ހުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ނިންމީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށެވެ.
އެގޮތުން އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ހުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދުން މީހުން ދޫކުރަން މިހާރުވަނީ ފަށާފަ އެވެ.
އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކަށް ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، ބަންދަށް ލުއި ދިނުމުގެ މަސައްކަތް ޕީޖީ އޮފީހުން އަންނަނީ ކުރަމުންނެވެ.
މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއި ދެވޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނަށް ކަމަށްވެސް ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވެ އެވެ. ޕީޖީ އޮފީހުން ބުނީ އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.