ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ހަދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ބިން ހަވާލު ކޮށްފި އެވެ.
އުލިގަމުގައި ޔޮޓް މެރީނާއެއް ހަދުމުގެ މަސައްކަތް އެމްޕީއެލް އާ ހަވާލު ކުރީ 2024 ވަނަ އަހަރުގަ އެވެ. އިއްޔެ ސޮއި ކުރީ އެތަން ތަރައްގީ ކުރާ ބިން އެ ކުންފުންޏާ ހަވާލު ކުރުމުގެ އެއްބަސްވުމުގަ އެވެ.
އެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހުސެއިން ޝަފީގެވެ. އުލިގަމު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަސަދުﷲ މުހައްމަދެވެ.
އެކަމާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ޝަފީގު ވިދާޅުވީ ޔޮޓް މެރީނާ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި މަހު ފަށާނެ ކަމަށެވެ.
އެ ޔޮޓް މެރީނާގައި 18 ޔޮޓްގެ ކެޕޭސިޓީ ހުންނާނެ ކަމަށާއި ފަހުން އިތުރަށް ފުޅާކޮށް ދުނިޔެ ފެންވަރުގެ ތަނަކަށް ވެގެންދިޔުމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އުލިގަމުގައި މިހާރު ވެސް ގިނަ އަދަދެއްގެ ޔޮޓުތައް ބަނދަރު ކުރެ އެވެ.




