ފުޓުބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގައި ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށް ކެމަރޫންގެ ސެމިއުލް އެޓޫ ވާންއުޅޭކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
އިޓަލީގެ އިންޓަރ މިލާންއަށް ކުޅެމުން އަންނަ 30 އަހަރުގެ އެޓޫ ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ރަޝިޔާގެ ކްލަބެއް ކަމަށްވާ އަންޒީ މަޚަޗްކާލާ އިން ވަނީ 38.9 މިލިޔަން ޑޮލަރަށް އެޓޫ ގަތުމަށް އިންޓަރ މިލާން އާއެކު މިހާރު އެއްބަސްވުމަކާއި ހަމައަށް އައިސްފައެވެ. އަދި އެ ކްލަބަށް އެޓޫ ބަދަލު ވެއްޖެނަމަ ކޮންމެ ސީޒަން އަކަށް 28.8 މިލިޔަން ޑޮލަރު މުސާރައިގެ ގޮތުގައި ދޭނެކަމަށް އެކްލަބުން ބުނެއެވެ. އެއީ ހަފްތާއަކު ބައި މިލިޔަން ޑޮލަރަށް ވުރެ ބޮޑު އަދަދެކެވެ.
މި ޓްރާންސްފައި މިގޮތަށް ހިނގައިފިނަމަ މިހާރު އެންމެ ބޮޑު މުސާރަ ނަގަމުން އަންނަ ކުޅުންތެރިން ކަމުގައިވާ، ސީޒަން އަކަށް 17.3 މިލިޔަން ޑޮލަރު ލިބޭ ރިއަލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސީޒަން އަކަށް 15.1 މިލިޔަން ޑޮލަރު ނަގަމުން އަންނަ ބާސަލޯނާގެ ލިއޮނެލް މެސީ ފަދަ ކުޅުންތެރިންނަށް ވުރެ މުސާރަ ބޮޑު ކުޅުންތެރިއަށް އެޓޫ ވާނެއެވެ.
އެޓޫ ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ރަޝިޔާގެ އަންޒީ އަކީ ތެލުގެ ވިޔަފާރި ކުރާ ބިލިޔަނަރެއް ކަމުގައިވާ ސުލެއިމާން ކެރިމޮވް ވަރަށް ފަހުން ގަނެފައިވާ ކްލަބެކެވެ. އެޓީމަށް ވަރަށް ފަހުން ވަނީ ޗެލްސީގެ މެދުތެރެއަށް ކުޅުނު ރަޝިޔާގެ ޒިރްކޯވް ވެސް ގެންގޮސްފައެވެ. އެޓީމުގެ ކެޕްޓަން ކަން ކުރަމުން އަންނަނީ ބްރެޒިލްގެ ތަރި ރޮބާޓޯ ކާލޯސްއެވެ.