twitterviber whatsapp telegramfacebookyoutube instagram
20th May 2024

އިންޖީނުގެ އިން ތެޔޮ ހުސްވެގެން ވައިކަރަދޫ އިން ކަރަންޓު ކަނޑާލައިފި

Jun 27, 2011

ހދ ވައިކަރަދޫގައި އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ވިނަރެސް ޖަމިއްޔާ އިން ދެމުން އައި ކަރަންޓުގެ ހިދުމަތް މިއަދު ހުއްޓާލައިފިއެވެ.

ވިނަރެސް ޖަމިއްޔާގެ ރައީސް ވިދާޅުވީ އެޖަމިއްޔާއިން ވައިކަރަދޫގައި ދެމުން އައި ކަރަންޓުގެ ހިދުމަތް މިއަދު ހުއްޓާލީ އިންޖީނަށް ބޭނުންވާ ތެޔޮ ހުސްވުމުން ކަމަށެވެ. އެޖަމިއްޔާ އުވާލުމަށް ކުރަންޖެހޭ ކަންކަން 45 ދުވަސްތެރޭގައި ކުރުމަށް ހޯމް މިނިސްޓްރީން ދީފައިވާ މުހުލަތު މިމަހުގެ 25 ގައި ހަމަވެފައިވާ ކަމަށާއި އެއެންގުމާ ގުޅިގެން އެޖަމިއްޔާއިން އިތުރަށް ދަރަންޏަށް ޒިންމާވާން ބޭނުން ނުވާކަމަށެވެ.

ވައިކަރަދޫގައި އެޖަމިއްޔާއިން ދެމުން އަންނަ ކަރަންޓު މިމަހުގެ 25 ވަނަ ދުވަހު ކަނޑާލަން ޖެހިދާނެކަން މީގެ ކުރިން އަންގާފައިވާނެ ކަމަށާއި، އެހެންނަމަވެސް ކަރަންޓު ދިނުމުގެ މައްސަލާގައި ވައިކަރަދޫ ކޯޓުން ކޮށްފައިވާ ވަގުތީ އަމުރާ ހިލާފު ނުވުމުގެ ގޮތުން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ކަރަންޓު ދެމުން އައި ކަމަށެވެ.

“ކޯޓުން އަމުރުކޮށްފައި އޮތީ އިންޖީނުގޭގެ މިލްކިއްޔާތަށް އުނިއިތުރެއް އަންނާނެ އެއްވެސް ކަމެއް ނުކުރުމަށް. އަދި މިހާރުވެސް ކަރަންޓު ދެމުންއައި ގޮތަށް ކަރަންޓު ދޭން އަންގާފައޮތީ. އެގޮތަށް ކަރަންޓު ނުދެވެންޏާ ރަށު ކައުންސިލާ ގުޅިގެން ކަރަންޓުގެ ހިދުމަތް ދޭން ކޯޓުން ނެރުނު އަމުރުގައި ބުނެފައި އޮތީ”

ވައިކަރަދޫގައި 22 އަހަރު ވަންދެން ކަރަންޓުގެ ހިދުމަތް ދެމުން އައި ވިނަރެސް ޖަމިއްޔާގެ ރައީސް އިތުރަށް ވިދާޅުވީ، އެޖަމިއްޔާގެ ހިންގާ ކޮމިޓީން އެޖަމިއްޔާ އުވާލުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދާތީ އިތުރު ދަރަންޏަކަށް ޒިންމާ ނެގެން ނެތްކަމަށެވެ. އަދި އިންޖީނުގެ ހިންގުމަށްޓަކައި ދުވާލަކަށް 500 ލީޓަރު ތެޔޮ ބޭނުންވާއިރު އެޖަމިއްޔާއިން 300 ލީޓަރުގެ ތެޔޮ ހޯދާނެކަމަށާއި ބާކީ ބައި ކައުންސިލުން ހޯދައިދިނުމަށް އެދި ކައުންސިލަށް ހުށަހެޅިކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އެޖަމިއްޔާގެ ފަރާތުން ކަރަންޓުގެ ހިދުމަތް އަލުން ދޭން ފަށާނެތޯ ކުޅުދުއްފުށީ އޮންލައިން އިން ސުވާލުކުރުމުން އެޖަމިއްޔާގެ ރައީސް ވިދާޅުވީ، ހޯމް މިނިސްޓްރީން ޖަމިއްޔާ އުވާލަން އަންގާފައި ވުމުން ދެން އިތުރަކަށް އެޖަމިއްޔާގެ ފަރާތުން އެހިދުމަތެއް ނުދެވޭނެ ކަމަށާއި އެހެންނަމަވެސް މިއަދުވެސް ހޯމް މިނިސްޓްރީން ޖަމިއްޔާ ހިންގުމަށް ހުއްދަ ދީފިނަމަ ކަރަންޓު ދިނުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ވައިކަރަދޫ ކައުންސިލުގެ ރައީސް ވިދާޅުވީ ރަށު ކައުންސިލުން ވިނަރެސް ޖަމިއްޔާއާއެކު މަޝްވަރާކުރުމަށް ފުރުޞަތު ހުޅުވާލިކަމަށާއި އެހެންނަމަވެސް އެޖަމިއްޔާއިން އެކަމަށް އެއްބާރުލުން ދީފައި ނުވާކަމަށެވެ. އަދި މިވަގުތުވެސް އެޖަމިއްޔާގެ ބޭފުޅުންނާ ފޯނުގެ ޒަރީއާއިން ވާހަކަ ދައްކަވަމުން ގެންދަވާކަމަށާއި ވީހާވެސް އަވަހަކަށް އެމައްސަލަ ހައްލުކޮށް ރަށަށް ކަރަންޓު ލިބޭނެގޮތެއް އޮތްތޯ ބައްލަވަމުން ގެންދަވާކަމަށެވެ.

ވައިކަރަދޫ ކައުންސިލުގެ ރައީސް އިތުރަށް ވިދާޅުވީ ޖަމިއްޔާއިން ރަށު ކައުންސިލުން 200 ލީޓަރުގެ ތެޔޮ ހޯދަން ހުށަހެޅިނަމަވެސް ރަށު ކައުންސިލަކީ އެފަދަ ގޮތަކަށް ހަރަދުކުރާނެ ފައިސާ ވަންނަމުންދާ ތަނެއް ނޫންކަމަށެވެ. އަދި، އިންޖީނުގެ ހިންގައިގެން ލިބޭ އާމްދަނީވެސް ލިބެނީ ހަމައެކަނި އެޖަމިއްޔާ އަށް ކަމަށް ވުމުން އެޖަމިއްޔާއިން ހުށަހެޅި ގޮތަށް ތެޔޮ ދެވެން ނޯންނާނެކަމަށެވެ.

ވައިކަރަދޫ ކައުންސިލުން ބުނީ މާލޭގެ ފަރާތެއް މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ރަށު ކައުންސިލާ ވިނަރެސް ޖަމިއްޔާއާއެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355