twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހިމާޔަތުން މިންޖުވުން: ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރަސީގެ އިސްތިއުމާރީ ޝިކާރައަކަށްވެފައި

Jul 26, 2011
1

ޢަލީ އައްފާލު އިދްރީސް

މިނިވަންދުވަހުގެ ތަޙްނިޔާ ތިޔަ އެންމެހާ ބޭފުޅުންނާއި ކަނބަލުންނަށް އަރިސްކުރަމެވެ.

މިއަދަކީ އަޅުގަނޑުމެން އިނގިރޭސި ވިލާތުގެ ހިމާޔަތުގެދަށުން އަމިއްލަ ދައުލަތަކަށްވީތީވެ އެކަމުގެ އުފާ ފައުޅުކުރާ ދުވަހެވެ. މީގެ އެތައް އަހަރެއް ކުރިން، އޭރު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވި އިބްރާހީމް ނާޞިރު، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ކުރެއްވި މިންނެތް މަސައްކަތްތަކާއި، ފިކުރު ހިންގެވި މިސްރާބުގެ އުފާވެރި އޙްޞާޞްކުރާ ދުވަހެވެ. އޭރުގެ ވަޞީލަތްތަކާއި، މުވާސަލާތުގެ ދަތިކަމާއި، ދަތުރު ފަތުރު އޮތްގޮތާއި، ދުނިޔޭގެ މީޒާނުގައި ބުރަވަމުންދިޔަ ކޮޅަށް ހުށިޔާރުވެހުރެ، ރައީސް އިބްރާހީމް ނާޞިރު “މިނިވަންކަމުގެ” އަޙުދުގައި ގަލަންކޮޅު ހިންގެވި ކަމުގެ މައްޗަށް އަޅުގަނޑުމެން ފަޚްރުވެރިވާ ދިވެހި ސިޔާދަތަށް ފުރިހަމަ އަމިއްލަވަންތަކަން ލިބުނުތާ 47 އަހަރު ފުރޭ ދުވަހެވެ.

އަޅުގަނޑުމެން މިދުވަހަށް ކިޔާ އުޅެނީ “ދިވެހިރާއްޖޭގެ މިނިވަންދުވަސް” މިނަމުންނެވެ. އެހެންކަމުން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާނީ މިއަދަކީ އަޅުވެތިކަމުން ސަލާމަތްވީ ދުވަހުގެ ގޮތުގައެވެ. އަޅުގަނޑު މުޅީން އެކަމާ އެއްބަހެއްނުވަމެވެ. އަޅުވެތި ނުވެ މިނިވަންދުވަސް ފާހަގަކުރާ ދުވަހަކީ މިއަދުކަމަށް އަޅުގަނޑު ބައެއްފަހަރު ހިތައް އަރައެވެ. އެއީ ކީއްވެތޯއެވެ.

އަޅުވެތިކަމުގެ ތަޢްރީފުގައި؛ އޭރު ދިވެހިން އުޅުނު ދިރުއުޅުމާއި، ދިވެހި ސަރުކާރުގެ ސިޔާދަތު ހިންގިގޮތާއި، އަދި ދިވެހި އަމިއްލަވަންތަކަމާއި، މިކަންކަން ނުހިމެނޭކަން ގައިމެވެ. ދިވެހިރާއްޖޭގެ ކިތައްރަށަށް އިނގިރޭސިންގެ އެބުނާ “އަޅުވެތިކަން” ފޯރާފައިވޭތޯއެވެ. ލެޓިނުން ޚުޠުބާ ލިޔެފައިހުއްޓާ އަޅުގަނޑުވެސް ދުށީމުއެވެ. އެކަމަކު އެއީ އަޅުވެތިކަމޭ ބުނެވޭނެ ހެއްޔެވެ؟ ކަން މިހެންހުރިއިރު، ކޮންމެ މިނިވަންކަމަކީ އަޅުވެތިކަމަކުން ސަލާމަތްވުމެއްނޫނެވެ. މިނިވަންކަމަކީ ހައްޔަރަކުން ނެއްޓުމެއްވެސް ނުމެ ނޫންމެއެވެ. އެއީ އެކަމެއްގެ ޒާތައް ހުއްޓިފައިވާކަމެވެ.

