ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުން އިބްރާހިމް މާހިރު މިއަދު ރިޓަޔާކުރައްވައިފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި މާހިރު، ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވަން ނިންމެވި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އިބްރާހީމް މާހިރު، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފިއެވެ. ފަނޑިޔާރު އަލްއުސްތާޛު އިބްރާހީމް މާހިރު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދަންނަވަމެވެ pic.twitter.com/lKnHH09LRY
— High Court of Maldives (@mvhighcourt) September 6, 2026
މަތީ ކޯޓަށް އައްޔަން ކުރެއްވިތާ 11 މަސް ދުވަހުގެ ތެރޭގައި މަގާމުން ރިޓަޔާކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިދިޔަ މަހުގެ ތެރޭގައި ހުށަހެޅުއްވުމުން އެ ކޮމިޝަނުން ވަނީ އެކަން ގަބޫލުކޮށްފަ އެވެ.
މާހިރު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ސިވިލް ކޯޓުގަ އެވެ. ނަމަވެސް، އޭގެ ފަސް އަހަރު ފަހުން، 2010 ފެމިލީ ކޯޓަށް ބަދަލުވެ، ހައި ކޯޓަށް އައްޔަންކުރެއްވުމާ ހަމައަށް މާހިރު ހުންނެވީ އެ ކޯޓުގަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަތީ ފެމިލީ ކޯޓުގައި 2022 ވަނަ އަހަރުން ފެށިގެން އެ ކޯޓުގެ އިސް ގާޒީކަމުގެ މަގާމުގައި ހުންނެވުމަށް ފަހުގަ އެވެ.