ދުވަސް ނުފުރާ ވިހާ ކުދިންނަށް ފަރުވާ ދިނުމުގައި ގުދުރަތީ ގޮތުން ރާއްޖެ އޮތް ގޮތަށް ރިއާޔަތްކުރަން ޖެހޭ ކަމަށާއި ހާއްސަ ހިދުމަތްތަކާއި ފަރުވާތައް ވެސް ހަމައެކަނި މާލެ އިން ލިބޭ ގޮތަށް ނިޒާމް ބައްޓަންވެފައި އޮވެގެން ނުވާނެ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
'ނިއޯކެއާ ކޮންފަރެންސް' ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ ވަނީ ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖަކު އުފަންވި ތަނެއް ބެލުމެއްނެތި އެކަށީގެންވާ ރަނގަޅު ފަރުވާއެއް ދެވެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އަދި އަތޮޅުތަކުގެ ސިއްހީ ހިދުމަތްތެރިންނަށް މެދުކެނޑުމެއްނެތި ތަމްރީނާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސްޕެޝަލިސްޓުންގެ ލަފަޔާއި އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަކީ ވުޒާރާގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ގީލާ ފާހަގަކުރެއްވި ގޮތުގައި، ދަރިފުޅު އުފަންވާ ފުރަތަމަ ގަޑިއިރުތަކާއި ދުވަސްތަކުގައި ދެވޭ ފަރުވާއަކީ އެ ކުއްޖާގެ މުޅި އުމުރަށްވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެޅޭ އެންމެ މުހިންމު ބިންގަލެވެ.
"އަލަށް އުފަންވާ ކުދިންނަށް ދެވޭ ފަރުވާ ހަރުދަނާކުރުމަކީ ހަމައެކަނި ކްލިނިކަލް ހިދުމަތެއް ވަރުގަދަކުރުމެއް ނޫން. މިއީ އަޅުގަނޑުމެންގެ ދަރިންނަށާއި، އާއިލާތަކަށާއި، އަދި މުޅި ގައުމުގެ މުސްތަގުބަލުގެ ސިއްހަތަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެއް." ގީލާ ވިދާޅުވިއެވެ.
މީގެއިތުރުން، ދުވަސްނުފުރާ ވިހާ ކުދިންނާއި ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދާ ޅަދަރިން ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ވެސް، އެކުދިންގެ ހެދިބޮޑުވުމާއި ސިއްހަތު މޮނިޓާ ކުރެވޭނެ ވަރުގަދަ ފޮލޯ-އަޕް ނިޒާމެއް އޮތުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ކޮންފަރެންސްގެ ކުރިމަގާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ 2027 ވަނަ އަހަރު ބާއްވާ ނިއޯކެއާ ކޮންފަރެންސް ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލެއްގައި ބޭއްވުމަށް އެމްސީޖީއެޗުން ނިންމާފައިވާ ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.
"ނިއޯކެއަރ ކޮންފަރެންސް ރީޖަނަލް ފެންވަރަކަށް ގެންދިއުމަކީ ހަމައެކަނި ބާއްވާ ތަން ބަދަލުކޮށްލުމެއް ނޫން. މިއީ މާލެއިން ބޭރުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނާ އޮންނަ ގުޅުން ބަދަހިކޮށް، އަތޮޅުތަކުގެ ގޮންޖެހުންތައް ގާތުން ދެނެގަނެ، ގައުމީ ފެންވަރުގެ ވަރުގަދަ ނެޓްވޯކެއް ބިނާކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް،" ގީލާ ވިދާޅުވިއެވެ.




