twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަދަނައިގައި ރަޖިސްޓްރީވެ ޚިދުމަތް ހޯދަމުން އެބަދޭ: އެންސްޕާގެ ޗެއަރމަން

Jul 15, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަދަނައިގައި ރަޖިސްޓްރީވެ ޚިދުމަތް ހޯދަމުން އެބަދާ ކަމަށް އެންސްޕާގެ ޗެއަރމަން އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

އިބްރާހިމް ވަހީދު މިހެން ވިދާޅުވީ އަޕަރ ނޯތު ހެލްތް ސަރވިސް ކޯޕަރޭޝަނުން އިންތިޒާމްކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުންގެންދާ ހިދުމަތް ތަކާއި ބެހޭގޮތުން މަޢުލޫމަތު ދިނުމަށް ރޭ ބޭއްވި ބައްދަލުވުން ފެށުމުގެ ކުރިން ކުޅުދުއްފުށީ އޮންލައިން އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ އަދި އެންސްޕާގެ ޗެއަރމަން އިބްރާހީމް ވަހީދު ވިދާޅުވީ، މަދަނަ ޕުރޮގްރާމަކީ އެންސްޕާގެ ފަރާތުން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ޕުރޮގްރާމް ކަމަށެވެ.

“ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކުޅުދުއްފުށީ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން މަދަނައިގައި ބައިވެރިވެފައި ވަނީ. ސަރުކާރު މުއައްސަސާތަކުންނާއި އަމިއްލަގޮތުން ބައިވެރިވެފައިވާ އަދަދަށް ބަލާއިރު މިހާރުވެސް 3250 މީހުން އެބަތިބި.” ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ މަދަނަ ޕުރޮގްރާމަށް އެއްދުވަހުން އަނެއް ދުވަހަށް ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި އުއްމީދަކުރަނީ މިއަހަރު ނިމުމުގެ ކުރިން މަދަނައިގައި 1 ލައްކަ މީހުން ބައިވެރިވާނެ ކަމަށެވެ.

ކުރިން ހިދުމަތް ލިބެމުން އައި ބައެއް ބޭސްފިހާރަތަކުން މިހާރު އެހިދުމަތް ނުލިބެނީ ކީއްވެތޯ ދެންނެވުމުން އެންސްޕާގެ ޗެއާރމަން ވިދާޅުވިގޮތުގައި ބޭސްފިހާރަތަކުން ބޭސް ވިއްކާ އަގުތަކަށް ބަލައިގެން އެންސްޕާއިން ބޭހުގެ އަގު ކަނޑައަޅަމުން ދިޔަ ނަމަވެސް ބޭސްފިހާރަތަކުން ބޭހުގެ އަގުތަކަށް ބަދަލު ގެނައުމުން މަދަނައިގެ ދަށުން ބޭސް ދޫކުރެވެން ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ބޭސް އެތެރެކުރާ ފަރާތްތަކާއި ބޭސް ވިއްކާ ފިހާރަތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

މީގެ ކުރިން ބޭސް ސިޓީއަކަށް 40 ރުފިޔާ ދެއްކުމުން ބޭސް ލިބޭ އުސޫލު މިހާރު ވަނީ އުވާލާފައެވެ. މިކަމާ ބެހޭގޮތުން ވަހީދު ވިދާޅުވީ އެއުސޫލު ގެންގުޅުމުން 40 ރުފިޔާއަށް ވުރެ ދަށްވިއަސް އަދި މަތިވިއަސް 40 ރުފިޔާ ދައްކަން ޖެހުމުން އޭގެފައިދާ އެއްގޮތަކަށްވެސް ނުކުރާމީހުން އުޅޭކަމަށާއި އޭގެފައިދާ ބޮޑަށް ކުރާނީ ގިނަރުފިޔާ އަރާ ބޭސް ސިޓީތަކަށް ބޭސް ނަގަންދާ މީހުންނަށް ކަމަށް ވާތީ ހަމަހަމަ އުސޫލުން އެހިދުމަތް ނުދެވޭތީ އެއުސޫލުން މަދަނައިން ބޭސްދިނުން ހުއްޓާލީ ކަމަށެވެ.

މިހާރު އެންސްޕާއިން ގެންގުޅޭ އުސޫލާބެހޭ ގޮތުން ވިދާޅުވީ ކޮންމެ ބޭހަކަށްވެސް ބޭސް ގަންނަ ފަރާތުން ދައްކަންޖެހޭ އަދަދަކީ 15 ޕަސެންޓްކަމާއި ބާކީ އޮންނަ 85 ޕަސެންޓް ދައްކައިދޭނީ މަދަނައިން ކަމަށް މިހާރު އޮތުމުން ހުރިހާ ފަރާތްތަކަށް ހަމަހަމަ ކަމާއެކު ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި ހުރިހާ ބޭސްފިހާރަތަކުން ބޭސްވިއްކާ އަގުތަކަކީ އެއް އަގުތަކަކަށް ނުވުމުން އެކިތަންތަނުގައި ތަފާތު އަގުގައި ބޭސްވިއްކާތީ ވަރަށް ބޮޑެތި މައްސަލަތަކެއް ނިކުންނަމުންދާކަމަށެވެ.

