twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީގެ ތަރައްގީގެ ބޮޑު މަންޒަރު ކަމުގައިވާ “ހިއްކި ބިމަށް” މިވަނީ ކިހިނެއް

Aug 9, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގެ ތަރައްގީއަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުގެ ބަޖެޓުން ހަރަދު ކުރައްވައިގެން ކުޅުދުއްފުށީގައި ހިއްކި 28.5 ހެކްޓަރުގެ ބިމުން ގޯތި ގެދޮރު އެޅުމަށާއި ސިނާއީ މަސައްކަތް ކުރުމަށް ބިން ލިބޭނެކަމުގެ ފޮނި ހުވަފެންތަކެއްގައި ކުޅުދުއްފުށީގެ ރައްޔިތުން ތިއްބާ ކުއްލިއަކަށް އިވިގެންދިޔަ އަޑަކީ ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފައްދާ މިރަމަޟާން މަސް ފެށުމުގެ ކުރިން އެބިމުން ގޯތި ވިއްކުމުގެ ޕުރޮގްރާމެއް އިއުލާނުކުރާނެ ކަމަށް ރައީސް އޮފީހުން ބުނި ހަބަރެވެ.

މިއަޑު އިވުމުން ކުޅުދުއްފުށީގެ ރައްޔިތުންގެ ތެރޭގައި ތަފާތު ގޮތްގޮތަށް މިކަމާމެދު ބަހުސް ކުރަމުންދެއެވެ. އެއްބަޔަކު ބުނަމުންދަނީ މިއީ ސަރުކާރުން ކުޅުދުއްފުށީގެ ތަރައްގީއަށްޓަކައި ފެށްޓެވި ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް އަނެއް ބަޔަކު ބުނަމުންދަނީ މިއީ އެބިން ހިއްކިތާ ނުވަމަސް ވެގެން ދިޔައިރުވެސް މިސަރުކާރުން އެންމެ ކުޑަމިނުން އެބިން ހިމާޔާތް ކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް ސަރުކާރުން ބޮޑު ހަރަދު ކޮށްގެން ހިއްކި އެބިމުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެގޮތަކަށް ކަންތައްތައް ވަމުން ދަނީ ކަމަށެވެ.

ރައީސް އޮފީހުން ބުނެފައިވަނީ، މިރަމަޟާން މަސް ފެށުމުގެ ކުރިން ކުޅުދުއްފުށީގައި ހިއްކާފައިވާ ސަރަހައްދުން ގޯތި ވިއްކުމުގެ ޕުރޮގްރާމެއް އިއުލާނު ކުރާނެކަމަށެވެ. އަދި އެކަމުގައި ހަރަކާތްތެރިވާނީ ކުޅުދުއްފުށީ ކައުންސިލާއި ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ކަމަށެވެ. އެހެންނަމަވެސް ދާދި ފަހުން ސަރުކާރުން އުފެއްދެވި ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންވެސް އަދި ކުޅުދުއްފުށީ ކައުންސިލުންވެސް ރައީސް އޮފީހުން އެބުނާ ބިން ވިއްކުމުގެ ޕުރޮގްރާމާބެހޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ކޭޑީސީ) އިން ބުނެފައިވަނީ ރޯދަ މަސް ފެށުމުގެ ކުރިން ބިން ވިއްކާނެ ވާހަކަ ބުނެފައި ވީނަމަވެސް އެކުންފުނި އަދި ރަޖިސްޓްރީވެސް ނުކުރެވޭ ކަމަށެވެ. އަދި ފުރަތަމަ ކަމަކީ ކުންފުނި ރަޖިސްޓްރީ ކުރުން ކަމަށާއި ބިން ވިއްކުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނީ އޭގެ ފަހުން ކަމަށެވެ. ރަށު ކައުންސިލުގެ ނައިބު ރައީސް ފާރޫގު މުހައްމަދު ވިދާޅުވީ، ކުޅުދުއްފުށިން ބިން ވިއްކުމާބެހޭ ގޮތުން މީޑިޔާ އަށް އަދި މައުލޫމާތު ދެވެން ނެތްކަމަށެވެ.