އެމެރިކާގެ ޓްވިންޓަވަރު ގޮއްވާލުމާއެކު، އެމެރިކާއިން އަފްޤާނިސްތާނަށް އަރައި ޠާލިބާނުންނާއި ހަނގުރާމަފެށިކަމާއި، އިރާޤުގައި ފަނާކުރަނިވި ހަތިޔާރު (ވެޕަން އޮފް މާސް ޑިސްޓްރަކްޝަން އަދި ނިއުކުލިއަރ ހަތިޔާރު) ހުރިކަމަށްބުނެ، އެޤައުމަށްއަރައި ސައްދާމު ހުސައިންގެ ވެރިކަން ނިމުމަކަށް ގެނައުމާއި، ލީބިޔާގެ ލީޑަރު ޤައްޛާފީގެ އަނިޔާވެރިވެރިކަން ނިންމުމަށް ވައިގެމަގުން ޙަމަލާތައް ދެމުން ދާވަހަކަ އަޑުއިވޭއިރަށް އެއީ އަޅުވެތިކަމޭ ބުނެއެވެ. ތެދެކެވެ.  މިއީ ފެންނަން ހުރި ކަންކަމެވެ. އެކަމަކު އަފްޤާނިސްތާނުގައި ސަރުކާރެއް އެބައޮތެވެ. މިހާރުގެ ސިޔާސީ ބަހުންނަމަ ގޮނޑިކޮއްކޮ ސަރުކާރެވެ. ނުވަތަ ރުހޭ، ބުނާގޮތެއްހަދާ ސަރުކާރެވެ. މިއީ ސީދާ ޑިމޮކްރަޓިކް، ޒަމާނީ ދީމިޤްރާތީ ނިޒާމެކެވެ. ކޮންމެ ކޮނޑިކޮއްކޮއަކީ ޛުލް –ޑިމޮކްރަސީއެކެވެ.

ޒަމާނީ އިސްތިއުމާރު އަންނަނީ ވައިގެ މަގުން މިސައިލްތަކެއްގެ މިސާލުގައެއްނޫނެވެ. އެއީ ފިކުރީ ހަނގުރާމައެވެ. މިއަދު ދިވެހިންވެސް އެހަނގުރާމައިގެ ޝިކާރައަކަށްވެފައިވާކަން އެއީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. ދުނިޔޭގެ އެކި ޙަޟާރަތްތައް ފުށުއަރައި، އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަތުން ނިމުމަކަށް އައިސްފައިވާކަމަށް ބުނެއުޅެވެ. އަދި ދުނިޔޭގައި އައު ނިޒާމެއް ޤާއިމްވެފައިވާކަމަށް އެމީހުން ޤަބޫލުކުރެއެވެ. އެއީ އެންމެންވެސް އެއްބަސްވާ ހަމައެއްކަމަށް، ނުވަތަ އެއްބަސްވާންޖެހޭނެ ހަމައެއްކަމަށް ދުނިޔެ ޤަބޫލުކުރެއެވެ. އެއީ ރައްޔިތުންގެ ބާރުވެރިކަމެވެ. ޑިމޮކްރަސީއެވެ.

