ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ގޮވާލި މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފި އެވެ.
ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ކުރި ޕޯސްޓުގައި ވަނީ އެފަދަ ޢަމަލެއް ހިންގުމަށް ހިތްވަރުދީފައެވެ. އެގޮތުން އެ ތަންތަނުގައި ރޯކޮށްލައިފިނަމަ "މަޖާވާނެ" ކަމަށް އޭނާގެ ސްޓޭޓަސްގައި ލިޔެފައިވެއެވެ.
"ރޯކޮށްލައިފިއްޔާ މަޖާވާނެ،" އޭނާގެ ސްޓޭޓަސްގައިވެ އެވެ.
ނަމަވެސް، އެ ސްޓޭޓަސް ޕޯސްޓްކުރިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ އެ ޕޯސްޓް ފޭސްބުކުން ޑިލީޓްކޮށްފައެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކޮށް، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅެވެ.
އޭގެ ފަހުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދެއްވިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ މަގާމުން ވެސް ވަކިކޮށްފައެވެ.