މިޒަމާނުގައި އެންމެ ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ އެއް ކަމަކީ މާޔޫސްކަން ނުވަތަ ޑިޕްރެޝަން އާއި ނުތަނަވަސްކަން ނުވަތަ އެންޒައިޓީ ފަދަ ނަފުސާނީ ބަލިތަކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން މީހުންނެއް މިފަދަ ނަފުސާނީ ބަލި ތަކާ އެކު އުޅެމުން ދާއިރު މި ފަދަ ހާލަތްތަކުގައި ދިރިއުޅުމުގެ އާންމު ކަންކަން ކުރުމަށް ބޮޑެތި ދަތިތަކާ އެމީހުންނަށް ކުރިމަތިވެއެވެ. ޒަމާނީ ބޭސްވެރިކަމުގެ ޒަރީއާއިން ނަފުސާނީ ބަލިތަކަށް ފަރުވާގެ މަގުތައް ފަހިވެފައި ވީ ނަމަވެސް، ނަފްސާނީ ގޮތުން ކުރިމަތިވާ މިފަދަ ހާލަތްތަކަށް އިސްލާމްދީނުގައި ވެސް ވަރަށް ފުރިހަމަ އަދި މުހިންމު އިރުޝާދުތަކެއް ދީފައިވެއެވެ.
މުޖުތަމަޢުގައި އާންމުކޮށް އޮންނަ ކުށްހީއަކީ ޑިޕްރެޝަނަކީ އީމާންތެރިކަން ބަލިކަށިވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމުގައި ދެކުމެވެ. ނަމަވެސް ދީނީ ގޮތުން ބަލާއިރު ދެރަވުމާއި، ހިތާމަކުރުމާއި، އަދި ނަފްސާނީ ގޮތުން ކުރިމަތިވާ ދަތިތަކަކީ އިންސާނީ ތަބީއަތުގެ ބައެކެވެ. ކީރިތި ޤުރުއާނުގައި އިންސާނުންނަށް ކުރިމަތިވާ ތަފާތު ތަކުލީފުތަކުގެ ވާހަކަ ތަކުރާރުކޮށް ބަޔާންކުރައްވާފައިވެއެވެ. އަދި ދުނިޔަވީ ހަޔާތަކީ އިމްތިހާނުތަކާއި އުނދަގޫތަކުން ފުރިގެންވާ ތަނެއްކަން މުއުމިނުންނަށް ހަނދާންކޮށްދެއްވާފައިވެއެވެ.
ބަޤަރާ ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ.
"ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!" (އަލް ބަޤަރާ: 155)
ބަލަދް ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ.
"ހަމަކަށަވަރުން، އިންސާނާ ތިމަންރަސްކަލާނގެ ހެއްދެވީ އުނދަގުލާއި ބުރަ އުފުލާ މީހެއްގެ ގޮތުގައެވެ." (އަލް ބަލަދް: 4)
މި އާޔަތްތަކުން، އުނދަގޫތަކާއި ބުރަ އަކީ އިންސާނާގެ ތަބީއީ ކަމެއްކަމާއި ހިތާމަތަކާއި ބުރަތަކަކީ އަހަރެމެންނަށް މި ދުނިޔެމަތީ އޮތް އިމްތިހާނެއްކަން އެނގެއެވެ. އަދި ހަމަ އެޔާއެކު، މިފަދަ އިމްތިހާނުތަކަށް ކެތްތެރިވުމަކީ އެކަމުގައި ދަރުމަހުރި ކަމެއްކަން އެނގެއެވެ.
މައްކާގެ މުޝްރިކުންގެ ދުއްތުރާތަކުގައި ޝިޢުބުގައި ކީރިތި ރަސޫލާގެ އަހުލުން އެކަރިކަމުގައި 3 އަހަރު ވެއަތުކުރުމަށް ފަހު މައްކާއަށް އެނބުރި ވަޑައިގެންނެވިތާ މާ ގިނަދުވަހެއް ނުވެ، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު، އަބޫތާލިބްގެފާނު އަވަހާރަވިއެވެ. އަބޫތާލިބްގެފާނަކީ ކާފާފުޅު އަބްދުލް މުއްތަލިބްގެފާނަށް ފަހު، އެކަލޭގެފާނު ބޮޑުފުޅުވަންދެން ތަރުބިއްޔަތުގެ ކަންކަން ބެލެހެއްޓެވި ދެވަނަ ބައްޕާފުޅެވެ. އަދި ޤުރައިޝުންނަށް ގޮންޖައްސަވައި ފާޅުގައި ރަސޫލުﷲއަށް ހިމާޔަތްދެއްވުމުގައި ދެމިހުންނެވި މަދަދުގާރެވެ. އަބޫތާލިބުގެފާނު އަވަހާރުވުމުން ރަސޫލުﷲއަށް ލިބިވަޑައިގަންނަވަމުން ގެންދެވި ހިމާޔަތް ނެތި ގޮސް، ޤުރައިޝުންގެ އިންތިހާއީ ދުއްތުރާތަކާ އެކަލޭގެފާނާ ކުރިމަތިވެ ވަޑައިގެންނެވިއެވެ.
