ޓްރަމްޕުގެ "ބޯޑް އޮފް ޕީސް" އިން އެކުލަވައިލި ސުލްހައިގެ މަގުޗާޓު ލަސް ކުރުމެއް ނެތި ތަންފީޒު ކުރަން ރާއްޖެއިން ގޮވާލައިފި އެވެ.
ޣައްޒާ އަށް ހަމަޖެހުން ގެނައުމަށްޓަކައި އެ މަގުޗާޓުގައިވާ އެންމެ މުހިންމު އެއް ނުކުތާއަކީ އިޒްރޭލުގެ ސިފައިން ޣައްޒާ އިން ފޭބުމެވެ. ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތެންޔާހޫ ބުނެފައިވާ ގޮތުގައި ހަމާސް އިން ހަތިޔާރު ބެހެއްޓުމުން ނޫނީ އެ މަގުޗާޓެއް ތަންފީޒެއް ނުކުރާނެ އެވެ.
އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ޓްރަމްޕް އެކުލަވާލައި އދ ގެ ސެކިއުރިޓީ ކައުންސިލުން ތާއީދު ކޮށްފައިވާ ޕީސް ޕްލޭން އިޒްރޭލުން ބަލައިނުގަތުން ކުށްވެރި ކުރާ ކަމަށެވެ.
އިޒްރޭލުން އެ ޕްލޭން ބަލައިނުގަތުން ރާއްޖެއިން ސިފަ ކުރީ ޣައްޒާ އަށް ހަމަޖެހުން ގެނައުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅުން ގޮތުގަ އެވެ.
ޣައްޒާ އަށް ކުރިމަތިވެފައިވާ ހާލަތަށް ލުޔެއް ހޯދުމަށާއި އެތަނުގައި ހަމަޖެހުމާއި ރައްކާތެރިކަން ގާއިމްކޮށް އަލުން އާރާސްތު ކުރުމަށްޓަކައި ލަސް ކުރުމެއް ނެތި ޕީސް ޕްލޭން ތަންފީޒު ކުރަން ޖެހޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.




