މުހައްމަދު އިސްމާއިލް
މަދިރީގެ ޒަރީއާއިން ފެތުރޭ މެލޭރިއާގެ ސަބަބުން އަހަރަކު 8 ލައްކަ އަށްވުރެ ގިނަ މީހުން މިދުނިޔެ ދޫކުރާކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ. ރާއްޖޭގައި މިދުވަސްވަރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އަކީ ވެސް މަދިރި މަދުކުރުމުގެ ވާހަކަ އެވެ. ރައީސް ނަޝީދު ވިދާޅުވާހެން އަބަދު މަދިރި މަރަންވީ އެވެ.
ކުނި އިސްޓާކީނާއި މަދިރި
ކުނި އިސްޓާކީނަކީ އިސްނާނުން އެއެއްޗެއް ދެކެ ކިތައްމެ ރުޅިއައި ކަމުގައި ވީނަމަވެސް، މަދިރި އެއެއްޗަކަށް ވަރަށް ލޯބި ކުރާ އެއްޗެކެވެ. ހަށިގަނޑުން ދުވާ ވަސްތަކަކީ އޭގެ ޒާތުގައި އިންސާނުންނަށް ނުބައި ވަސް ކަމުގައި ވިޔަސް ބައެއް ސޫފާސޫފިތަކަށް އެއިން މީރުވަސް ދުވާ ވަސްތަކެކެވެ.
ދިރާސާތަކުން ދައްކާގޮތުން މަދިރި އިންސާނެއްގެ ލެއަށް “ލޯބިކުރާ” ވަރަށްވުރެ 4 ގުނަ އިތުރަށް ކުނި އިސްޓާކީން ދެކެ ލޯބިވެއެވެ. ނުވަތަ އިންސާނަކަށް “އެޓްރެކްޓް” ވާ ވަރުގެ 4 ގުނަ އިތުރު މިންވަރަކަށް ކުނިވަސް ދުވާ އިސްޓާކީނަށް ނުވަތަ ނުބައިވަސް ދުވާ ބޫޓުތަކަށް “ފޯރި” ހުރެއެވެ.
ޓެންޒޭނިޔާގައި ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުން އެގައުމުގެ ވިލެޖެއްގައި ދިރިއުޅޭ ކޮންމެ މީހެއްގެ ހަށިގަނޑުގައި އަހަރަކު 350 ފަހަރު މަދިރި ކަށި ކޮށްޕާލައެވެ. ނުވަތަ މަދިރި ހަފައެވެ. ސައިންސްވެރިން މިހާރު ތައްޔާރުވަމުންދަނީ މިދެންނެވި ކުނި އިސްޓާކީން ބޭނުންކޮށްގެން މަދިރި ދަންތުރައެއްގައި ޖެއްސުމަށެވެ.
ކުނި އިސްޓާކީން ދަންތުރަ
ކުރިން ދެންނެވިހެން އަޅުގަނޑުމެން ބޭނުންކުރާ އިސްޓާކީނުތަކުގައި އެދުވާ ވަހަކީ މަދިރި އެއެއްޗަކަށް ވަރަށް ޝައުގުވެރިވާ ވަހެކެވެ. މިކަން ސައިންސްވެރިންނަށް ހޯދުމާއެކު، މަދިރި އެވަހަށް ހުންނަ ޝައުގުވެރިކަން އެއީ މަދިރި މެރުމަށް ޖަހާ ދަންތުރައަކަށް ހެދުމަށް ވަރަށް ފަސޭހައެވެ.
މަދިރި މެރުމަށް ޖަހާ ދަންތުރަ ހަދާނެގޮތެއް މިހާރު ސައިންސްވެރިން ވަނީ ނިންމާފައެވެ. އެއީ، ފޮށްޓެއްގެ ތެރެއަށް ކުނި އިސްޓާކީން ލާފައި އެފޮށީގެ ތެރެއަށް މަދިރިއަށް ވަދެވޭނެހެން ހުޅުވާފައި ބަހައްޓަނީ އެވެ. އަދި އެކަށީގެންވާ މިންވަރަކަށް މަދިރި ވަނުމުން ވިހަ ގޭހެށް އެފޮށީގެ ތެރެއަށް ފޮނުވާލައިގެން މަދިރިތައް މަރާލުމެވެ. އަނެއްގޮތަކީ ފަންގަސް އެއް ބޭނުންކޮށްގެން އެފޮށީގެ ތެރެއަށް ވަންނަ މަދިރިތައް މަރާލުމެވެ. ފަސޭހަ ތިމާވެށްޓާއި ރަށްޓެހި “ކާބަން ނިއުޓްރަލް” ގޮތެއްވެސް މެއެވެ.
ބިލް ގޭޓްސް، ކުނި އިސްޓާކީނާ ގުޅޭ ހިސާބު
ސައިންސްވެރިން މަދިރި މަރާނެ ފަސޭހަގޮތެއް މިވަނީ ހޯދާފައެވެ. ތަޖުރިބާގެ މަރުހަލާ ނިންމާ އެމަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ އާލާތްތައް ފައްކާކުރުމަށް މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސްގެ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުންވަނީ ހަރަދުތަކުގައި “ހިފަން” އެއްބަސް ވެފައެވެ.
މިމަޝްރޫއު ކާމިޔާބު ވެއްޖެނަމަ އެމީހުންގެ އުއްމީދަކީ އިރުމަތީ އެފްރިކާގެ ހުރިހާ ސަރަހައްދަކަށް ބޭނުންވާ ވަރަށް މިފަދަ އުފެއްދުންތަކެއް އުފެއްދުމެވެ. ހާއްސަކޮށް އިރުމަތީ އެފްރިކާގެ މެލޭރިއާ ފެތުރެމުންދާ އަވަށް ތަކަށް ވީހާވެސް އަވަހަކަށް މިތަކެތި ފޯރުކޮށްދިނުމެވެ.
ތިމާ އެއެއްޗެއްގެ ދެކެ އެންމެ ފޫހިވާ ކުނި އިސްޓާކީން ބޭނުންކޮށްގެން މަދިރި މަރާނެ ގޮތެއް މިއަދު މިވަނީ ހޯދިފައެވެ. އުއްމީދަކީ މެލޭރިއާ އާއި މަދިރީގެ ސަބަބުން ޖެހޭ އެހެނިހެން ބަލިތަކުން އިންސީން ސަލާމަތްވުމެވެ.