އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓްރީނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުވާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން މި އަހަރު ވަނީ ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ އާ ގަވާއިދެއް ގެޒެޓްކޮށްފަ އެވެ.
މިހާރު އުވާލެވިފައިވާ ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގަމުން ގެންދާ ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމަށް މި ގަވާއިދުގައި ދީފައިވަނީ ހަ މަސް ދުވަހެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިކަމަށް ދެވިފައިވާ އެންމެ ފަހު ތާރީހަކީ މި އަހަރުގެ އޮކްޓޫބަރު 27 ކަމަށާއި މި މުއްދަތު ހަމަވާއިރު ރި ރަޖިސްޓްރީކޮށް ރިކޯޑް އަދާހަމަ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓަރީތައް ބާތިލު ކުރެވޭނެ ކަމަށެވެ.
މީގެ ކުރިން ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރަން ޖެހެނީ އެއިރެއްގައި އެ މަސްއޫލިއްޔަތު ހަވާލުކޮށްފައި އޮންނަ މިނިސްޓްރީގަ އެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނާއެކު އެ ކޮމިޝަން އުފެދުމުން މިހާރު ނޫސްމަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ އެކޮމިޝަނާއި ވަނީ ހަވާލުކޮށްފަ އެވެ.