ޑިމޮކްރަސީގެ ފިކުރާ އަޅުގަނޑު ދެކޮޅީއެއްނޫނެވެ. އެކަމަކު އެއީ ނިމުމެއް ނެތްކަމަކަށްވާތީ އެކަމާކުރެވޭ ހިތާމައެއްގެ ބޮޑުކަމުންނެވެ. ދުނިޔޭގެ ނަމޫނާ ޑިމޮކްރަސީތަކޭ އަޅުގަނޑުމެން ބުނެއުޅެއެވެ. އެކަމަކު އެމީހުން ބުނަނީ އެމީހުން ޑިމޮކްރަސީ ހަރުދަނާކުރަމުންދަނީކަމުގައެވެ. އަދިވެސް ނުނިމެއެވެ. މިކަމުގެ ހުރި އެންމެބޮޑު ހެއްވާކަމަކީ ޑިމޮކްރަސީ އެނގެނީވެސް ވަކިބަޔަކެވެ. ތަނަކަށް ޑިމޮކްރަސީއައުންއެއީ ހުރި ނުރައްކާތެރިކަމެކެވެ. އެނިޒާމުގެ ކަންކަން ރޭވިފައި ހުންނާނީ ވަރަށް އާދަޔާ ޚިލާފުގޮތަކަށެވެ. އަބަދުވެސް ކޮންމެވެސް ކޮންސަލްޓަންޓެއް ހުންނަންޖެހޭނެއެވެ. ދުވަހަކުވެސް މީހުން ބިނާކޮށް ނުނިމޭނެއެވެ. ދުވަހަކުވެސް ޑިމޮކްރަސީގެ ޅަފަތުން ކުރިއަރައި ދެވޭނެކަމަކަށްނުވެއެވެ. އެކަމަކު މިރާއްޖޭގައި ކޮންމެދުވަހަކުވެސް ކޮންމެވެސް ކައުންސިލެއްގެ އިދާރާ ބަންދުކޮށްލާނެވެ. ކޮންމެވެސްކަމަކާ ހިތްހަމަނުޖެހޭ ބައެކެވެ. ރައްޔިތުން ބާރުވެރިވެގެންގޮސް ހައްދުން ނައްޓާފައެވެ. އަޅުގަނޑުވެސް ޤަބޫލުކުރާ ދައުލަތް ހިންގުމުގެ އުޞޫލަކީ ހަމަ ޑިމޮކްރަސީއެވެ. އެހެނަސް އަޅުގަނޑު ޑިމޮކްރަސީއަށް ބަލަނީ ކަނު މީހެއްގެ ގޮތުގައެއްނޫނެވެ. އަދި އެއީ ދީނެއްކަމަށް ބަލައިގެންވެސް ނޫޅެމުއެވެ.

ހިޔަންޏަށް މުޑިނެގުމޭ ބައެއްފަހަރު މީހުންބުނާބަހުގެ މާނައަކީ އަމިއްލަ ހިޔަނީގެ މައްޗަށް ޚިޔާލީ އެހެން އެއްޗެއް ތަޞައްވުރުކުރުމެވެ. އެއީ ނެތް އެއްޗަކަށްވާންޖެހޭނެއެވެ. ހުށިޔާރުވަނީ އެއަށެވެ. އެއީ މިސާލިއްޔަތޭވެސް ބުނެވިދާނެއެވެ. މިސާލެއްފަދަ އެއްޗެއް، ނުވަތަ ތަނެއް ހުރީއެވެ. އޭގެ ފުރިހަމަކަމުން އެވަރެއް ނޯންނާނެއެވެ. އެކަމަކު އެއީ ހުންނަ އެއްޗަކަށް ނުވެއެވެ. އެއީ ޚިޔާލީ މޮޑެލެކެވެ. ދުވަހަކުވެސް ނުފެންނާނެއެވެ. އެއީ ޚިޔާލީ އައްސޭރިއަށް ގެންދިއުމެވެ. ފަހަރެއްގައި ޅޮސް އުނދޯލީގައިވެސްމެވެ. އަޅުގަނޑުގެ ނަޒަރުގައި ޑިމޮކްރަސީއަކީ މިއެވެ. މިއެތި ފުރިހަމައެއްނުވާނެއެވެ. ދުނިޔޭގެ ބާރުތަކާ ފައިހަމަކުރެވުނު ދުވަހަކުންނޫނީ އަދި އެއީ ވާންނެތްކަމެކެވެ. އެކަމަކު ނަމޫނާތައް އުޅޭނީ އޭރުން މާކުރީގައެވެ. އަނެއްކާ ހަމަކުރަން މަސައްކަތްކުރުން ނޫންގޮތެއްނެތެވެ. އެކަމަކުވެސް ހެވެއެވެ. މިއޮތީ ޒަމާާނީ ޑިމޮކްރަސީ އަލިވިލާފައެވެ.

