އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަނުކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
އަބްދުލްއަޒީޒް ޖަމާލްއާ އިންޓަވިއުކުރުމަށްފަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން ވަނީ އޭނާއަށް 75 ޕަސެންޓަށްވުރެ މަތިން މާކްސް ދީފައެވެ. އެއާއެކު އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ ތާއީދާއެކުއެވެ.
ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ އިދާރާއިން ބުނީ، ސިޔާސީ މަގާމެއް ފުރުއްވާ ބޭފުޅަކަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާނުކުރެވޭނެ ކަމަށް ގާނޫނުގައި އޮންނާތީ، އެ މަގާމަށް އަބްދުލްއަޒީޒް އައްޔަނުކޮށްފި ނަމަ މިހާރު ހުންނެވި މަގާމު ދޫކޮށްލަން އިގުރާރު ކުރުވާފައިވާ ކަމަށާއި އޭނާގެ ޝަރުތު ހަމަވާ ކަމަށެވެ.
އާ އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރުމުގެ މަސައްކަތް މި ކުރަނީ، ރައީސް އޮފީހާއި ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހާމަނުކުރާ މައްސަލަތަކުގައި ދައުލަތް ގޯސްކުރާތީ މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދުއާ މެދު ސަރުކާރުގެ ހިތްހަމަނުޖެހުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އައްޔަންކުރަން ކޮމިޓީން ފާސްކުރިއިރު، އޭނާ އެ މަގާމަށް ކުފޫ ހަމަނުވާ ކަމަށް ބުނެ، އެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވައިލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އިއްޔެ ވަނީ ގޮވައިލާފައެވެ.
ޓްރާންސްޕޭރެންސީއިން މިކަމަށް ގޮވާލާފައިވަނީ ޢަޒީގެ ނަމަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައިއެވެ. އެ މުއްދަތު ކުރުވުމުން، ބައެއް ފަރާތްތަކުން ވަނީ އެކަމާ މެދު ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
ޓްރާންސްޕޭރަންސީން އެކަމާ ގުޅޭ ގޮތުން ފުރަތަމަ ކުރި ޕޯސްޓެއްގައިވަނީ، ޝަކުވާ ހުށަހެޅުމަށް އިތުރު ވަގުތު ދިނުމަށް މަޖިލީހަށް ގޮވައިލައިފައެވެ.




