ކުޅުދުއްފުށީގެ އޮޑިހަރުގެއަކާއި ގުދަނަކަށް ވަދެ، ގިނަ އަދަދެއްގެ ކަރަންޓު ސާމާނާއި އާލާތްތަކެއް ވަގަށް ނަގައި މުދަލަށް ގެއްލުންދިން މައްސަލައެއް ސާބިތުވެ، ކުޅުދުއްފުށީ މީހަކު އެއް އަހަރާއި ދެ މަހަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
ކުޅުދުއްފުށީ ވައިޓްހާޑް، މުހައްމަދު ނަބީލް އަހުމަދުގެ މައްޗަށް މި ހުކުމް އިއްވާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ހިންގި ވައްކަމުގެ ހާދިސާއަކާ ގުޅިގެންނެވެ.
އޭނާ ވަނީ ހުއްދަ ނެތި "ޑިސްކަވަރީ" ދޯނީގެ އޮޑިހަރުގެއަށާއި "އެތުމާ ހިތްތަލަ" ނަމަކަށް ކިޔާ ގުދަނަށް ވަދެފައެވެ. އަދި އެ ތަންތަނުން ޗެއިން ސޯ، ޑްރިލް، ގްރޭންޑަރު، ރެންޗް ސެޓުތައް ފަދަ ގިނަ އާލާތްތަކެއް ވަގަށް ނެގުމުގެ އިތުރުން، އޭގެ ތެރެއިން ބައެއް ޗެއިން ސޯތައް މޫދަށް އެއްލާލައި ގެއްލުންދީފައިވާކަން ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.
ދައުލަތުން އުފުލި ވައްކަމުގެ ދެ ދައުވާއާއި، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދެ ދައުވާގެ އިތުރުން މުދަލަށް ގެއްލުންދިނުމުގެ ދައުވާއަށް ނަބީލް ވަނީ ކޯޓުގައި އިއުތިރާފުވެފައެވެ.
މައްސަލަ ބެއްލެވި އިސް މެޖިސްޓްރޭޓް މުހައްމަދު އިސްމާއީލް ނިންމެވީ، ވައްކަމުގެ މައިގަނޑު ދައުވާއަށް 7 މަހާއި 25 ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅުއްވުމަށެވެ. އެއީ ތަޙުޤީޤު މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި 53 ދުވަސް ކެނޑުމަށް ފަހު އައި އަދަބެކެވެ. މީގެ އިތުރުން، ސާބިތުވި އަނެއް ހަތަރު ދައުވާއަށް، ޤާނޫނުލްއުޤޫބާތުގައި ބަޔާންކުރާ އަދަބު ކުޑަކުރުމުގެ އުސޫލުގެ ދަށުން، އިތުރު 6 މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ވަނީ ކަނޑައަޅާފައެވެ.
ޖަލު ހުކުމުގެ ބަދަލުގައި ގޭބަންދަށް ބަދަލުކޮށްދިނުމަށް ނަބީލްގެ ފަރާތުން އެދުނު ނަމަވެސް، ކޯޓުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. މެޖިސްޓްރޭޓް ނިންމެވީ އެއް ހާދިސާއެއްގެ ތެރެއިން ގިނަ ކުށްތަކަކަށް އޭނާ އަރައިގަނެފައިވާތީ، ހުކުމުގެ ބާވަތް ލުއިކޮށްދެވެން ނެތް ކަމަށެވެ.




