އަލިފު ޒަވިޔަނި
ހިހޫތަނުން ކާލައިގެން މަޑުތަންމަތީގައި ނިދާލުމަކީ މިޒަމާނުގެ ބައެއް ކުދިން ދުނިޔޭގައި އުޅެން ބޭނުންވާ ގޮތެވެ. އަތުންފައިން އެއްވެސް މަސައްކަތެއް ނުކޮށް އަރާމުގައި އުޅުމަކީ އެފަދަ ކުދިންގެ އަމާޒުގައިވާ ގޮތެވެ. އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ކޮންމެވެސް މިހެއްގެ ތައްޕާހުގައި އުޅުމަކީ އެކުދިންގެ އާދައެވެ. އަޅުގަނޑު މިހެން ދެންނެވިކަމުގައިވިޔަސް އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތުކޮށް ރަނގަޅު ދިރިއުޅުމެއް އުޅޭ ކުދިން މަދުން ނަމަވެސް ފެނެއެވެ. އެހެންކަމުން މިތަނުގައި އަޅުގަނޑު މި އަލިއަޅުވާލަނީ އެފަދަ މަދުކުދިން އިސްތިސްނާ ކޮށްފައެވެ.
ސްކޫލެއްގެ ކްލާހެއްގެ ތެރެއަށް ނަޒަރު ހިންގާލަމަތޯއެވެ. ފެންނަނީ އެކި ފެންވަރުގެ ކުދިންނެވެ. ބައެއްކުދިން ހަވާލުކުރެވޭ މަސައްކަތްތައް އަމިއްލައަށް ނިންމާ ، ރަނގަޅު ނަތީޖާއަކަށް ވާޞިލުވުމަށް މަސައްކަތް ކުރާއިރު އަނެއްބައި ކުދިން ރަނގަޅަށް މަސައްކަތްކުރާ ކުދީންގެ ފޮތުން “ކޮޕީ” ކުރަނީއެވެ. ކަނދިކަމަނާ މަސްތެލުލާ އުޞޫލުން ފިލާވަޅުތައް ނިންމަނީއެވެ. ޖާބުތައް ރަނގަޅު ނޫނަސް ފޮތުގައި ނުބައި ފާހަގައެއް ލުމަކީ އެކުދިން ބޭނުންވާ ގޮތެއް ނޫނެވެ. ” މުދައްރިސް ނުބައި ފާހަގަ ނުލާތި ” މިއީ އެކުދިން ވަރަށް ގިނައިން ބުނާ ޖުމްލައެކެވެ. ކޮންމެހެން ފޮތް ރީތިކޮށް ބޭއްވުމުގެ މަޤްޞަދެއްގައެއް ނޫނެވެ. ކަންދެއްކުމުގެ ނިޔަތުގައެވެ. ހަމަ އެކުލާހުގައި ތިބޭ އަނެއްބައި ކުދިނަންކީ އަމިއްލަ ނަފްސަށް އިތުބާރު ނޯންނަ ކުދިންނެވެ. ތިމާއަށް ލިޔެވޭ ޖަވާބާމެދު ޔަޤީންކަން ނޯންނަ ކުދިންނެވެ. ކޮންމެ ޖުމްލައެއް ލިޔެލާފައި ” މުދައްރިސް މި ރަނގަޅުތަ؟ ” މިފަދަ ސުވާލުތައް ނޭވަޔަކު ދެފަހަރު ކުރާ ކުދީންނެވެ. ޖަވާބު ނުބައި ވެދާނެތީ ފަންސުރުން ލިޔާކުދިންވެސް ހިމެނޭނީ މި ބަގައިގެ ތެރޭގައެވެ.