އަބޫތާލިބުގެފާނު އަވަހާރަވިތާ ގިނަ ދުވަސްތަކެއް ނުވެ ރަސޫލުﷲގެ ލޯބިފުޅުވާ އަނބިކަނބަލުން ޚަދީޖަތުގެފާނު ވެސް އަވަހާރަވިއެވެ. ޚަދީޖަތުގެފާނަކީ އެކަލޭގެނފާޏުގެ ހަޔާތްޕުޅުން 25 އަހަރު ވެއަތުކުރެއްވެވި އެކަލޭގެފާނުގެ ހުރިހާ ބޭފުޅުންގެ މަންމާފުޅެވެ. އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރައްވަވައި އެކަމަނާގެ މާލު ރަސޫލުﷲގެ ދައުވަތު ފެތުރުއްވުމުގައި ހޭދަކުރައްވަވައި އެކަލޭގެފާނަށް ހިތްވަރުދެއްވުމުގައި ސާބިތުކަންމަތީ ހުންނެވި ކަމަނާފާނެވެ. ޚަދީޖަތުގެފާނު އަވަހާރަވުމުން ރަސޫލުﷲއަށް ވަރަށް ފުން ހިތާމައެއް ލިބިވަޑައިގެންނެވިއެވެ. އެ ހިތާމަފުޅުގެ ބޮޑުކަމުން އެތަކެއް މަހެއް ވަންދެން އެކަލޭގެފާނުގެ މޫނުފުޅުން ހިނިތުންވުމެއް ނެތި ވެއަތުވިއެވެ.
އެހެންނަމަވެސް ގާތްގާތުގައި ލިބިވަޑައިގެން ދެ ހިތާމަފުޅާއި، އަދި އޭގެ ފަހުން ތާއިފުގެ އަހުލުވެރިންގެ ފަރާތުން ލިބިވަޑައިގެން މާޔޫސްކަންފުޅުގައި ވެސް އެކަލޭގެފާނުގެ އީމާންތެރިކަމަށް ކުޑަކޮށް ވެސް ބަދަލެއް ނާދެއެވެ. ﷲއާ މެދު އޮތް ޔަޤީންކަމާ މެދު ކުޑަކޮށް ވެސް ޝައްކެއް ނުކުރައްވައެވެ. އެހެނެއް ކަމަކު އެ އިމްތިހާނުތަކަށް ކެތްތެރިވެ ވަޑައިގެން، ދީނަށް ގޮވާލެއްވުމުގައި ސާބިތުވެ ވަޑައިގެން ހުންނަވައި، ސަބަބުތަކުގައި ހިއްޕަވައިގެން ކުރިއަށް ވަޑައިގެންނެވީއެވެ. އަދި އެ ދުވަސްވަރު ބާވާލެއްވި ކީރިތި ﷲގެ ވަޙީ ބަސްފުޅުތަކުން ހިތްޕުޅުހަމަޖެއްސެވިއެވެ.
ޔަޢުޤޫބުގެފާނަށް އެކަލޭގެފާނުގެ ލޯބިވާ ދަރިކަލުން އިސްޙާޤްގެފާނާ ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވުމުން ލިބިވަޑައިގެންނެވީ ވަރަށް ވެސް ފުން ހިތާމަފުޅެކެވެ. އަދި އެތަކެއް އަހަރުތަކަކަށް އެ ހިތާމަ އާއި މޮޅިވެރިކަން ދެމިގެން ދިޔައެވެ އަދި އޭގެ ފަހުން ދަރިކަލުން ބުންޔާމީންއާ ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގެން ކަމަށް ހީފުޅުކުރެވުނު ހިނދު، ޔޫސުފުގެފާނު ވަކިވެވަޑައިގަތުމުން ލިބިވަޑައިގަންނަވަމުން ދިޔަ ހިތާމަފުޅު ފަށްފަށްވެގެން ދިޔައެވެ.
ޔޫސުފް ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ.
