twitterviber whatsapp telegramfacebookyoutube instagram
31st August 2026

އާމްދަނީ އާއި ހަރަދުގެ ސާވޭތަކެއް މާލެ އާއި ހއ. އަތޮޅުގައި ކުރިޔަށް ދަނީ

Aug 31, 2026

ގޭބިސީތަކުގެ އާމްދަނީ އާއި ހަރަދުތަކާ ގުޅޭ ސާވޭއެއް މާލެ އާއި ހއ. އަތޮޅުގެ ރަށްރަށުގައި ފަށައިފި އެވެ.

މޯލްޑިވްސް ސްޓެޓިސްޓިކަސް ބިއުރޯ އިން ބުނީ ހއ. ގެ ބައެއް ރަށްރަށުގައި އެ ސާވޭ ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށާއި އަންނަ ބުރާސްފަތި ދުވަހަށް ސާވޭ ކުރިޔަށް ދާނެ ކަމަށެވެ.

މާލޭގައި މި ސާވޭ ފޭށީ މިދިޔަ ހޮނިހިރު ދުވަހެވެ. އަދި އަންނަ މަހު 10 އަކާ ހަމައަށް މާލެ ސަރަހައްދުގައި ކުރިޔަށް ދާނެ ކަމަށް އެ ބިއުރޯ އިން ބުންޏެވެ.

ސާވޭ ކުރިޔަށްދާ ރަށްތައް:

  • މާލެ ސަރަހައްދު
  • ހއ. ބާރަށް
  • ހއ. ދިއްދޫ
  • ހއ. ހޯރަފުށި
  • ހއ. އިހަވަންދޫ
  • ހއ. ކެލާ
  • ހއ. މުޅަދޫ

ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނި ގޮތުގައި އެ ސާވޭ ހަދަނީ ގޭބިސީގެ އެވަރޭޖް ހަރަދާއި އެކި ކަންކަމަށް ހަރަދު ކުރާ މިންވަރު ދެނެގަތުމާއި ފަގީރުކަމުގެ މިންގަނޑުތައް އެކުލަވާލުމަށެވެ. އަދި ބާޒާރުގެ އަގުތަކުގެ މިންގަނޑު (ސީޕީއައި) ގެ ބަރުދަން އިސްލާހު ކުރުމާއި އާމްދަނީ އާއި ހަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް ވެސް އެކުލަވައިލުމަށެވެ.

އެގޮތުން ވޭތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ކޮށްފައިވާ ހަރަދުތަކާއި ރާއްޖެއިން ބޭރުން ސިއްހީ ފަރުވާ ހޯދަން ދިޔަ ހަރަދުތައް ހޯދާނެ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯ އިން ބުންޏެވެ.

އޭގެ އިތުރުން ގޭބިސީގައި ކެއުމަށް ބޭނުން ކުރާ ތަކެއްޗާއި ވޭތުވެދިޔަ ހަތް ދުވަސް ތެރޭގައި ބޭރުން ކެއުން ބުއިމަށް ކޮށްފައިވާ ހަރަދުތައް ފަދަ މައުލޫމާތުތައް އޮޅުން ފިލުވާނެ ކަމަށް އެ ބިއުރޯ އިން ބުންޏެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުތަކާ ބެހޭ ގާނޫނުން މިފަދަ ސާވޭތައް ހެދުން ހުއްދަ ކުރާއިރު އެ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަން ވެސް ލާޒިމް ކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355