twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ ކުޅުދުއްފުށީ ޒުވާނަކު އައިޖީއެމްއެޗްގައި ރޭ ނިޔާވެއްޖެ

Aug 16, 2011

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ ކުޅުދުއްފުށީ ޒުވާނަކު ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ބްލަޑް ކެންސަރު ޖެހި އެބަލީގެ އެންމެ ފަހު މަރުހަލާގައި އޮތް ކުޅުދުއްފުށީ ސިތާރާވިލާ އަހުމަދު އިބްރާހިމް،21، ރޭ އެގާރަ ޖަހާލާކަންހާއިރު ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ހާލުދެރަވެގެންނެވެ. އަހުމަދު އިބްރާހިމް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ފަރުވާހޯދަމުން އައިސް މާލެއަށް ބަދަލު ކުރީ މިދިޔަ ހުކުރު ދުވަހުއެވެ. އަހުމަދު އިބްރާހިމްގެ ޖަނާޒާ ބާއްވާފައިވަނީ ރޭ ފަތިސް ނަމާދަށްފަހު އާސަހަރާގައެވެ.

އަހުމަދު އިބްރާހިމްގެ ބައްޔަށް ފަރުވާ ހޯދުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް ދާދިފަހުން ކުޅުދުއްފުށީގެ ޖަމިއްޔާތައް އިސްނަގައިގެން ވަނީ ފަންޑު ފޮށިތަކެއް ވެސް ބަހައްޓާފައެވެ. އެރޭ އަހުމަދު އިބްރާހިމްގެ ބޭބެ މުހައްމަދު އިބްރާހިމް ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެމުން ބުނީ ކުރިން އަހްމަދު އިބްރާހީމް ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެކުމުން މާލެ ދިއުމަށް އެންގި ކަމަށާއި އަދި މާލެ ދިއުމުން އަވަހަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރު އެންގި ކަމަށެވެ. އެގޮތުން، މިއަހަރުގެ ފެބްރުއަރީ މަހު އިންޑިޔާގެ އާރުސީސީ ހޮސްޕިޓަލަށް ދައްކާފައި ވާކަމަށެވެ. އަދި އެހޮސްޕިޓަލުން ޓެސްޓުތައް ހެދުމަށްފަހު ބުނެފައިވަނީ އަހްމަދުގެ ލެއަށް ކެންސަރު ޖެހިފައިވާ ކަމަށެވެ. އެބަލިން ސަލާމަތްވުމަށްޓަކައި ބޯން މެރޯ ހެދުމަށް ޑޮކްޓަރު ލަފާ ދީފައިވާ ކަމަށް އެއާއިލާ އިން ބުނެފައި ވެއެވެ.

އެރޭ އިތުރަށް މުހައްމަދު އިބްރާހިމް ބުނެފައިވަނީ  އެބަލިން ސަލާމަތްވުމަށްޓަކައި ހަދަންޖެހޭ ބޯންމެރޯ ހެދުމަށްވެސް 450000 ދިވެހި ރުފިޔާ (ބާރަލައްކަ ރުޕީސް) ހަރަދުވެ އެވެ. އަދި ބޯންމެރޯ ހެދުމަށްފަހު އެއް އަހަރުވަންދެން އިންޑިޔާގައި ކޮއްކޮ ގޮވައިގެން މަޑުކުރަން ޖެހޭކަމަށެވެ.

ފަންޑު ފޮށިތައް ބެހެއްޓުމުގައި ޖަމިއްޔާތަކުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ދާއޫދު މައުލޫމާތު ދެއްވިގޮތުގައި އަހުމަދު އިބްރާހިމް ނިޔާވުމާއި ގުޅިގެން މިހާތަނަށް ފަންޑު ފޮށިތަކަށް ލިބިފައިވާ ފައިސާތައް އެއާއިލާއާ ހަވާލު ކުރާނެއެވެ.

މިއަދު މެންދުރު ނަމާދުގެ ކުރިންވަނީ ހުރިހާ ފަންޑު ފޮށިތަކެއް ބަންދުކޮށްފައެވެ. މިހާތަނަށް ހުރިހާ ފޮންޑު ފޮއްޓަކުން ލިބިފައިވަނީ ގާތްގަނޑަކަށް 25000 ރުފިޔާ ކަމަށް މުހައްމަދު ދާއޫދު މައުލޫމާތު ދެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355