twitterviber whatsapp telegramfacebookyoutube instagram
22nd September 2026

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އދ.އާ ގުޅިގެން މަސައްކަތްކުރަނީ

Sep 22, 2026

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ލިބޭ ބޮޑެތި ގެއްލުންތައް ކުޑަކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ދެއްވައިފިއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް މި ޔަގީންކަން ދެއްވީ ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށާއި ގައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާތެރި އަދި ހިތާމަވެރި އަސަރުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގައި މޫސުމީ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާ ދާއިރާއެއްގައި ވަކާލާތު ކުރުމުގައި އދ. ދެމިއޮންނާނެ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

މީގެއިތުރުން، ސަރަޙައްދީ ފެންވަރުގައި މިހާރު ކަންބޮޑުވާންޖެހޭ ގޮތަށް ހިނގަމުންދާ ކަންކަމުގެ މައްޗަށް ވެސް ނައިބު ރައީސާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ޔަހޫދީ އިސްރާއީލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތަކުގެ މިހާރުގެ ނާޒުކު ހާލަތާއި، އެ ސަރަޙައްދުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައި، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އދ ގެ އާންމު މަޖިލީހުގެ 81ވަނަ ސެޝަންގެ މަތީ ފަންތީގެ ހަފުތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނައިބު ރައީސް މި ވަގުތު ހުންނެވީ ނިއުޔޯކުގައެވެ. ހަތް ދުވަހުގެ މުއްދަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވައިލުމަށްފަހު ނައިބު ރައީސް އެނބުރި ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ހަފްތާގެ ތެރޭގައި ކުރިއަށްދާ ޖަލްސާތަކުގެ ތެރެއިން، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ "2026 ކްލައިމެޓް ސަމިޓް" ގައި ގައުމުތަކުގެ ވެރިންނާއި، ހަކަތަ އުފައްދާ ބޮޑެތި ފަރާތްތަކުގެ އިތުރުން މޫސުމީ ކަންކަމަށް ވަކާލާތުކުރާ ފަރާތްތައް ބައިވެރިވާނެއެވެ. މި ސަމިޓުގައި އަވަސް މުއްދަތެއްގެ ތެރޭގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، މޫސުމީ އިންސާފު ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މީގެ އިތުރުން، ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ކަނޑުގެ ލޮނގަނޑު އުފުލުމުގެ ނުރައްކަލާ ގުޅޭ ޚާއްސަ މަތީ ފަންތީގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމަކީ ރާއްޖެ ފަދަ ބިމުގެ އުސްމިން ތިރި ގައުމުތަކަށް އޮތް ނުރައްކާތަކަށް ޙައްލު ހޯދުމަށާއި، ބައިނަލްއަގްވާމީ ފެންވަރުގައި މިކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ސިޔާސީ އެއްބާރުލުން ހޯދުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293