އިތުރު ޑިކްލަރޭޝަން ހުށަހެޅުމަކާ ނުލައި އަމިއްލަ ބޭނުމަށް ވަކި މިންވަރަކަށް ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމާ ބެހޭ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.
ގެޒެޓްގައި މިއަދު ވަނީ ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތިން ޑިއުޓީ މައާފު ކުރުމުގެ އުސޫލަށް ގެނައި އެއްވަަނަ އިސްލާހު އާއްމުކޮށްފައެވެ.
މިގޮތުން ރާއްޖެ ބޭރުން ގެންނަ ތަކެތީގެ ތެރެއިން ގުޑްސް ޑިކްލަރޭޝަން ހުށަހަޅަން ނުޖެހޭ ތަކެތީގެ ގޮތުގައި، ކަނޑައަޅާފައި ވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ އުމުރުން 21 އަހަރުން މަތީގެ ފަރާތްތައް އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތަކެވެ.
އޭގެ ތެރޭގައި:
- 200 ސިނގިރޭޓް (ހީޓަޑް ޓޮބޭކޯ، ބިޑި)
- 20 ސުއްޓާ
- 100 ގްރާމް ދުންފަތް
- ދުންފަތުގެ އެހެން ބާވަތްތައް ގުނާނީ ގްރާމުން
އޭގެ އިތުރުން، އުމުރުން 21 އަހަރުން މަތީގެ މީހުން، ރާއްޖެއިން ބޭރަށް ދަތުރު ކުރުމަށް ފަހު އަމިއްލަ ބޭނުމަށް ގެންނަ ރޯލިން ޓޮބޭކޯ ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށްޓަކައި، ދުންފަތް އޮޅުމަށް ބޭނުން ކުރާ ދުންފަތުގެ ބާވަތްތައްވެސް ދޫކުރެވޭނެ ކަމަށް މި އުސޫލުގައި ވެއެވެ.
- ފަހަރު ސިނގިރޭޓެއް ނުވަތަ ބިނޑިއެއް އެނބުރޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ މެނުއަލް ކުދިކުދި ޕޯޓަބަލް މެޝިން/އާލާތް
- ސިނގިރޭޓް ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ، ނޯޅާ ހުންނަ 50 ކަރުދާސް
- ސިނގިރޭޓް ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ، ނޯޅާ ހުންނަ 50 ފިލްޓަރު
- ސިނގިރޭތް ނުވަތަ ބިނޑި އަނބުރަން ބޭނުން ކުރާ 50 ހުސް ޓިޔުބު ނުވަތަ ޕައިޕް ފިލްޓަރާއެކު ހުންނަ ހުސް ޓިޔުބު
މި އުސޫލު މިގޮތަށް އޮތަސް 1 ޖެނުއަރީން 2000 އިން ފެށިގެން އުފަންވެފައިވާ މީހުންނަަށް މި ތަކެތި ދޫނުކުރެވޭނެ ކަަމަށް ބުނެފައި ވެއެވެ. އަދި ފްލެވޯޑް ޝީޝާއާއި، ސިނގިރޭޓް ފަދަ ތަކެތިވެސް އެތެރެ ނުކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.