ޑިމޮކްރަސީގެ ސަބަބުން ހަޔާތް ކެނޑެއެވެ. ސިކުޑީގެ އަޚްލާޤީ ދުލި ކެނޑި ސިކުނޑި މަގުމަތިވެއެވެ. އަދި ބާރުވެރިކަމާއެކު ފިކުރު ވިއްކުމަށް ފަށައިގަނެއެވެ. އެއީ ވަރުގަދަ ފިކުރެކެވެ. އެކަތި ދެމިއޮންނާނީ އަނެކެތީގެ މައްޗަށް އޮންނަ ޢަދާވާތެއްގެ ބޮޑުކަމުންނެވެ. މިމިޡާލު މިރާއްޖެ އިން ފެންނެއެވެ. ބޮޑު ދެޕާޓީ އުފެދުނީ އެކަތި އެނެކެއްޗަށް އޮންނަ ހަސަދައިގެ ސަބަބުންނެވެ. އަދި ވަރަށް މޮޅުއެހެންކަމެއްވެސް އޮވެއެވެ. މިހާރު ސަރުކާރުން ބުނެއެވެ. މިޤައުމުގައި ހަރުދަނާ އިދިކޮޅު ޕާޓީއެއް ނެތެވެ. ޤަދީމީބަހުންބުނާނަމަ ވެރިކަން ހިންގާނީ ޣާޒީންނެވެ. ދެން ތިބޭނީ ކުއްވެރިނުވާ “ބާޣީން”ނެވެ. ބާޣީންނަކީ ވެރިކަމާދެކޮޅަށް ނުކުންނަ މީހުންނެވެ.

މިއަދުގެ ތަޞައްވުރުގައި މާދަމާގެ ހާލަކީ ކޮބައިތޯއެވެ. ރަށެއް ހިއްކުމަށް ބިޑަށް ހުޅުވާލާނަމަ ހުށަހަޅާ ބިޑްތައް ވޯޓަށް ފޮނުވާނީއެވެ. ރައްޔިތުންނަށެވެ. ރައްޔިތުންގެތެރެއިން ގިނަމީހުން ވޯޓުދޭކޮޅުއެއީ ބިޑުކާމިޔާކުރާ ފަރާތެވެ. އޮންނަންޖެހޭނީ މުޅިންހެންވެސް އިންތިޚާބެއެވެ. ޓީމުގައި ތަމްޞީލުކުރުމަށް އާނބަސް ނުބުނެ ޤައުމު ތަމްޞީލު ނުކުރެވޭނެތީ، ޤައުމީ ފުޓްބޯޅަ ޓީމްވެސް ނަގާނީ އިންތިޚާބަކުންނެވެ. އޭރުން ހޮވޭނީ މޮޅަށް ފުޓްބޯޅަކުޅޭ މީހާއަށްވުރެ މުޅިން އެހެން ގޮތަކަށް ހޮވޭ މީހެކެވެ. އަޑުގަދަމީހާ ރުއްގިނަވާނެއޭ ބުނެއެވެ. އެހެންވީމާ ހޮވޭނީ އެންމެ ރުއްގިނަ މީހާއެވެ. މިގޮތަށްގޮސް ހުރިހާކަމެއްވެސް މިބީދައިންގޮސް، ދެމީހަކުދޭތެރޭގައި އުފުދޭ ޚިލާފެއް ފިލުވައިލުމަށް ޤަޟާގެ ކުރިމައްޗަށް ހުށަހެޅި، ޤަޟާއިން ރައްޔިތުންގެ ވޯޓަށް މަޢުލޫމާތު ފޮނުވައި ގިނަބަޔަކު ބޭނުންވާގޮތް ހަދަންފަށާދުވަސްއެއީ އެއްކަލަ ހިޔަނި ހަޤީޤީ ސޫރައަކަށް ބަދަލުވާ ދުވަސްކަންނޭނގެއެވެ.

ޑިމޮކްރަސީގެ މިވިސްނުން ދޫކޮށް، ރައްޔިތުންގެ ބައިވެރިވުން އަމިއްލަވަންތަކޮށް، އޭގެ ހުރިހާ މަބާދިއުތައް މިމުޖުތަމަޢަށް ފައްތަންވެއްޖެއެވެ. އެހެންނޫނީ މިފިކުރީ ހަނގުރާމާގައި ޤައުމު ފަނާވެހިނގައިދާނެއެވެ. އަޅުގަނޑުމެންގެ ފިކުރަކީ މިނިވަން ފިކުރަކަަށްވާންޖެހެއެވެ. ފިކުރުކުރުމުގެ މިނިވަންކަން ނެތި ސިކުނޑި ޤައިދުވެފައި ތިބެންޏާ ދަށުވެގެން ތިބުން ނޫންގޮތެއްނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355