twitterviber whatsapp telegramfacebookyoutube instagram
21st September 2026

ޖޫނިއާ ލައިފްގާރޑު ޕުރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި، އަންނަ އަހަރު ބައިވެރިވާން ބޭނުންވާ ރަށްތަކަށް ހުޅުވާލައިފި

Sep 21, 2026

އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑް‌ޝިޕް އެސޯސިއޭޝަން (އަމްފާ) އިން އިންތިޒާމުކޮށްގެން ހިންގި ފުރަތަމަ "މޯލްޑިވްސް ޖޫނިއާ ލައި‌ފްގާރޑު ޕްރޮގްރާމް" (އެމް.ޖޭ.އެލް.ޕީ) ގެ ޕައިލެޓް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެގޮތުން 12-14 ސެޕްޓެމްބަރުގައި ތުލުސްދޫގައި އަދި 16-18 ސެޕްޓެމްބަރު 2026 ގައި ފުވައްމުލަކުގައި، ކޮންމެ ރަށެއްގައި ތިން ދުވަހުގެ މުއްދަތަކަށް ޕްރޮގްރާމްތަކެއް ހިންގާފައިވެއެވެ.

މި ޕައިލެޓް ޕްރޮގްރާމްތައް ނިމުމާ ގުޅިގެން، ޕްރޮގްރާމްގެ ކުރިއަށްއޮތް މަރުހަލާއަށް ތައްޔާރުވުމުގެ ގޮތުން އަމްފާއިން މިހާރު ދަނީ ޕްރޮގްރާމް މުރާޖައާކޮށް ހަރުދަނާކުރަމުންނެވެ. އަމްފާގެ އަމާޒަކީ 2027 ވަނަ އަހަރު މި ޕްރޮގްރާމް ރަށްރަށުގައި ހިންގުމަށްޓަކާ، ޝައުގުވެރިވާ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއެކު ޕާޓްނަރުންގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި، އެ ފުރުސަތު ކައުންސިލްތަކަށް ހުޅުވާލުމެވެ.

މޯލްޑިވްސް ޖޫނިއާ ލައިފްގާރޑް ޕްރޮގްރާމަކީ އުމުރުން 11 އަރާއި 17 އަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ ޒުވާނުން ބާރުވެރިކުރުމުގެ ޕްރޮގްރާމެކެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވުނު މި އަމަލީ ޕްރޮގްރާމްގައި، ކަނޑުމަތީގެ ރައްކާތެރިކަމާއި، ސަލާމަތްކުރުމުގެ އަސާސީ ހުނަރުތަކާއި، ފުރަތަމަ އެހީ ދިނުމުގެ ހޭލުންތެރިކަމާއި، ތިމާވެއްޓަށް ޒިންމާދާރުވުމާއި، ޓީމް މަސައްކަތާއި އަދި ލީޑަޝިޕްގެ ހުނަރުތައް ކްލާސްރޫމް ހަރަކާތްތަކާއި ޢަމަލީ ހަރަކާތްތަކެއް މެދުވެރިކޮށް ކިޔައިދެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ "ވޯޓަރ ޕެޓްރޯލް އޮސްޓްރޭލާ" އާ ގުޅިގެންނެވެ.

ފުރަތަމަ ޕްރޮގްރާމް ފެށުނީ 12 ސެޕްޓެމްބަރުގައި ތުލުސްދޫގައެވެ. އެ ރަށުގައި 24 ފަރާތަކުން ޕްރޮގްރާމް ފުރިހަމަ ކުރި އެވެ. ތުލުސްދޫގެ ޕްރޮގްރާމަށްފަހު، އަމްފާގެ ޓީމް ފުވައްމުލަކަށް ގޮސް ދެވަނަ ޕައިލެޓް ޕްރޮގްރާމްވަނީ އެރަށުގައި ހިންގާ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

އަމްފާގެ ރައީސް ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، މި ދެ ޕައިލެޓް ޕްރޮގްރާމުން ލިބުނު މުހިންމު ތަޖުރިބާތަކަކީ ކުރިއަށް އޮތް ތަނުގައި މޯލްޑިވްސް ޖޫނިއާ ލައިފްގާރޑް ޕްރޮގްރާމް އިތުރަށް ތަރައްގީކޮށް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށެވެ.

