މުދަލު ޒަކާތް ވާޖިބުވާ ނިސާބު އަނެއްކާ ވެސް ބަދަލުވެއްޖެ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ އެ މީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރުވުމުން، ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައިކުޅަ އެއްބައި (2.5 އިންސައްތަ) އެވެ.
ޒަކާތު ހައުސްއިން އިން ބުނީ މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،266.10ރ. ކަމަށެވެ.
އެންމެ ފަހުން ނިސާބަށް ބަދަލު ގެނައީ މިދިޔަ އޭޕްރިލް މަހު އެވެ. އެ ފަހަރު 21،836.50 ރުފިޔާއަށް ޒަކާތުގެ ނިސާބު ބޮޑު ކުރި އެވެ. އޭގެ ކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ 19،527.90 ރުފިޔާގައި އެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެ އެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަ ކުރަނީ މަރުކަޒީ ބޭންކް ،އެމްއެމްއޭއިންނެވެ.




