twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ އަމީނީމަގު ހެދުމުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުން؟

Aug 25, 2011

މުހައްމަދު އިސްމާއިލް

ކުޅުދުއްފުށީގެ އަމީނީމަގު ގައު އަތުރައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުނުތަނާހެން، ކުޅުދުއްފުށީ ކައުންސިލުން އެމަގުގެ ޑިޒައިންނަށް ބަދަލުތަކެއް ގެންނަން ބޭނުންކަމަށްބުނެ މަސައްކަތް ހުއްޓާލިއެވެ. މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށްދިޔަ މި މަސައްކަތް ހުއްޓާލަން އެންގި މައިގަނޑު ސަބަބެއްކަމަށް ރަށު ކައުންސިލުން އޭރު ބުނެފައިވަނީ މަގުގެ ޕޭވްމަންޓް ފުޅާވުމާއި، ރޯޑް ޑިވައިޑާރގެ ސައިޒު ފުޅާވުމެވެ.

ހައުސިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިމަޝްރޫއު ހުއްޓުމަކަށް އައިސްފައިވަނީ މިދެންނެވި ސަބަބުތަކަށް ވީނަމަވެސް، މަތި އުތުރު ސަރަހައްދުގެ ގައުމީ އިދާރާ އާއި އެމަސައްކަތުގެ ކޮންޓެރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނަމުން އައީ، މަގުގެ ޑިޒައިން ރަނގަޅު ކަމަށާއި ރަށު ކައުންސިލުން އެއްވެސް ދިރާސާއެއް ކުރުމެއްނެތި މުހިއްމު ބޮޑު މަޝްރޫއެއްގެ މަސައްކަތް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށެވެ.

ރަށު ކައުންސިލަރުން މަގު ހަދާތަނަށް ވަޑައިގެން އަމިއްލަފުޅަށް މިން އަޅުއްވާ، މީޑިޔާއަށް ދިން ބަސްދީގަތުމެއްގައި އެކައުންސިލުގެ މެމްބަރު ޝުކޫރު އޭރު ވިދާޅުވެފައިވަނީ، ކައުންސިލުން ބެލިބެލުމުގައި އެމަގު ޑިޒައިންކޮށްފައިވާ ގޮތާއި މަގުގެ މަސައްކަތްކުރަމުންގެންދާ ގޮތާއި ދިމާނުވާ ކަމަށެވެ. އެހެންނަމަވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގައުމީ އިދާރާ އާއި ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ.

މަތި އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ ހަސަން ޒިޔާދު ވިދާޅުވީ، ކައުންސިލުން އެމަސައްކަތް ހުއްޓުވުން އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މިހާ ގިނަދުވަހު މިމަސައްކަތް ނުކުރެވި ދިއުމުގެ ޒިންމާ ރަށު ކައުންސިލުން ނަންގަވަން ޖެހޭނެ ކަމަށެވެ. އަދި، މަގު ޑިޒައިން ކޮށްފައިވަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އަށް ބަލައިގެންކަމަށާއި، ކައުންސިލުން ދައްކާ ވާހަކައަކީ އެއްވެސް ދިރާސާއެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ނޫންކަމަށެވެ. އަދި އެކަމާއި ގުޅިގެން ގައުމީ އިދާރާގައި ހުސްވި ހަފުތާގައިވެސް ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޕުރޮޖެކްޓް މެނޭޖަރ މުހައްމަދު އަބްދުއްރަހުމާނު ވިދާޅުވީ، އެމަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ކުންފުންޏަށް ވަރަށް ބޮޑެތި ގެއްލުން ވަމުންދާކަމަށެވެ. އެގޮތުން މަގު ހެދުމުގެ އަމަލީ މަސައްކަތް ނުކުރެވި ދިޔަ ކޮންމެ ދުވަހަކަށް 2 ހާސް ރުފިޔާގެ މަގުން ހަރަދުވަމުން ދާކަމަށެވެ. އެއަދަދުން ބެލިނަމަވެސް މަސައްކަތް ހުއްޓާލި ފަހުން މިވީ ދެމަސްދުވަހެއްހާ މުއްދަތުގެ ތެރޭގައި އެކޯޕަރޭޝަނަށް 2 ލައްކަ އަށްވުރެ ގިނަ ރުފިޔާ ގެއްލުން ވަނީ ވެފައެވެ.

ޕުރޮޖެކްޓް މެނޭޖަރ މުންދު އިތުރަށް ވިދާޅުވީ، މަގުގެ ހަދަމުންދިޔައީ ޑިޒައިނާ އެއްގޮތަށް ކަމަށެވެ. އެހެންނަމަވެސް އަމީނީ މަގަކީ ޕެރެލަލްކޮށް އޮންނަ މަގަކަށް ނުވާއިރު މަގުގެ ދުއްވާ އެއްޗިއްސަށް ހާއްސަކޮށްފައިވާ ބައި އެއްވަރެއްގައި ހިފަހައްޓާފައިވާއިރު އެކި ސަރަހައްދުތަކުން ޕޭވްމަންޓު ފުޅާވުމަކީ ނުވެ ނުދާނެ ކަމެއް ކަމަށެވެ.

