twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުރުވާހަކަ – ކުށުގެ ސަޒާ

Aug 26, 2011

ނަސްރުﷲ ޚަލީލް

އޮއްސެމުންދާ އިރާ ދިމާއަށް ބަލަހައްޓައިގެން އިން ޝިޔާނާގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. މިއަދު ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނު ކަމުގައި ވިޔަސް އެއީ އެއީ އޭނާ އުފެދުމުގައި ހުރި ނުކުޅެދުންތެރި ކަމެއް ނޫނެވެ. އޭނާއަކީ ޚާއްސަ ފުރިހަމަ ކަމެއް ލިބިގެންވީ ކުއްޖެކެވެ. ފުރާވަރަށް އަރައިގެން އައި އިރުވެސް ހަރަކާތްތެރިވި މުރާލި ކުއްޖެކެވެ. މަދަރުސާގެ ގިނަ ހަރަކާތްތަކުގައި ބައިވެރިވެއެވެ. ކިޔެވުމުގައި ނަން ކިޔޭ މޮޅު ކުއްޖެކެވެ. ނަލާލަން ހުތުރެއް ނޫނެވެ. ރީއްޗެވެ. އެގޮތުން ބަލާއިރު ވަކިން ފުރިހަމަ ކަމެއް ލިބިގެންވިއެވެ. ތުންފަތުގެ ހަމުގެ ބަދަލުގައިވެސް “ރަތްލޭކޮޅެއް” ގުދުރަތުން ދެއްވާފައިވީ ލޫޅާފަތި ޖިންސުއްލަތީފެކެވެ.

ޝިޔާނާގެ އެންމެ ޅަދުވަހުން ފެށިގެންގޮސް އުޅެމުން އައީ އުފާވެރި ދިރިއުޅުމެކެވެ. ޝިޔާނާއަކީ އާއިލާގައި ހުރި ހަމައެކަނި އަންހެން ކުއްޖާކަމުން އަރާމް ދިރިއުޅުމެއް ލިބުނެވެ. މައިންބަފައިންގެ ލޯތްބާއެކު މިނިވަން މާހައުލެއްގައެވެ. އޭނާގެ ދޮށްޓަށް ހުންނަނީ އެންމެ ބޭބެއެކެވެ. އެހެންކަމުން އާއްމު ދިރިއުޅުމަކަށްވުރެ، މިނިވަން، އުފާވެރި، ދިރިއުޅުމެއް އުޅެމުންއައި ކުއްޖެއްކަމުގައި ޝިޔާނާ ވިއެވެ. ހަވީރު ފިންޏަށް އަތިރި މައްޗަށް ދިއުމާއި އިރާކޮޅު ރައްޓެހިންނާއެކު ހިނގާލަން ދިއުމަކީ އޭނާއަށް ލިބޭ އުފަލަކަށް ހަދާފައިވެއެވެ.

ޝިޔާނާގެ އުމުރުން ސޯޅަ އަހަރު ވީތަނާ އޭނާ ކުއްޖަކާ ރައްޓެހިވިއެވެ. އޮމާން އަމާން ކަންމަތީ އެގުޅުން ބަދަހިވަމުން އިތުރަށް ތަރައްގީވަމުން ދިޔައެވެ. ބަރާބަރު އަހަރު ވެގެން ދިޔައިރުވެސް އެކަކު އަނެކަކުދެކެ ވާލޯބި އިތުރަށް އާވެ އާލާވުން ނޫން އިތުރު ބަދަލެއް އެގުޅުމަކަށް ނާދެއެވެ. ހަމަ ކޮންމެ ރެޔަކުހެން އިރާކޮޅު ބައްދަލުކޮށް ހިތް އުފާކޮށް އުޅެއެވެ. އެގުޅުމަށް އަހަރެއް ވީތަނާހެން ޝިޔާނާއަށް އެނގުނީ އޭނާ ނަހަލާލަށް ބަލިވެއިންކަމެވެ. އޭނާ އެވާހަކަ ރައްޓެހިވެގެން އުޅޭ ކުއްޖާ ގާތު ބުނުމުން ވީހާވެސް އަވަހަކަށް ކައިވެނި ކުރެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޝިޔާނާއަށް 18 އަހަރު ނުވާތީ އެކަން ކުރެވޭ ގޮތެއް ނުވިއެވެ. އަދި ތަފާތު ބޭސްތައް ކައި ބަނޑުގައި އޮތް ދަރިފުޅު ވައްޓާލަން ކުރި މަސައްކަތްވެސް ވީ ނާކާމިޔާބެވެ، ދުވަސްކޮޅެއް ފަހުން ޝިޔާނާގެ ލޯބިވެރިޔާ ވެކިވެގެން ދިޔައެވެ. އަދި އޭގެ ފަހުން އޭނާގެ ހަބަރެއް ދަބަރެއް ނުވިއެވެ. އެކަމާވެސް ޝިޔާނާ ވަރަށް ހިތާމަ ކުރިއެވެ.

ޝިޔާނާ ބަލިވެއިންކަން އިތުރު އެކަކަށްވެސް ނާންގައެވެ. އަދި އެކި ގޮތްގޮތުން އެކަން ފޮރުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ޝިޔާނާގެ މަންމަ އަށް އެކަން ފާހަގަ ވާކަށް މާގިނަ ދުވަސްތަކެއް ނުނެގިއެވެ. ޝިޔާނާގެ އާއިލާއަކީ ރަށުގެ ގަދަރުވެރި އާއިލާއެކެވެ، އެހެންކަމުން އާއިލާގެ ގަދަރަށްޓަކައި އާއިލާގެ ތެރެއިން ނިންމުނީ އެކަން އެއްވެސް މީހަކަށް ނޭންގުމަށެވެ. ރަށުގެ އާއްމުންނަށް އެކަން ސިއްރު ކުރުމަށެވެ.

