twitterviber whatsapp telegramfacebookyoutube instagram
26th August 2026

ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

Aug 26, 2026

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރަން މަޖުބޫރުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ނިންމުމެއް ކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ކެންދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ގަވާއިދުގެ ދަށުން ބަލައިގަނެވެން ނެތް ކަމަށެވެ.

މެންބަރު މައުރޫފް ހުށަހެޅުއްވި މައްސަލައިގައިވަނީ، މިހާރު ކަނޑައަޅާފައިވާ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން އޮންނަ އުސޫލު ބަދަލުކޮށް، ޖުމްލަ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށާއި އިގުތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމެއް ކަމަށެވެ.

ޑޮލަރު މާރުކުރުމުގެ މުއްދަތު ތިން މަހުން އެއް މަހަށް ކުރުކުރުމާއި، ބޭންކުތަކަށް މާރުނުކުރާ ފައިސާ ހޭދަކުރާ ގޮތް ބެލޭނެ އުސޫލުތަކެއް ހަދަން އުޅޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ހާމަކުރައްވާފައިވާކަން ވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ރާއްޖޭގެ 146 ރިސޯޓު ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވެސް އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ ކުރެވޭނެ އަދި ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ބުނެފައިވާކަން މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

ރިސޯޓުތަކުން ތެލާއި، މުވައްޒަފުންގެ މުސާރައާއި، ސާވިސް ޗާޖާއި ޓެކުހުގެ އިތުރުން ބޭރުގެ ބޮޑެތި ލޯނުތައް އަދާކުރަންޖެހެނީ ޑޮލަރުން ކަމަށްވާއިރު، އެއްވެސް މަޝްވަރާއެއް ނެތި މިފަދަ ނިންމުމެއް ނިންމުމަކީ ބޮޑު ބޭއިންސާފެއް ކަމަށް ވެސް މައުރޫފްގެ މައްސަލައިގައިވެއެވެ.

އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރަށް ގޮވާލައި މި މައްސަލަ މަޖިލީހަށް ހުށަހެޅި ނަމަވެސް، މަޖިލީހުގެ ތަޅުމުން އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355