މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިސްނަގައިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ގެ 13 ވަނަ ބުރުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލައިފިއެވެ.
މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރުގައި، ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ. މިއަހަރުގެ ފޯރަމްގެ ޝިޢާރަކީ "ގްރީން ފައިނޭންސް: އަންލޮކިން ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް"އެވެ.
މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ރެގިއުލޭޓަރުންނާއި މާލީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދުގައެވެ.
މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކަކީ މާލީ ނުރައްކަލެއްގެ ގޮތުގައި އިންވެސްޓަރުންނާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން މިހާރު ދެކެއެވެ. މިކަމުގެ ސަބަބުން ގައުމުތަކާއި މުއައްސަސާތަކަށް ދިގުމުއްދަތުގެ ރައުސްމާލު ލިބުމުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލުތަކެއް އަންނަމުންދެއެވެ.
ރާއްޖޭގައި އިތުބާރު ހުރި ގްރީން ފައިނޭންސް މާކެޓެއް ގާއިމުކުރުމަށް ކުރަންޖެހޭ ކަންކަމާއި، ރާއްޖޭގެ ތަރައްގީގެ ސިޔާސަތުތަކާއި ގުޅޭ މާލީ ވަސީލަތްތަކާއި އަދި މާކެޓްގެ ހާލަތްތަކާ ބެހޭ ގޮތުން މި ފޯރަމްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކުގެ އިތުރުން ނޫ އިގްތިސާދުގެ ދާއިރާއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރެވޭނެ ގޮތްތަކަށް ވެސް މި ފޯރަމްގައި އަލިއަޅުވާލާނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރ އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މައިގަނޑު އިދާރާގެ ހައިސިއްޔަތުން، ޕެންޝަން އޮފީހުން މާލީ ދާއިރާގެ ކުރިއެރުމަށް ހާއްސަ އިސްކަމެއްދެއެވެ. ޕެންޝަން ފަންޑުގެ މެންބަރުންގެ މާލީ ރައްކާތެރިކަން ބިނާވެފައިވަނީ ގައުމުގެ ވިލުންތެރި އަދި ދެމެހެއްޓެނިވި އިގްތިސާދީ ސިޔާސަތުތަކާއި، ދިގުމުއްދަތުގައި އެކަށީގެންވާ ނަފާއެއް ލިބޭނެ އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައްޗަށެވެ.
މި ފޯރަމަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި މާލީ ދާއިރާގެ އިސްފަރާތްތަކާ ޚިޔާލު ބަދަލުކުރުމުގެ އިތުރުން، ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ރާއްޖެއަށް ފަހިވެފައިވާ އައު ފުރުސަތުތައް ދެނެގަތުމަށް ބައިވެރިންނަށް ލިބިގެންދާނެ އަގުހުރި ފުރުސަތެކެވެ.