twitterviber whatsapp telegramfacebookyoutube instagram
13th September 2026

ވަޤުފު ކުންފުންޏަކީ ތަރައްގީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް

ނަބީލާ އިސްމާޢީލް
Sep 13, 2026

މިސްކިތްތަކާއި ވަގުފުތައް ބެލެހެއްޓުމަށް އުފެއްދި ކުންފުންޏާއެކު ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރާއްޖެ އިސްލާމުވިތާ ހިޖުރީ ގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" އާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމާއި މިސްކިތްތައް ބިނާކުރުން ފަދަ މަސައްކަތްތަށް ފެށިގެންދާނެ ކަމަށެވެ.

އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި، ދީނީ ކަންކަމަށް ހޭދަކުރެވޭނެ މާލީ ވަސީލަތްތައް ފުޅާކުރުމުގެ އިތުރުން، 2040 ވަނަ އަހަރާ ހަމަޔަށް ދާއިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ވަށާޖެހޭ ތަރައްގީގެ މަސައްކަތުގައި މުހިއްމު ދައުރެއް އެ ކުންފުނި އަދާކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ކުންފުނި އުފެއްދެވީ ކުންފުނީގެ ގާނޫނު ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ރައީސްގެ ގަރާރަކުންނެވެ.

މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި، އެފަދަ ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށް އުފެއްދި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް މި ކުންފުނިން ކުރާނެ އެވެ.

މި ކުންފުނީގެ ރައުސްމާލަކީ 100 ރުފިޔާގެ އެއް މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 100 މިލިއަން ރުފިޔާ ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293