twitterviber whatsapp telegramfacebookyoutube instagram
8th May 2024

ލިބްރާލީ ދިމިޤްރާޠީ ނިޒާމުގެ މައިގަނޑު ސިފަތައް

Aug 17, 2011

“ޢ”

ލިބްރާލީ ދިމިޤްރާޠީ ނިޒާމަކީ، ދައުލަތް ހިންގުމުގައި މިއަދު އެންމެ މަޤްބޫލް ނިޒާމެވެ. ލިބްރާލީ ދައުލަތެއްގައި ހުރިހާ ރައްޔިތުންނަށް ލިބިގެންވާ ޙައްޤުތަކާއި، މިނިވަންކަމުގައި ހަމަހަމައެވެ. މިފަދަ ނިޒާމެއްގައި، އިޖްތިމާޢީ އަދި ފަރުދީ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތްކުރެއެވެ. މުޅި ނިޒާމުގައި އެންމެ ބޮޑު އިސްކަމެއްދެނީ، މިނިވަންކަމަށާއި ހަމަހަމަ ކަމަށެވެ.

ކަނޑައަޅާފައި އޮންނަ މުއްދަތުތަކެއްގައި، މިނިވަން އިންސާފުވެރި އިންތިޚާބުތައް ބޭއްވުމަކީ ލިބްރާލީ ދިމިޤްރާޠީ ނިޒާމުގެ އެންމެ ޚާއްޞަ އެއް ސިފައެވެ. އިންތިޚާބުގެ ބޭނުމަކީ، ރައްޔިތުންގެ ރުހުންލިބިފައިވާ ބަޔަކު ދައުލަތް ހިންގުމުގެ ކަންކަމަށް އިސްކުރުމެވެ. މި ނިޒާމުގައި ރައްޔިތުންގެ ތާއީދުނެތްނަމަ، ކިތަންމެ ބޭނުންވިޔަސް ދައުލަތް ހިންގުމުގެ އިންތިޚާބީ މަގާމެއްގައި ދެމިއެއް ނުހުރެވޭނެއެވެ. ލިބްރާލީ ދިމިޤްރާޠީ ނިޒާމުގައި، މިނިވަން އިންސާފުވެރި އިންތިޚާބުތައް ގަވާއިދުން ބޭއްވެމުން ދާނެތީ، އަނިޔާވެރި ދައުލަތެއް އުފައްދައި، ރައްޔިތުން ރަހީނެއް ނުކުރެވޭނެއެވެ.

ރައްޔިތެއްގެ ފިކުރަކަށް، ޖިންސަކަށް، ނަސްލަކަށް ބެލުމެއްނެތި ޝަރްޠުހަމަވާ އެންމެހައި ރައްޔިތުންނަށް އިންތިޚާބްތަކުގައި ހަމަހަމަކަމާއިއެކު ވޯޓްލެވޭނެއެވެ. އަދި ވޯޓްދޭ މީހާގެ ފިކުރަށް، ޖިންސަށް ނުވަތަ ނަސްލަށް ބިނާކޮށް، ދޭ ވޯޓްގެ މުހިންމުކަން ނުވަތަ ބުރަދަން ތަފާތެއް ނުކުރާނެއެވެ. ލިބްރާލީ ދިމިޤްރާޠީ ނިޒާމެއްގައި އިންތިޚާބް ބާއްވަނީ، ރައްޔިތުންގެ އަޑާއި ކަންބޮޑުވާ ކަންކަން ދައުލަތުގެ އެންމެ މަތީ ފަންތީގައި ދައްކައި ހައްލުހޯދުމަށް ރައްޔިތުންގެ ފަރާތުން ތަމްސީލުކުރާނެ ބަޔަކު ކަނޑައެޅުމަށެވެ.

ލިބްރާލީ ދިމިޤްރާޠީ ނިޒާމެއްގައި އެންމެ މަދުވެގެން ދެ ސިޔާސީ ޕާޓީ ރޭވިގެން ހިންގޭ ސިޔާސީ ހަރަކާތްތަކުގައި ހަރަކާތްތެރި ވަމުން ގެންދާނެއެވެ. މިހެންވެ، އަބަދުވެސް ރަސްމީ އިދިކޮޅު ޕާޓީއެއް ހަރަކާތްތެރިވަމުން ގެންދާނެއެވެ. އެންމެ ސިޔާސީ ޕާޓީއެއް އޮވެފައި، އިންތިޚާބުތަކުގައި ވާދަކުރަނީ ހަމައެކަނި އެ ޕާޓީއިން ކަމަށްވެއްޖެނަމަ އިންތިޚާބެއްގެ މާބޮޑު ބޭނުމެއްނެތެވެ.

