުން އޭނާ ހުށަހެޅީ މަޖިލީހުގެ ގަވާއިދުގެ 257-1 ވަނަ މާއްދާގެ (ޅ) އުނިކުރުމަށެވެ.
އެ މާއްދާގައި ބުނެފައި ވަނީ ޕެޓިޝަނެއްގައި، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިޔަށްގެންދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައި ނުވުމެވެ.
ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ހުށަހެޅި ބިލާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅާފައިވާ އިރު އެ ބިލް ފާސް ކުރުމަށް ގޮވާލާ ޕެޓިޝަނެއްގެ މަސައްކަތް ވެސް އިއްޔެ ވަނީ ފަށައިފަ އެވެ.
ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން ހުށަހެޅި މި ބިލު ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ބަލައިގަންނަން ފާސްކޮށް ކޮމިޓީ މަރުހަލާ ފަށައިފަ އެވެ.




