މަސްވެރިކަމުގެ ސިނާއަތުގައި ދިވެހިންގެ ދައުރު ފުޅާކުރުމުގެ މަގްސަދުގައި، ޝަރުޠުހަމަވާ ގައިދީންނަށް އަމާޒުކޮށްގެން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވުމުގެ "ވޯކް-ބޭސް ޑް" ރިހެބިލިޓޭޝަން ޕްރޮގްރާމެއް އެކުލަވާލުމާ ގުޅޭގޮތުން ސަރުކާރުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އާއެކު މަޝްވަރާކޮށްފިއެވެ.
މިބައްދަލުވުމުގައި، ފިސަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވަނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ.
ވަޒީރު އަޙްމަދު ޝިޔާމާއި ވަޒީރު ޢަލީ އިޙްސާން، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާ ބައްދަލުކުރެއްވުން.
— Min of Fisheries, Agriculture and Ocean Resources (@MFAORmv) August 24, 2026
މި ބައްދަލުކުރެއްވުމުގައި، މަސްވެރިކަމުގެ ސިނާޢަތުގައި ދިވެހިންގެ ދައުރު ފުޅާކުރުމުގެ މަޤްޞަދުގައި، ޝަރުޠުހަމަވާ ޤައިދީން މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވައި، ޢަމަލީ… pic.twitter.com/n8bVMWcY6n
ފިސަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ، ޝަރުތު ހަމަވާ ގައިދީން މުޖުތަމައަށް އަލުން ރުޖޫއަކުރުމުގެ ގޮތުން، އެފަރާތްތަކަށް މަސްވެރިކަމުގެ އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމަށެވެ. އަދި މަސައްކަތުގެ މާހައުލަށް އެފަރާތްތައް އަހުލުވެރިކުރުވައި، އުފެއްދުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށްޓަކައި ހިންގިދާނެ "ވޯކް-ބޭސްޑް" ރިހެބިލިޓޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މުހިންމުކަމުގެ މައްޗަށެވެ.
މީގެއިތުރުން މަސްވެރިކަމުގެ ދާއިރާގައި ބޭރު މީހުންގެ ބަދަލުގައި ދިވެހިންގެ ހިއްސާ އިތުރުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތަކަށްވާއިރު، މިފަދަ ޕްރޮގްރާމެއްގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް ދިވެހި ޒުވާނުންނާއި މަސައްކަތްތެރިން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން އަންނަނީ ކުށްކުރާ ފަރާތްތައް އިސްލާޙުކޮށް، އެފަރާތްތަކަކީ ގައުމަށް ފައިދާހުރި، އާމްދަނީ ހޯދޭނެ ފަދަ މަސައްކަތްތެރި ބަޔަކަށް ހެދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ލިބި، ދިވެހި މަސްވެރިކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.