"އަދި އެކަލޭގެފާނު (ޔަޢުޤޫބުގެފާނު) އެމީހުންނާ ދުރަށް އެނބުރިވަޑައިގެން ފުރަގަސްދެއްވިއެވެ. އަދި ވިދާޅުވިއެވެ! "އޭ ޔޫސުފު ގެ މައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!" އަދި ހިތާމަފުޅުން (ކީރިތިކުރެއްވުމުގެ ސަބަބުން) އެކަލޭގެފާނުގެ ދެ ލޯފުޅު މުޅިން ހުދުވެއްޖެއެވެ. ކަޅުކަޅިފުޅު މުޅިން ހުދުވެއްޖެއެވެ. އަދި އެކަލޭގެފާނު ވަނީ ހިތާމަފުޅު ބޭރުނުކުރައްވައި އެތެރެއަށް ހިފަހައްޓަވައިގެންނެވެ. (ނުވަތަ ހިތާމައިން ބަސްފުޅު ވިދާޅުނުވެވިގެން އެތެރެއަށް ހިފަހައްޓަވައިގެންނެވެ." (ޔޫސުފް: 84)
މި ހާދިސާތަކުން ވެސް އެނގިގެން ދަނީ ހިތާމަތަކާއި މޮޅިވެރި ހާލަތްތަކަކީ ނަބިއްޔުންނާއި ރަސޫލުން ވެސް ބަރުދާސްތުކުރައްވާފައިވާ އިންސާނީ ފިތުރަތުގައި ލައްވަވާފައިވާ ކަންކަންކަމެވެ. އަދި މި ފަދަ ދިގުދެމިގެންދާ ބޮޑެތި ހިތާމަތަކާއި ބިރާއި، ހިތްނުތަނަސް ހާލަތްތަކަކީ އަހަރެމެންނަށް އޮތް އިމްތިހާނުތަކެއް ކަމެވެ. އެހެންކަމުން މިފަދަ މޮޅިވެރި ހާލަތްތަކުގައި ވެސް ވާތްގަށް އަދި މަދަދަށް އެދުން އޮތީ ހަމަ ﷲގެ ހަޟުރަތުންކަމެވެ.
ނަމާދުކޮށް ދުޢާކުރުމަކީ ހިތަށް ހިތްހަމަޖެހުމާއި ތަސައްލީގެނުވާ ކަންކަމެވެ. އަދި މިކަމުން އަހަރެމެން ހެއްދެވި ފަރާތާއި ދެމެދު އޮންނަ ގުޅުމާއި ގާތްކަން އިތުރުވެގެންދެއެވެ. އުނދަގޫ ކަންކަން މެދުވެރިވުމުން ރަސޫލުﷲ އަބަދު ވެސް ނަމާދާއި ދުޢާކުރެއްވުމަށް އަވަސްވެވަޑައިގަންނަވައެވެ.
"އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި ހޯދާށެވެ! ބިރުވެތިވެ މަޑުމައިތެރިވާ މީހުންނަށް މެނުވީ ހަމަކަށަވަރުން، އެއީ ވަރަށް ބޮޑު ކަމެކެވެ." – (އަލް ބަޤަރާ: 45)
މީގެ އިތުރުން ޛިކުރުކޮށް ﷲ ހަނދުމަކުރުމަކީ ހިތަށް ހަމަޖެހުމާއި ޔަޤީންކަން ލިއްބައިދެއެވެ.
އެހެންކަމުން ހިތްނުތަނަވަސް ވާ ވަގުތުތަކުގައްޔާއި ހިތާމައިގެ ވަގުތުތަކުގައި ހިތަށް ހަމަޖެހުން ހޯދުމަށް ގިނަގިނައިން ޤުރުއާން ކިޔަވައި ﷲއަށް ޛިކުރުކުރުން ގިނަކުރަން ޖެހެއެވެ.
"އެއުރެންނީ އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" (އައް ރަޢްދު : 28)
އެހެންކަމުން ހިތާމަ އާއި ނުތަނަވަސްކަމުން އަރައިގަނެ ހިތްހަމަޖެހުމަށް އޮތް މަގަކީ ﷲ ހަނދުމަކޮށް ޛިކުރުކުރުން ގިނަކުރުމެވެ. ހިތާމަތަކުގެ ޝިކާޔަތުގައި ކެއުމާއި ބުއިމުން ދުރުހެލިވުމުންނާއި ދުންފަތުގެ އިސްތިޢުމާލުކުރުމާއި މަސްތުވާތަކެއްޗާއި ނުވަތަ އެނޫންވެސް ގޮތްގޮތުން ނަފުސަށް އަނިޔާދެވުމާ ހަމައަށް ވާސިލުވުމުގެ ކުރިއަށް، އެ ޝަކުވާތައް ބަންޑުން ކުރަންވީ އަހަރެމެންގެ ހާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވާ އަހަރެމެންނާ އެންމެ ގާތުގައިވާ އަހަރެމެން ހެއްދެވި ﷲއަށެވެ.