ކުޅުދުއްފުށިން ގޯތި ވިއްކުމާބެހޭ ގޮތުން ކުޅުދުއްފުށީގެ ބައެއް ރައްޔިތުންގެ ހިޔާލު ހޯދާލީމެވެ. އެއްބައި ރައްޔިތުން ބުނަމުންދަނީ އެއީ ކުޅުދުއްފުށީ ރައްޔިތުންނަށް ލިބިގެންދިޔަ ކުއްލި ސިހުމެއް ކަމަށެވެ. އަށްހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ކުޅުދުއްފުއްޓަކީ މިހާރުވެސް ބިމުގެ ދަތިކަން ފޯރާފައިވާ ރަށަކަށްވާއިރު ގޯތިގެދޮރު ބޭނުންވާ އެތަށް ރައްޔިތުންނެއް ތިބިއިރު އަދި ހިއްކި ބިން ފިޔަވައި ގޯތި ދޫކުރާނެ އިތުރު ސަރަހައްދެއް ނެތް އިރު ގޯތި ވިއްކާ ވާހަކަ އަޑުއިވުމުން އެވާހަކަތައް ގަބޫލުކުރަން ދަތިކަމަށެވެ.

ބައެއް ރައްޔިތުން ބުނަމުންދަނީ ކުޅުދުއްފުށިން ބިން ނުވިއްކޭނެ ކަމަށެވެ. ހުޅުމާލެ އާއި ގުޅިފަޅު ފަދަ ތަންތަނުން ގޯތި ވިއްކިނަމަވެސް ކުޅުދުއްފުށީ ރައްޔިތުން ބޯހިޔާވަހި ކަމަށް އިންތިހާއަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ގޯތި ނުވިއްކޭނެ ކަމަށެވެ. އަދި ކުޅުދުއްފުށީގައި އަލަށް ހިއްކާފައިވާ ސަރަހައްދުން ދިގު މުއްދަތަށް ކުއްޔަށް ދިނުން ނޫންގޮތަކަށް އެބިން ދޫނުކުރެވޭނެ ކަމަށެވެ.

ސަރުކާރުންވެސް އަދި އަލަށް އުފެއްދި ކުންފުނިން މިކަމުގައި އިތުރު މައުލޫމާތެއް ހާމަނުކުރާއިރު ރައްޔިތުން ތިބީ ސުވާލުތަކެއްގެ ތެރޭގައެވެ. ދެން ކަންތައްތައް ވާނެ ގޮތަކާމެދު ސުވާލު އުފެދިފައެވެ. އެފަދަ ރައްޔިތުން ބުނަމުންދަނީ އެބިން ވިއްކަން ފަށައިފިނަމަ އެބިމުން ބިން ގަނެވޭނީ މަހުޖަނުންނަށް އެކަނި ކަމަށެވެ. އަދި ރަށުގެ ނިކަމެތިންނަށް ވަންނާނެ އިތުރު ތަނެއް ނޯންނާނެކަމަށެވެ.

ކުޅުދުއްފުށީގެ ބިމަކީ ކުޅުދުއްފުށީ ރައްޔިތުންގެ މިލްކަކަށް ވާއިރު އަދި ބިން ވިއްކުމުގެ ވާހަކައަކީ އޭގެ ޒާތުގައި ވަރަށް މުހިއްމު ވާހަކައަކަށް ވައިރު މިކަމުގައި ރައްޔިތުންނަށް ކަންކަން ސާފުވާން އެބަޖެހެއެވެ. ކުޅުދުއްފުށީގެ ބިމާ މެދު ބޮޑެތި ނިންމުން ތަކެއް ނިންމަން ތައްޔާރު ވަމުންދާއިރު ރަށު ރައްޔިތުންނާ މަޝްވަރާކުރުމަކީ ރަށު ކައުންސިލުން މިހާރުން މިހާރަށްވެސް ކުރަން ޖެހިފައިވާ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355