twitterviber whatsapp telegramfacebookyoutube instagram
31st August 2026

އިންޝުއަރެންސާ ގުޅޭ ދެ ގަވައިދަށް އަމަލުކުރަން ފަށައިފި

ނަބީލާ އިސްމާޢީލް
Aug 30, 2026

ރާއްޖޭގެ އިންޝުއަރެންސާ ބެހޭ ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ މުހިންމު ދެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ދެ ގަވައިދު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ގެޒެޓްގައި ޝާއިއުކުރި ދެ ގަވައިދަކީ އިންޝުއަރެންސް ރާއްޖޭގައި ހުރި ރިސްކުތަކާ ބެހޭ ގަވައިދާއި އިންޝުއަރެންސް އާންމު މާއްދާތަކުގެ ގަވައިދެވެ.

ރާއްޖޭގައި ހުރި ރިސްކުތަކާ ބެހޭ ގަވައިދަކީ ރާއްޖޭގައި ހުރި ރިސްކު ކަމަށް ބަލާނެ ރިސްކުތައް ކަނޑައެޅުމަށާއި އެފަދަ ރިސްކެއް ކަވަރު ކުރުމަށް ރާއްޖޭގައި ހިންގާ ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމަށް އޮންނަ އޮތުމަށް އިސްތިސްނާ ދެވޭނެ ގޮތްތައް ބަޔާން ކުރުމުގެ ގަވައިދެވެ.

މިގޮތަށް އޮތޯރިޓީގެ ވެބްސައިޓުގައި ބަޔާން ކުރާނެ ހާލަތްތަކުގެ އިތުރުން އިސްތިސްނާ ހޯދުމަށް އޮތޯރިޓީއަށް ހުށަހެޅިދާނެ ހާލަތްތައް ވެސް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

އާންމު މާއްދާތަކުގެ ގަވައިދަކީ އިންޝުއަރެންސްއާ ބެހޭ ގާނޫނުގައި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމުމަށް ނުވަތަ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ މާއްދާތަކުގެ ބޭނުމަށް އެކުލަވާލާފައިވާ ގަވައިދެކެވެ.

މިގޮތުން، މި ގަވާއިދުގައި ހިމެނޭ މުހިއްމު ކަންކަމުގެ ތެރޭގައި ރާއްޖޭގައި ހުރި އިންޝުއަރެންސް ވިޔަފާރިއެއް ސޮލިސިޓްކުރުމަށް ގާނޫނުގައި ހުއްދަ ކުރެވިފައިވާ ފަރާތްތަކަށް ސޮލިސިޓްކުރެވޭނެ ދާއިރާތަކާއި، އިންޝުއަރެންސް ބްރޯކަރކަމުގެ ލައިސަންސް ދޫކުރުމުގައި ބަލާނެ ކަންކަމާއި ބްރޯކަރކަމުގެ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތާއި، އިންޝުއަރެންސްއާބެހޭ ގާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ.

މީގެއިތުރުން، އިންޝުއަރެންސް ވިޔަފާރި ކުރުމުގެ ލައިސެންސް ދިނުމުގައި ބަލާނެ ޝަރުތުތަކާއި، ކުންފުނިތަކުގެ ބްރާންޗްތަކާއި ސަބްސިޑަރީތަކަށް ލައިސެންސް ދިނުމުގައި ބަލާ ޝަރުތުތަކާއި، ސެކިއުރިޓީ ޑިޕޮސިޓް އަދި އިންޝުއަރެންސް ފަންޑް ގާއިމްކުރުމުގައި އަމަލުކުރަންޖެހޭ އެންމެހައި މިންގަނޑުތައް ވެސް މި ގަވާއިދުގެ ދަށުން ވަނީ ކަނޑައަޅައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355