ދާދި ފަހުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޓެކްނިކަލް ޓީމަކުން މަގުގެ ޑިޒައިނާއި މިންތައް ދައްކުވައިދޭ ހާއްސަ ޕުރެޒެންޓޭޝަނެއް ކައުންސިލުގެ މެމްބަރުންނާ ވަނީ ހިއްސާކޮށްފައެވެ. އެޕުރެޒެންޓޭޝަނުގައި މަގުގެ ޕޭވްމަންޓް ސައިޒު ހެދުމުގައި އިންޓަނޭޝަނަލީ ގެންގުޅޭ ސައިޒުތަކާއި ރޯޑް ޑިވައިޑާރްސްގައި ހުންނަ މިންތަކާބެހޭ މައުލޫމާތު ކައުންސިލުގެ މެމްބަރުންނާ ހިއްސާކުރެއްވިއެވެ. އެގޮތުން ރޯޑް ޑިވައިޑާރްސް 3 ފޫޓަށް ހެދި މައިގަނޑު ސަބަބަކީ ބޮޑެތި ވެހިކަލް ތަކުގެ އަރިމަތީ ލޯގަނޑު ނުކުމެފައި ހުންނާނެ އެންމެ ބޮޑު ސައިޒަކީ 1 ފޫޓް 3 އިންޗި ކަމަށް ބުނެފައި ވެއެވެ.

ކުޅުދުއްފުށީ މަގުހެދުމުގެ އަމަލީ މަސައްކަތް ހުއްޓިފައި އޮތް ދުވަސްވަރުވެސް ތިލަފުށީގައި ކުޅުދުއްފުށްޓައް ބޭނުންވާ ގައު ތައްޔާރުކުރަމުން ދިޔަނަމަވެސް މިހާރު އެމަސައްކަތްވެސް ހުއްޓާލާފައިވާ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އަދި މަސައްކަތް ހުއްޓިފައި ގިނަ ދުވަސްދާނަމަ އެކޯޕަރޭޝަނުންވެސް އެހެން ޕުރޮޖެކްޓްތަކާއި ދިމާއަށް މިސްރާބު ޖަހާނެކަމަށް އެފަރާތުންވަނީ ބުނެފައެވެ.

މިމުހިއްމު މަސައްކަތް ޒިންމާދާރު ނޫން ގޮތަކަށް ހުއްޓާލާފައި އޮތުމުގެ ޒިންމާ ރަށު ކައުންސިލުން ނަންގަވަންޖެހޭނެ ކަމަށް ސްޓޭޓް ސެކެރެޓަރީ ވިދާޅުވާއިރު ރަށު ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ، އެގޮތަށް މަސައްކަތް ހުއްޓާލާފައި ބާއްވަން ރަށު ކައުންސިލުންވެސް ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާއިރު އެކަންވެސް ކުރެވެންޖެހޭނީ އެންމެ ރަނގަޅުގޮތުގައި ކަމަށާއި އެކަން ކައުންސިލުން ބެލުމަކީ މުހިއްމު ކަމެއް ކަމަށެވެ. ކުޅުދުއްފުށީ އޮންލައިންނަށް އެނގިފައިވާ ގޮތުގައި މިމަޝްރޫއު ހުއްޓިފައި އޮތުމާމެދު ކައުންސިލުގެ ތެރޭގައިވެސް ހިޔާލު ތަފާތު ވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން ބައެއް ކައުންސިލަރުން މިމަޝްރޫއު މަގު ޑިޒައިންކޮށްފައިވާ އެކްސްޕާޓުންގެ ލަފަޔާއެއްގޮތަށް ކުރިއަށް ގެންދަން ބޭނުންވާއިރު އަނެއްބައި ކައުންސިލަރުން ބޭނުންވަނީ މަގުގެ ޕޭވްމަންޓް ހަނިނުކޮށް އަދި ރޯޑް ޑިވައިޑާރސްގެ ސައިޒު ހަނި ނުކޮށް މަސައްކަތް ކުރިއަށް ނުގެންދިއުމަށެވެ.

ރަށު ކައުންސިލުންނާއި ގައުމީ އިދާރާއިން ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތުގެ މައްޗަށް ބަލާއިރު މިހާރު ވަނީ ކައުންސިލުން މިމަޝްރޫއު ކުރިއަށް ގެންދިއުމާމެދު އިއުތިރާޒު ނުކުރާކަމުގެ ސިޓީއެއް ހައުސިން މިނިސްޓްރީ އަށް ފޮނުވާފައެވެ. ގައުމީ އިދާރާ މެދުވެރިކޮށް ފޮނުވި މިސިޓީ އާއި ގުޅިގެން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ބަހެއް މިއަދު ވަނީ ލިބޭގޮތް ނުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355