“އެބޭފުޅުން ވިއްކާއަގުތައް އެންސްޕާއަށް ހުށައެޅުމުން އެއަގުގެ 85 ޕަސެންޓް މަދަނައިން ދޭއިރުވެސް ބައެއް ރަށްރަށުގެ ފާރމަސީތަކުން އަގު ބޮޑުކޮށް ވިއްކަމުން ދޭ. އަދި ބޭސްފިހާރަތަކާއި އެކުވެފައިވާ އެއްބަސްވުމުގައި ބޭސް ސިޓީ ހަމަކޮށްދިނުމަށް އަންގާފައިވާނެ.” ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. “ނަމަވެސް ބައެއް ފަރާތްތަކުން އެގޮތަށްވެސް އަމަލު ކުރަމުންނެއް ނުދޭ.”

ވަހީދު އިތުރަށް ވިދާޅުވީ ދެއަހަރު ވެގެން ދިޔައިރުވެސް ބޭހުގެ މައްސަލަ އަކީ ހައްލެއް ނުލިބިފައިވާ ކަމެއްކަމަށާއި ފާމަސީތަކުގެ ވެރިންނާއި ވަރަށް ބޮޑަށް ވާހަކަ ދެއްކިއްޖެކަމަށެވެ.

“މިހާރު އެންސްޕާއިން މިގެންދަނީ ހެލްތު ކޯޕަރޭޝަންތަކާއެކު މަޝްވަރާ ކުރަމުން. އެގޮތުން މިހާރު ސައުތު ހެލްތު ކޯޕަރޭޝަނުން އައްޑު އަތޮޅު ހިތަދޫ ހޮސްޕިޓަލްގައި ފާރމަސީއެއް ގާއިމުކޮށްފައި. އަދި އަޕަރ ނޯތު ހެލްތު ކޯޕަރޭޝަނާއި އެސްޓީއޯ ގުޅިގެން މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލް ތެރޭގައި ފާރމަސީއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިޔަށް އެބަގެންދޭ. އެބޭސްފިހާރައިގެ ހިދުމަތް ލިބެން ފެށުމުން މައްސަލަ ހައްލުވާނެ.” އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

އެކަނިވެރި މައިންނަށް އެންސްޕާއިން ދެމުންގެންދާ ހިދުމަތުގައި ފައިސާ ނުލިބޭ ފަރާތްތައް ތިބިކަމަށާއި އެފަރާތްތަކަށް ފައިސާ އެންސްޕާއިން ލިބޭނީ ކޮންދުވަހަކުންތޯ ކުޅުދުއްފުށީ އޮންލައިނުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިހާރުވެސް ކުޅުދުއްފުށީގައި މިފައިސާ ލިބޭ 25 މީހުން ތިބިކަމަށާއި އެކަނިވެރިމައިންނަށް ފައިސާ ދިނުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެބޭފުޅުންގެ އައިޑީކާޑްގެ މައްސަލަތައް ކަމަށެވެ. މަޢުލޫމާތު ރަގަޅަށް ސާފު ނުވުމަކީ ހިދުމަތް ދިނުމުގައި ދިމާވާ ބޮޑު މައްސަލައެއް ކަމަށާއި އައިޑީކާޑް ނެތް ފަރާތްތަކަށް އެންސްޕާއިން އެހިދުމަތް ދެވެން ނޯންނާނެ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

މައުލޫމާތު ފުރިހަމަ ވެގެން ހުރިހާ މައުލޫމާތަކާއެކު ހުޅަހަޅާފައިވާ ފަރާތްތަކަށް މިހާރުވެސް ހިދުމަތް ދެވެމުންދާކަން ވަހީދު ފާހަގަ ކުރެއްވިއެވެ.

ދިމާވާ މައްސަލަތައް ހެލްތު ކޯޕަރޭޝަންތަކާއި ނުވަތަ ކައުންސިލްތަކާ ގުޅިގެން ވަރަށް އަވަހަށް ހައްލުވެ ގެންދާނެކަމަށް މި އިންޓަވިއުގައި ސްޓޭޓް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

އެންސްޕާގެ މިދަތުރުގައި ހއ. ހދ. ށ. އަތޮޅުގެ ބައެއް ރަށްރަށަށް ދާގޮތަށް ހަމަޖެހިފައިވާކަމަށް އަޕަރ ނޯތް ހެލްތު ސަރވިސް ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355