އިހުތިރާމު އަދާކުރުމުގެ ފަސް އަހަރު ދުވަހުގެ މަޝްރޫއެއް މުޅި ރާއްޖޭގައި ހިންގެވުމަށާއި އަދި ގައުމީ ފެންވަރުގައި "ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް" އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމަކީ މި މަހުގެ ހަވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ނިންމެވުމެކެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމުގައި، ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއެކު، އިހްތިރާމު އަދާކުރުމުގެ ފަސް އަހަރު ދުވަހުގެ މަޝްރޫއެއް މުޅި ރާއްޖޭގައި ހިންގެވުމަށާއި އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ޝިޢާރަކީ "އިހްތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅުއްވާފަ އެވެ.
މީގެއިތުރުން މި މަޝްރޫއު ހިންގުމަށް ވިލަރެސްކުރާ މި ފަންނުގެ ތަޖުރިބާ ހުރި ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފެއްދެވުމަށްވެސް ވަނީ ނިންމަވާފަ އެވެ.
- މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް
- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް
- މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް
- މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
- މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
-ޕަބްލިކް ސާވިސް މީޑިއާ
އިހްތިރާމް އަދާކުރުމުގެ ދުވަހެއް ގައުމީ ފެންވަރުގައި "ގައުމީ އިހްތިރާމް އަދާކުރުމުގެ ދުވަސް"ގެ ގޮތުގައި އަހަރަކު އެއް ފަހަރު ފާހަގަކުރުމަށާއި އެ ދުވަހަކީ މި މަޝްރޫއު އިފްތިތާޙު ކުރާ ދުވަސްކަމުގައި ހަމަޖެއްސެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.




