ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އެހީތެރިކަމާއިއެކު ހއ. ބާރަށުގައި އަލަށް ހަދަމުން އަންނަ މަގުތައް، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ސީދާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފި އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން ބާރަށު ކައުންސިލް ރައީސް އަލީ ޝަމީމް ވިދާޅުވީ އޮކްޓޫބަރު 8 ން 10 ވަނަ ދުވަހަށް ބާރަށު ކައުންސިލްގެ އެދުމުގެ މަތީން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޔުނިޓުގެއެރަށުގެ ތަޖުރިބާކާރު ޓީމަކުން، އެ ރަށުގެ ލޭންޑް ޔޫޒް ޕްލޭނާއި އެއްގޮތައް އަލަށް ގޯތި ދޫކޮށްފައިވާ ސަރަހައްދުތަކުގެ މަގުތައް ތެދުކުރުމާއި، ދަނޑުވެރިކަމަށް ބޭނުންވާ ބިން ފާހަގަ ކުރުމާއި ކުނި ކޮށި ތަރައްޤީ ކުރުމަށް ބިން ފާހަގަ ކުރުމުގެ މަސައްކަތް ވަނީ ކޮށްދެއްވާފަ އެވެ.
ކައުންސިލް ރައީސް ވިދާޅުވީ މީގެ ކުރިންވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެ ރަށުގައި އަލަށް ދޫކޮށްފައިވާ ގޯތިތަކުގެ މައްސަލަތަކެއް ދިމާވެގެންވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ރައީސް ޝަމީމް ވިދާޅުވީ މިއީ ރަށުގެ މަގުތައް ތަރައްގީކުރުމަށް ރޭވިފައިވާ ޕްލޭނާ އެއްގޮތަށް މަގުތަކުގެ ފުޅާމިނާއި ސީދާމިން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި މި މަސަކަތިގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފަށާއި، އެ ކައުންސިލުގެ މުވައްޒަފުންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މޭޔަރު އާތިފާއި މުވައްޒަފުން ދެއްވާ އެއްބާރުލުމަކީ މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އަލަށް ހަދާ މަގުތައް ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ތަރައްގީކުރެވެމުންދާއިރު، މަގުތަކުގެ ފުޅާމިން އެއް މިންގަނޑެއްގައި ބެހެއްޓުމަށާއި ސީދާކަން ދެމެހެއްޓުމަށް ރަށުގެ ބިން ބޭނުންކުރުމުގެ ޕްލޭނާ އެއްގޮތަށް މަގުތައް ސީދާކޮށް ތަރައްޤީކުރެވިގެން ދިއުމަކީ ރަށުގެ ޢުމްރާނީ ތަރައްޤީއަށާއި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ޝަމީމް ފާހަގަކުރެއެވެ.




