ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ހިންގަމުން އަންނަ އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޕްރޮގްރާމް ކާމިޔާބުކަމާއެކު ށ. ފުނަދޫ އަދި މިލަންދޫ ސްކޫލްގައި ނިންމާލައިފި އެވެ.
ބީއެމްއެލް އިން ބުނީ އެ ކުންފުނީގެ ޓެކްނޮލޮޖީ ޑިވިޝަންގެ 10 އަންހެން މުވައްޒަފުންގެ ޓީމަކުން ށ. ފުނަދޫ ސްކޫލާއި މިލަންދޫ ސްކޫލްގެ ގްރޭޑް ހަތެއް، އަށެއް، ނުވައެއް އަދި 10 ގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށް ސެޝަންތަކެއް ބާއްވާފައިވާ ކަމަށެވެ.
މި ޕްރޮގްރާމްގައި ދަރިވަރުންނަށް އައިސީޓީ ތައާރަފްކޮށް ދިނުމާއި ޓެކްނޮލޮޖީ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި ހަރަކާތަކީ "އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ" ފާހަގަކުރުމުގެ ގޮތުން، ޓެކްނޮލޮޖީ ދާއިރާއިން ތައުލީމާއި ވަޒީފާގެ ފުރުސަތުތަކަށް އަންހެން ކުދިން ޝައުގުވެރިކުރުވުމުގެ މަގުސަދުގައި ބީއެމްއެލްއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ މި ޕްރޮގްރާމް ޖެހިޖެހިގެން ބާއްވާ ހަތަރުވަނަ އަހަރެވެ.




