އެހެން މީހެއްގެ ފާސް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއަށް ވަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ އިންޑިއާ އަށް ނިސްބަތްވާ ސަންޖީވާ ރެޑީ ޔެލްމާ 45، އެވެ. އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ފުލުހުން ސަންޖީވާގެ މައްޗަށް ކޮށްފައި ވަނީ ވީއައިއޭގެ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން އެހެން މީހަކަށް ދޫކޮށްފައި އޮތް އެކްސެސް ކޮންޓްރޯލް ފާހެއް ބޭނުންކޮށްގެން ވީއައިއޭގެ އިރުމަތީ ފަޅީގެ 51 ނަންބަރު ގޭޓުން ވަންނަން އުޅުނުކަމުގެ ތުހުމަތެވެ.
މި މައްސަލައިގެ އޭނަ ކޯޓްގައި ބުނެފައި ވަނީ ބޭނުންކުރި ފާހަކީ މަސައްކަތްކުރާ ތަނުގެ ބޮސް ދީފައިވާ ފާހެއް ކަމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން ސަންޖީވާ ބޭނުންކުރި ފާހަކީ އެހެން ބިދޭސީއަކަށް ދޫކޮށްފައިވާ ފާހެކެވެ. އަދި އެއީ ވޯކް ވިސާ ކެންސަލްކޮށްފައިވާ މީހެއް ކަމަށް ވެސް އަމުރުގައިވެ އެވެ.