އިދިކޮޅު ޕާޓީ ސަރުކާރު ހިންގާ ޕާޓީގެ ބާރުތައް ތިލަފަތް ހަމަކޮށްފައި، އިންތަކުގެ ތެރޭގައި އޮބެހެއްޓުމަށް ވަރަށްމުހިންމު ދައުރެއް ކުޅެއެވެ. އަދި ސަރުކާރުގެ ސިޔާސަތާއި ދެބަސްވާ ރައްޔިތުންގެ ހައްގުގައި ރަސްމީކޮށް އަޑު އުފުލުމުގައި އިދިކޮޅު ޕާޓީ ހަރަކާތްތެރިވެއެވެ.

ހަގީގަތުގައި އިދިކޮޅު ޕާޓީ ނުވަތަ ތަފާތު ޚިޔާލުގެ ރައްޔިތުންނަށް ހަރަކާތްތެރިވެވޭނެ ޖާގަ ފަހިވެފައި އޮންނަ އޮތުމުން އެ ފެންނަނީ ލިބްރާލީ ފިކުރުގެ ފަލްސަފާ އާއި ޢަޤީދާގައި ހިމެނޭ އިދިކޮޅު ޚިޔާލުތައް ބަލައިގަތުމާއި ތަހައްމަލުކުރުމުގެ ސިފައެވެ.

ލިބްރާނިއްޔަތުގައި ފަރުދީ މިނިވަންކަމަށާއި ފަރުދީ ޙައްޤުތަށް އެހެން ހުރިހާ ކަމަކަށްވުރެ އަގުބޮޑުވާނެއެވެ. މި ސަބަބަށްޓަކައި، ލިބްރާލީ ދިމިޤްރާޠިއްޔަތެއްގައި، ފަރުދީގޮތުން ލިބެންޖެހޭ އަސާސީ ހައްޤުތަކާއި މިނިވަންކަމުގެ ފޮނިކަމާއި މީރުކަން ރައްޔިތުންނަށް ލިބިދެވެއެވެ. މިގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަންފަދަ ހައްޤުތަކަކީ ލިބްރާލީންގެ ފިކުރުގައި ވަރަށް މަތީ ދަރަޖައެއް ދެވޭ ޙައްޤުތަކެކެވެ. މަދަނީ ޙައްޤުތައް ކޮންމެ ފަރުދަކަށް ލިބިދިނުމާއި، މިނިވަންކަމާއިއެކު ދިރިއުޅުމާއި ނަފުސް ތަރައްގީކުރުމުގެ ފުރުސަތު ހަމަހަމަކަމާއިއެކު ފޯރުކޮށްދިނުން އެއީ ލިބްރާލީ ދިމިޤްރާޠީ ދައުލަތެއްގައި އޮންނަކަންކަމެވެ.

ލިބްރާލީ ދިމިޤްރާޠީ ނިޒާމުގައި ޢަދުލުވެރިކަމާއި އިންސާފު ޤާއިމުވެފައި އޮވެއެވެ. ދައުލަތާއި ޤާނޫންގެ ކުރިމަތީގައި އެންމެން ހަމަހަމައެވެ. ކުށެއްގެ ތުހުމަތުކުރެވިއްޖެނަމަ ކޮންމެ މީހަކަށްވެސް ޢަދުލުވެރި ފަނޑިޔާރުގެއެއްގައި މައްސަލަބަލައި އިންސާފް ލިބުމުގެ ހައްޤުއޮންނާނެއެވެ. ޤާނޫން ތަކުގެ ބޭނުންކުރެވެމުން ދާނީ ސިޔާސީ މަގްސަދެއްނެތިއެވެ.

އިސްވެ ދެންނެވި ޙައްޤުތަށް ކަށަވަރުކޮށްދެނީ ޤާނޫން އަސާސީއިންނެވެ. ލިބްރާލީ ދިމިޤްރާޠީ ނިޒާމުގައި ޤާނޫން އަސާސީއަކީ ސަރުކާރުން ބާރުތައް ޖަމާކޮށް ރައްޔިތުންގެ މިނިވަންކަމަށް ނުރައްކާކުރުން ހުއްޓުވުމުގައި، ހަވާލާދެވޭ މުހިންމު އެއްޗެކެވެ. މި ނިޒާމް ހިންގާ ހުރިހާ ޤައުމުތަކުގައި ޤާނޫން އަސާސީ ލިޔެވިގެންނެއް ނުވެއެވެ.

އިޤްތިޞާދީ މިނިވަންކަން އޮންނަންވާނެ ގޮތާއިމެދު ކުޑަ ޚިޔާލު ތަފާތުވުމެއް އޮތްކަމަށް ވިޔަސް އިޤްތިސާދީ މިނިވަންކަމަކީ ވެސް މުހިންމު ލިބްރާލީ ދިމިޤްރާޠީ ނިޒާމުގެ މުހިންމު ސިފައެކެވެ. ލިބްރާލީންގެ އެއް ފިކުރެއްގައި ގަނެވިއްކުމުގެ ހަރަކާތް އޮންނަންޖެހޭނީ މުޅީން މިނިވަންކޮށް ދޫށްލާފައެވެ. އެ މީހަކު ބޭނުން ވިޔަފާރިއެއް ހިންގަންވީއެވެ. ބާޒާރުގެ ކަންކަމުގެ ތެރެއަށް ސަރުކާރުން ވަދެގެން ނުވާނެއެވެ. މި ފިކުރުގެ ލިބްރާލީންގެ ދެކޭގޮތުގައި، ބޭނުން އެއްޗެއް ބާޒާރުން ޚިޔާރުކުރުމުގެ މިނިވަންކަން ލިބިފައި އޮންނަން ޖެހޭނެއެވެ.