ޔޫސުފް ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ.
"އެކަލޭގެފާނު (ޔަޢުޤޫބުގެފާނު) ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުގެ މޮޅިޔާއި ހިތާމައިގެ ޝަކުވާ ދަންނަވާކަން ކަށަވަރީ ހަމައެކަނި ﷲއަށެވެ.... (ޔޫސުފް: 86)
ކޮންމެ ކަމެއްގައި ވެސް ސަބަބުތަކުގައި ހިފެހެއްޓުމަށް އިސްލާމްދީން ބާރުއަޅައެވެ. ރަސޫލުﷲގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ބައްޔާއި ފަރުވާ މާތްﷲ ބާވައިލެއްވިއެވެ. އަދި އެކަނލާނގެ ކޮންމެ ބައްޔަކަށް ފަރުވާއެއް ލެއްވިއެވެ. ފަހެ ތިޔަބައި މީހުން ބޭސް ފަރުވާ ކުރާށެވެ! އެކަމަކު ހަރާމް އެއްޗަކުން ބޭސް ފަރުވާ ނުކުރާށެވެ."
އެހެންކަމުން ނަފުސާނީ ބަލިތައް ތަޙައްމަލުކުރަމުން ދާ މީހުން ވެސް އެ ބަލިތަކާ ގުޅުންހުރި ޑޮކްޓަރުންނަށް ދައްކައި ބޭސްކުރަންޖެހެއެވެ. އެއީ ބޭސް ކާން ޖެހޭ ހާލަތްތަކުގައި ބޭސްކެއުމެވެ. ތެރަޕީ ނަގަންޖެހޭ ހާލަތްތަކުގައި ތެރަޕީ ނެގުމެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަން ޖެހޭނަމަ އެކަން ވެސް ކުރުމެވެ. އަދި ހަމަ އެޔާއެކު ކޮންމެ ބައްޔަކަށް ވެސް ފަރުވާ އަންނަނީ ﷲގެ ހަޟުރަތުންކަން ޤަބޫލުކޮށް ގިނަގިނައިން ނަމާދުކޮށް ޤުރުއާންކިޔަވައި ދުޢާކުރުމާއި ޛިކުރުކުރުމުން އެކަލާނގެ ހަޟުރަތުން ވާތްގަށް އެދެންޖެއެހެއެވެ.
އަބަދު ވެސް ހަނދާނުގައި ބަހައްޓަންވީ، ނަފުސާނީ ބަލިތަކަކީ އީމާންތެރިކަން ބަލިކަށިވުމުން ދިމާވާ ހާލަތްތަކެއް ނޫންކަމެވެ. އަދި ޖިސްމާނީ ބަލިތަކެކޭ އެއްފަދައިން ނަފުސާނީ ބަލިތަކަށް ވެސް ޝިފާ ވާކަމަށާއި އެ ޝިފާއާ ހަމައަށް ވާސިލުވުމަށް ނުގުޑާފަދަ އަޒުމަކާއެކު މަސައްކަތްކުރަން ޖެހޭނެކަމެވެ. އަދި ކޮންމެ އުނދަގޫ ދަތިކަމަކާއެކު ފަސޭހައެއް ﷲ ލައްވަވާފައިވާކަމެވެ. އުނދަގުލާއި ދައްޗަކީ ހިނދުކޮޅެކެވެ. އެޔާ އަޅައިބަލާއިރު ﷲގެ ރަޙްމަތްފުޅު މާ ތަނަވަސްވެގެންވެއެވެ.
"ފަހެ ހަމަކަށަވަރުން އުނދަގުލާއި ދައްޗަށް ފަހު ފަސޭހަކަން ވެއެވެ. އަދި ހަމަކަށަވަރުން އުނދަގުލާއި ދައްޗަށް ފަހު ފަސޭހަކަން ވެއެވެ. (އެބަހީ ބަލިމަޑުކަމަށް ފަހު ބަލިން ފަސޭހަވުމެވެ. ތަދުމަޑުކަމަށް ފަހު ތިޔާގި ކަމެވެ. ބިރުވެރިކަމަށް ފަހު އަމާންކަމެވެ. ދެން މިހެންނެވެ... ދެ އުނދަގޫ ވިދިވިދިގެން ނުވެއެވެ. އެކަމަކު ދެ ފަސޭހަ އެއްފަހަރާވެއެވެ.)" (އައް ޝަރްޙު:5-6)