ޝިޔާނާ ވިހެއީ ދުވަސް ނުފުރައެވެ. ދޮންދޮން ފިރިހެން ކުއްޖެކެވެ. އޭނާ ވިހެއީ ގޭގައެވެ. ޝިޔާނާގެ ކޮޓަރީގައެވެ، ޑޮކްޓަރަކީވެސް، ޑޮކްޓަރުގެ އެހީތެރިޔަކީވެސް، އަދި ނަރުހަކީވެސް ޝިޔާނާގެ މަންމައެވެ. އެކުއްޖާ ހެޔޮހާލުގައި ވަނިކޮށް ދެމައިންނަށް ފެނުމުން އެދެމައިންނަށް ވިސްނުނީ އެކުއްޖާގެ ސަބަބުން އާއިލާގެ ގަދަރު ގެއްލޭނެ ކަމުގައެވެ. އެވަގުތު އިބިލީހުގެ ވަސްވާހުގައި އެދެމައިން ޖެހުނެވެ. އަދި އެކުއްޖާ މަރާލުމަށް ނިންމުނެވެ. އަދި އެމައުސޫމް ޟައީފް ކުއްޖާގެ ނޭވާ ހިފަހައްޓައި މަރާލިއެވެ. އަދި ހުސް ދަޅަކަށްލައި އާއްމުންނަށް ސިއްރުން ކަނޑުފެއްތިއެވެ. އެއީ އިރުވައިގެ ހޫނުގަދަ ދުވަސްވަރު ކަމުގައި ވިޔަސް އެދުވަހުން ފެށިގެން ނުހުއްތި ދެދުވަސް ވަންދެން ވާރޭ ވެހުނެވެ.

ޝިޔާނާގެ ދިރިއުޅުން ބަދަލުވީ އެހިސާބުންނެވެ. ވިހައި ގަދަވާހާ ދުވަސް ވީއިރުވެސް ޝިޔާނާއަށް އަމިއްލައަށް ހިނގާލެވޭ ވަރެއް ނުވިއެވެ. ހީކުރެވުނީ އެއީ ވިހެއުމުގެ ސަބަބުން ގައިގެ ވަރުދެރަ ވުމުންވާ ކަމެއް ކަމަށެވެ. ނަމަވެސް އޭގެ ފަހުން 6 މަސް ވީއިރުވެސް ޝިޔާނާއަކަށް ނުހިނގުނެވެ، ހައްތަހާވެސް ކަނާތު ފައިގެ ބާރު ދިޔައީ ދެރަވަމުންނެވެ. އަހަރު ވީއިރު އެފައިގެ އެއްވެސް ބޭނުމެއް ނެތްފަދައެވެ. އެންމެ ފަހުން ޔަގީން ކުރެވުނީ އެއީ ސިއްރު ސިއްރުން ކުރެވި ދިޔަ ފާފަތަކަށް ހުރިހާ ކަމެއް ބައްލަވައި ވޮޑިގެންވާ ﷲ ސުބްހާނަހޫ ވަތައާލާގެ ކޯފާކަމެވެ. ޝިޔާނާގެ މަންމައަށްވެސް ހޭވެރިކަންވީ އެހިސާބުންނެވެ. ﷲ ހަޟްރަތަށް ތައުބާ ވުމުގެ ކުރިން ޝިޔާނާގެ މަންމަ ދުނިޔެއިން މޮޔަވިއެވެ.

މިއަދުވެސް އެހަނދާންތައް ޝިޔާނާ ކުރަނީ ފުންހިތާމަތަކާއި އެކުގައެވެ. ﷲ ހަޟްރަތުގައި ފާފަ ފުއްސެވުން އެދި ދުއާ ދަންނަވާ ހާލުގައެވެ. މިއަދު ޝިޔާނާއަށް ވަނީ އޭނާގެ ރަޙްމަތްތެރިން ގެއްލިފައެވެ. އާއިލާގެ މެމްބަރުންގެ އަޅާލުމުން މަހުރޫމް ވެފައެވެ. ޝިޔާނާގެ ލޮލުން މިއަދު އޮހޮރެމުން އެދަނީ މިހުރިހާ ހިތާމަތަކެއް އެކުވެފައިވާ ކަރުނައެވެ. އިރުއޮއްސި އަނދިރިވިކަންވެސް ޝިޔާނާއަކަށް ނޭނގުނެވެ. ހޭވެރިކަންވީ ކައިރީގައި ހުރި ރުކަކުން ވެއްޓުނު ކާއްޓެއްގެ އަޑުންނެވެ. ޝިޔާނާގެ ލޮލުން ފައިބާފައި ހުރި ކަރުނަތައް ކޯތާފަތްމަތިން ފުހެލުމަށްފަހު، މަޑުމަޑުން ގެއާދިމާއަށް ދެވޭތޯ މަސައްކަތް ފެށިއެވެ. ހަމަ އެހިތާމަތަކާއެކު ހިތާމަތައް ކުރަމުންނެވެ.

-ނިމުނީ-

ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސީނިއަރ ގްރޫޕްގެ ނަސްރުﷲ ޚަލީލް، ގްރޭޑް 12 އޭ، ލިޔެފައިވާ ވާހަކައެކެވެ. ނަސްރުﷲ ގެ މިވާހަކަ ސީނިއަރ ގްރޫޕްގެ އެންމެ މޮޅު 10 ވާހަކަ ތެރޭގައި ވަނީ ހިމެނިފައެވެ. މިމުބާރާތުގައި 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355