ނަމަވެސް އަނެއްބައި މީހުން ދެކޭގޮތުގައި މިނިވަން ބާޒާރަކީ ދިމިޤްރާޠިއްޔަތާއި ދެކޮޅު ބާރެކެވެ. މިގޮތަށް ވަކާލާތުކުރާ މީހުން ދެކޭގޮތުގައި، ޙަޤީޤީ ދިމިޤްރާޠީ ދައުލަތެއްގައި، ހިފެހެއްޓުންތަކެއް ނެތް މުޅީން މިނިވަން ބާޒާރެއް އޮވެއްޖެނަމަ، ރައްޔިތުން ނިންމަންޖެހޭ އިޖްތިމާޢީ ކަންކަން ނިންމާނީ ބާޒާރުގެ ބާރުތަކުންނެވެ. މި ފަދަ ސަރުކާރުގެ ބާރުން ނެއްޓިފައިވާ މިނިވަން ބާޒާރެއް އޮންނަ ނަމަ، އިޤްތިޞާދީ ބާރު އޮންނާނީ ބޮޑެތި ކުންފުނިތަކާއި ބެންކުތަކުގެ އަތްމަތީގައެވެ. މިފަރާތްތަކަށް އާދަވެފައި އޮންނާނީ، އެ ފަރާތްތަކުގެ ފައިދާ އިތުރުކުރުމަށް، ދިމިޤްރާޠީ ނިޒާމާއި ‘ކުޅެމުން’ ގެންދާށެވެ. ލިބްރާނިއްޔަތުގެ އެންމެ މުހިންމު ސިފަކަމަށްވާ، ޖަމާޢަތާއި، ފަރުދީ ހައްޤުތަކާއި މިނިވަންކަމަށް ބެލުމެއްނެތިއެވެ.

ދުޅަހެޔޮ ދިމިޤްރާޠީ ސަރުކާރެއްގައި މުޅި މުޖްތަމަޢުގެ ލާބަޔަށް އިޤްތިޞާދު ރެގިއުލޭޓްކުރުމަށް ހަރުދަނާކަމާއި ޙިކްމަތްތެރިކަމާއިއެކު ފިޔަވަޅުތައް އަޅަމުންގެންދާނެއެވެ. ނަމަވެސް ސަރުކާރުގެ ޝާމިލުވުން އޮންނާނީ ވަކި ހައްދެއްގެ ތެރޭގައި ކުޑަމިންވަރަކަށެވެ.

ވަރަށް ކުރުކޮށް ދަންނަވާނަމަ، ލިބްރާލީ ދިމިޤްރާޠިއްޔަތެއްގައި:

ފަރުދުގެ މައްޗަށް ސަރުކާރުގެ ބާރާއި އަސަރު ވީހާވެސް ކުޑަކޮށް އޮތުމާއި، ސަރުކާރަށް ހައްދެއްނެތް ބާރު ލިބިފައި ނޯންނާނެއެވެ. އާދެ. ހަމަހަމަކަމާއި، ފަރުދީ މިނިވަންކަން އެންމެ ފުޅާދާއިރާގައި ލިބިދީފައި އޮންނާނެއެވެ.

އިންތިޚާބުތައް ވާންޖެހޭނީ، މިނިވަން އިންސާފުވެރި އިންތިޚާބްތަކަކަށެވެ. ތަފާތު ކުރުމެއްނެތި އެންމެންނަށް އިންތިޚާބުގައި ބައިވެރިވެވެންޖެހޭނެއެވެ. ޤައުމުގެ އިޤްތިޞާދީ ބާޒާރުގައި، ސަރުކާރުގެ ދައުރު އޮންނާނީ ކުޑަމިންވަރަކަށް އިމެއްގެ ތެރޭގައެވެ.

ރައްޔިތުންނަށް އެމީހުންގެ ހުރިހާ މަދަނީ ޙައްޤުތަކެއް (މިސާލަކަށް؛ ވިސްނުމާއި ޚިޔާލުފާޅުކުރުމުގެ ޙައްޤު، އެއްވެ އުޅުމުގެ ޙައްޤު) ލިބިދީފައި އޮންނަންޖެހޭނެއެވެ. ސަރުކާރާއި ދައުލަތް ދެމިއޮންނާނީ ރައްޔިތުންގެ ހެވަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355