މަސްވެރި ސިނާއަތް ކުރިއެރުމަށްޓަކައި، ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ "އާރުވެރި މެޗިންގް ގްރާންޓް" ސްކީމް އިފްތިތާހުކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސްކީމް އިފްތިތާޙުކޮށް ދެއްވީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.
ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ މި ގްރާންޓް ސްކީމުގެ ދަށުން ހާއްސަ 7 ދާއިރާއަކަށް އިސްކަން ދީފައިވެ އެވެ.
ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ހަރަދުގެ 40 ޕަސެންޓް ހަމަޖައްސައި ދޭނީ ހިލޭ އެހީގެ ގޮތުގަ އެވެ.
މި ސްކީމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށް ދިނުން ހިމެނެ އެވެ.
މީގެ އިތުރުން، މެރިކަލްޗަ ތަރައްގީ ކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމަކީ ވެސް މި ގްރާންޓްގެ މަގުސަދެކެވެ.
ގްރާންޓަށް އެޕްލިކޭޝަން ހުށަހެޅޭނެ ޚާއްސަ ޕޯޓަލެއް aaruveri.fishagriocean.gov.mv ވެސް ތައާރަފުކޮށްފައިވެ އެވެ.




