twitterviber whatsapp telegramfacebookyoutube instagram
25th August 2026

ޑޮލަރު އާމްދަނީގެ 40 ޕަސެންޓް މާރުކުރުމަކީ އުފުލޭނެ ބުރައެއް ނޫން: މަޓީ

ނަބީލާ އިސްމާޢީލް
Aug 24, 2026

ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަކީ، ޓޫރިޒަމް ސިނާއަތަށް އުފުލޭނެ ބުރައެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަން އިއުލާންކުރައްވައިފައެވެ.

އެ ނިންމުމާ ގުޅިގެން މަޓީން ނެރުނު ބަޔާނެއްގައި ވަނީ، ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި ކުއްލި ބައްދަލުވުމަކަށް މަޓީގެ އެގްޒެކެޓިވް ބޯޑު އިއްޔެ ރައީސް އޮފީހަށް ހާޒިރުކުރި ކަމަށެވެ. އަދި، ގާނޫނާ ހިލާފު މުޢާމަލާތްތަކެއްގެ ތެރެއިން ބޭރު ފައިސާގެ ކަޅު ބާޒާރު ހިންގުމަށާއި ޑޮލަރުގެ އަގު ބޮޑު ކުރުމުގައި ބައެއް ރިސޯޓު އޮޕަރޭޓަރުން ބައިވެރިވާ ކަމަށް ތަހުގީގުތަކުން ހާމަވި ކަމަށް، އެ ބައްދަލުވުމުގައި އެންގި ކަމަށް މަޓީން ބުންޏެވެ.

މަޓީން ބުނީ އެމްއެމްއޭ އިން ހުށަހެޅި ކެޓަގަރީ 'އޭ' ގެ ވިޔަފާރިތަކުން، މިހާރު ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން އޮންނަ އޮޕްޝަން އުވާލައި، އޭގެ ބަދަލުގައި އެންމެންނަށް އެއް އުސޫލަކުން 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ހެދުމަށް ކަމަށެވެ.

މަޓީގެ ސްޓޭންޑަކީ އަބަދުވެސް މިފަދަ އެއްވެސް ޝަރުތެއް ޖުމްލަ ސޭލްސްގެ 10 ޕަސެންޓަށް ވުރެ އިތުރުވެގެން ނުވުން ކަމަށާއި މީގެ އިތުރުން، ޤާނޫނާއި ކަމާބެހޭ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާފައިވާ، މިހާރު އޮތް މާރުކުރުމުގެ ޝަރުތުތައް ފުރިހަމަ ނުކުރެވޭ ރިސޯޓުތަކަށް އިސްތިސްނާ ދިނުމަށް އެދި ދިގުލައިގެން ގޮސްފައިވާ މައްސަލަތަކަށް ވީ އެންމެ އަވަހަކަށް ހައްލެއް ހޯދައިދިނުމަށް އެ ބައްދަލުވުމުގައި އެދިފައިވާނެ ކަމަށް މަޓީން ބުންޏެވެ.

"ކަން މިހެން އޮތްއިރު، އެ ބައްދަލުވުމަށް ހަފްތާތަކެއް ވެފައިވަނިކޮށް، ޖުމްލަ ސޭލްސްގެ 40 ޕަސެންޓަށްވާ ވަރަށް އިތުރު 100 ޕަސެންޓްގެ ބޮޑުކުރުމެއް މިހާރު ހުށަހަޅަމުންދާތީ މަޓީން ނުހަނު ކަންބޮޑުވެއެވެ. މިއީ މި ސިނާއަތަށް ތަންފީޒު ކުރެވޭނެ ކަމެއް ކަމަށް ނުދެކެމެވެ،" މަޓީގެ ބަޔާނުގައިވެ އެވެ.

މަޓީން ބުނީ އޭގެ ސަބަބަކީ ތެލާއި، މުސާރަ، ސާވިސް ޗާޖު، ސަޕްލައި، ލޮޖިސްޓިކްސް، ގެސްޓް ޓްރާންސްފާ، ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިންގ ޓެކްސް، އިންކަމް ޓެކްސް، ޓޫރިޒަމް ބިމު ކުލި، އަދި ބޭރު ފައިސާއިން ދައްކަންޖެހޭ ލޯނުތައް ފަދަ ގިނަ ކަންކަމަށް ރިސޯޓުތަކުން މިހާރުވެސް ބޮޑެތި އަދަދުތަކުން ޑޮލަރުން ފައިސާ ދައްކަމުންދާތީ ކަމަށެވެ.

މަޓީން ބުނީ އެ ޖަމިއްޔާގެ މެމްބަރުންނަކީ ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑަށް އިންވެސްޓްކޮށް، އެންމެ ގިނައިން ބޭރު ފައިސާ ހޯދައި އަދި މާރުކުރާ ފަރާތްތައް ކަމަށާއި ޤައުމުގެ އިޤްތިޞާދަށް މުހިންމު ކަންކަމުގައި، ޚާއްޞަކޮށް ރާއްޖޭގެ ބޭރު ފައިސާގެ ހާލަތާ ގުޅޭގޮތުން، ޓޫރިޒަމް ސިނާއަތުން އަބަދުވެސް ސަރުކާރާއެކު އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް އެގޮތުގައި ދެމިއޮންނާނެ ކަމަށާއި އިންސާފުވެރި، ދެމެހެއްޓެނިވި، އަދި ހަޤީޤަތްތަކުގެ މައްޗަށް ބިނާވެފައިވާ ހައްލުތަކަކަށް ވާސިލުވުމަށްޓަކައި ސަރުކާރާއި، އެމްއެމްއޭ، އަދި ހުރިހާ މަސްލަހަތުވެރިންނާއެކު ބިނާކުރަނިވި މަޝްވަރާތައް ކުރުމަށް އެ ޖަމިއްޔާ އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށްވެސް މަޓީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355