ބައެއް ކުދިން ސްކޫލު ނިންމާލުމަށްފަހު ތަފާތު ފެންވަރުގެ ކޯސްތަކަށް ކުރިމަތިލައެވެ. އިތުރަށް ކިޔެވުމުގެ ފުރުޞަތުތައް ހޯދައި އެކަމުގައި މަސްއޫލުވެއެވެ. ނަމަވެސް ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދެއް ނުވާނޭ ބުނާ ބީދައިން ހީހޫތަނުން ކާލުމުގެ އުސޫލު ގެންގުޅޭ ކުދިންގެ ޢަމަލުތައް ހުންނަނީ ހަމަ ކުރިންވެސް ހުރިގޮތަށެވެ. އެސައިންމެންޓްތައް ނިންމަނީ އެކި މީހުން ލައްވައެވެ. ނުވަތަ ކުރިން އެފަދަ ކޯސްތަކުން ރަނގަޅު ނަތީޖާ ހޯދާފައިވާ ކުދިންގެ މަސައްކަތުން ” ކޮޕީ ” ކޮށްގެންނެވެ. “ފޮށިފަޅައިގެންނެވެ.” ކަންތައްތައް މިހެން ހުރިއިރު މަސައްކަތުގެ މައިދާނަށް ނުކުންނައިރު ޒިންމާދާރު ، ހަރުދަނާ ބަޔަކަށް މިފަދަ ކުދިންނަށް ވެވޭނެ ތޯއެވެ.
ކޮންމެ ކުއްޖަކުވެސް ބޭނުންވަނީ ރަނގަޅު ނަތީޖާއެކެވެ. ރީތި ނަމެކެވެ. ތައުރީފުގެ ބަސްތަކެކެވެ. ނަމަވެސް އެފަދަ ކާމިޔާބަކަށް އެދިގެން މަސައްކަތް ކުރެވެނީ ހަމަ އެންމެ ރަނގަޅަށްބާއެވެ. މިއީ ކޮންމެ ކުއްޖަކުވެސް އަމިއްލައަށް ކޮށްލުން މުހިންމު ސުވާލެކެވެ.
ކިޔެވުމުގެ މާހައުލުން މަގުމައްޗަށް ނުކުންނަމާތޯއެވެ. ފެންނަނީ ކޮންބައެއްތޯއެވެ. ސްކޫލު ނިންމާފައިވާ ނޫކަށިފުރައިގެ ޅަޒުވާނުންނެވެ. ގޯޅިގޯޅި ކަންމަތީ ބޭކާރުވެފައި ތިބޭ ބައިގަނޑުގަނޑެވެ. ކުރާނެ ކަމެއްނެތި ވަގުތު ގިނަވެފައި ތިބޭ ގްރޫޕްތަކެވެ. ކުރާނެ މަސައްކަތެއް ނެތީމައެއް ނޫނެވެ. ކުރަންވީ ކޮންމަސައްކަތެއް ކަމެއް ނޭނގޭތީއެވެ. ތިމާއަށް ކުރެވޭނީ ކޮންމަސައްކަތެއް ކަމެއް ނުވިސްނޭތީއެވެ. ތިމާގެ ޤާބިލިއްޔަތާމެދު ޝައްކު އުފެދޭތީއެވެ. ތިމާގެ ޒިންމާތައް އަމިއްލައަށް އުފުލަން ނޭނގޭތީއެވެ. އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭތީއެވެ.
އެންމެ ފުރަތަމަ އަރާ ބޮންތީގައި ހިފުމަކީ އެކަކަށްވެސް ވާނޭ ކަމެއް ނޫނެވެ. އަޑިގަނޑަށް ނުވެއްޓި އުސްގަނޑުމަތީގައި ތާއަބަދު ހުރުމަކީ އެއީ ކުރެވޭނޭ ކަމެއްވެސް ނޫނެވެ. ވީއިރު ކާމިޔާބީއާ ހަމަށް ވާޞިލުވުމަށްޓަކައި ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހެއެވެ. އަޑިގަނޑުތަކާ ކުރިމަތިލާން ޖެހެއެވެ. ފުރަތަމަ ކުރިއަށް ހިނގަންފަށާއިރަށް ވެއްޓިދާނެއެވެ. ވެއްޓި ދެކަކޫ މަށައިގެންވެސް ހިނގައިދާނެއެވެ. ނަމަވެސް އޭގެ މާނައަކީ އެނބުރި އައިކޮޅަށް ދާށެކޭ ނޫނެވެ. ތެދުވެ ދެކަކުލުން ވެލި ފޮޅާލާފައި ހިތްވަރާއެކު ކުރިއަށް ދާށެވެ. ތެދެކެވެ. ދަތުރުފެންނާނީ ފުރީމައެވެ.