އެއް ރަށުން އަނެއް ރަށަށް މި ޕްރޮގްރާމް ހަމައެކަނި ގެންދިއުމުގެ ބަދަލުގައި، އަމްފާއިން ރާވާފައިވަނީ ކުރިއަށް އޮތް ތަނުގައި ޕްރޮގްރާމް ހިންގާ މުޖުތަމައުތަކާއެކު ޕާޓްނަރޝިޕް މޮޑެލްއެއް ގާއިމުކުރުމަށެވެ.

އެގޮތުން 2027ވަނަ އަހަރު ފުރުސަތު ދިނުމަށް ބޭނުންވަނީ މިކަމަށް ޝައުޤުވެރިވާ ކައުންސިލްތަކުގެ ތެރެއިން، އަމްފާއާއި ގާތުން މަސައްކަތްކޮށް، ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ލޯކަލް ކޯޑިނޭޝަނާއި އެއްބާރުލުން ފޯރުކޮށްދޭނެ ފަރާތްތަކާއެކުކަމުގައި އަމްފާއިން ބުނެ އެވެ. އެހެންނަމަވެސް، ލައިފްގާރޑު ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ތަމްރީނު ކުރުމުގެ އޮނިގަނޑާއި، ތަމްރީނު ޕްރޮގްރާމްގެ މުގައްރަރާއި، ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން ޕްރޮގްރާމް ހިންގާނެ ފަންނީ ފަރާތްތަކާއި ޕްރޮގްރާމްގެ މިންގަނޑުތައް ކަނޑައަޅާދޭނީ އަމްފާއިންނެވެ.

އަމްފާގެ ނައިބު ރައީސް އަދި އެމްޖޭއެލްޕީ ޕްރޮޖެކްޓް ލީޑް އާމިނަތު ޞަލާޙު ވިދާޅުވިގޮތުގައި، ދުރު ރާސްތާގެ އަމާޒަކީ ރަށްރަށުގެ މުޖުތަމައުތަކުގައި މިދާއިރާއިން ގާބިލުކަން އިތުރުކޮށް، މޫދުގެ ރައްކާތެރިކަމާ ބެހޭ މައުލޫމާތާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ވަރުގަދަކުރުމެވެ.

މި ދެ ޕައިލެޓް ރަށްރަށަކީ ހަމައެކަނި ފެށުމެކެވެ. އަޅުގަނޑުމެން ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައި އަދި މުޖުތަމައުގެ ބައިވެރިވުމާއެކު އެމްޖޭއެލްޕީ ކުރިއަށް ގެންދާށެވެ. އަޅުގަނޑުމެންގެ ދުރު ރާސްތާގެ އަމާޒަކީ ތިން ދުވަހުގެ ޕްރޮގްރާމެއް ހިންގާލާފައި ދިއުމެއް ނޫނެވެ. ނަމަވެސް މައުލޫމާތާއި، އިތުބާރާއި، އަދި އެންމެ ފަހުން ރަށްރަށުގެ މުޖުތަމައުތަކުގައި އަމިއްލަ ގާބިލުކަން ބިނާކޮށްދިނުމެވެ. އޭގެ ސަބަބުން މޫދުގެ ރައްކާތެރިކަމުގެ ހުނަރުތައް މުޖުތަމައުގައި ދެމިގެންދާނެ އެވެ.

މި ދުރު ރާސްތާގެ ވިސްނުމަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް އެމްޖޭއެލްޕީ ގެ ތަޞައްވުރުގައި ހިމެނޭ ކަމެކެވެ. އޭގެ ތެރޭގައި ރަށްރަށުގެ އަމިއްލަ މުޖުތަމައުތަކުގައި މޫދުގެ ރައްކާތެރިކަމުގެ އިލްމާއި ހުނަރުތައް ކުރިއަށް ގެންދެވޭނެ ލޯކަލް ޓުރައިނަރުން (ތަމްރީނުކުރާ ފަރާތްތައް) އުފެއްދުން ހިމެނެއެވެ.

2027 ވަނަ އަހަރު ވޯލްޑިވްސް ޖޫނިއާ ލައިފްގާޑް ޕްރޮގްރާމް ހޯސްޓްކުރުމަށްޓަކައި އަމްފާއާއި އެކު ޕާޓްނަރވާން ބޭނުންވާ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ޝައުގުވެރިކަން ފާޅުކުރާނެ ގޮތުގެ ތަފްސީލުތައް ކުރިއަށް ތަނުގައި އިއުލާނުކުރެވޭނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293