twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކެންސަރު ބައްޔަށް ފަރުވާހޯދަމުން އަންނަ ހަސީބު އަލީ އަށް ހާއްސަކޮށްގެން ބާއްވާ ހިރަފުސް ކަޕް މާދަމާ ފަށާނެ

Aug 29, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ “ހިރަފުސް” ދަނޑުގައި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ މެދުގައި ހިރަފުސްކަޕް ގެ ނަމުގައި ފުޓްސަލް މުބާރާތެއް މާދަމާ ފަށާނެކަމަށް އެމުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

ހިރަފުސް ކަޕް އިންތިޒާމުކުރާ ކޮމެޓީގެ އޮފިޝަލެއްކަމަށްވާ އާދަމް އިލްހާމް ކުޅުދުއްފުށި އޮންލައިން އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކުޅުދުއްފުށީ އިރުމަތީ އަވަށުގައި އޮންނަ ހިރަފުސް ދަނޑުގައި ކުޅޭ ކުޅުންތެރިންގެ މެދުގައި މިމަހުގެ 30 ން އަންނަ މަހުގެ 11 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި 7 ޓީމެއް ވާދަކުރާކަމަށެވެ.

އޮފިޝަލް އިތުރަށް ބުނިގޮތުގައި މިމުބާރާތް ހާއްސަކުރެވިފައިވަނީ އިންޑިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުޅުދުއްފުށީ އޯޒޯން ހަސީބު އަލީ އަށްޓަކައި ކަމަށެވެ. އަދި މުބާރާތްކުރިއަށްދާ ވަގުތުތަކުގައި ހަސީބަށް އެހީވުމުގެ ގޮތުން ފަންޑު ފޮށްޓެއް ކުޅޭ ސަރަހައްދުގައި ބަހައްޓާފައި ހުންނާނެކަމަށާއި އަދި ހަސީބުގެ ހާލަތު ބަޔާންކޮށްދެމުންދާނެ ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދެއެވެ.

ހިރަފުސް ކަޕް ގައި ދުވާލަކު 2 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު ޗެންޕިއަން ޓީމާއި ރަނަރަޕް ޓީމްގެ އިތުރުން އެންމެ މޮޅު 5 ކުޅުންތެރިންވެސް މުބާރާތުގައި ހޮވާނެއެވެ. އަދި ރަނަރއަޕް ޓީމާއި އެންމެ ގިނަ ލަނޑު ޖަހާކުޅުންތެރިޔާ ވެސް ހޮވާނެއެވެ.

ހިރަފުސް ކަޕްގައި ބައިވެރިވާ ޓީމުތަކަކީ އެފްސީ މިލިއަނަރ، ބްލަޑް ޓީސީ، ސްޕަރފުލައި، އަޕަރޝޮޓް، އީއެކް ޓްރީމަރގެ އިތުރުން ގޮސިޕް އަދި އިލޫޝަން ޓީމެވެ.

މިމުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. މިމުބާރާތް ކުޅެމުންދާވަގުތު ވީހާވެސް ގިނަ ބަޔަކު ކުޅިބެލުމަށް ހިރަފުސް ދަނޑަށް ދިއުމަށާއި އަދި މުބާރާތް އެފަރާތަކަށް ހާއްސަކޮށްފައިވާ ހަސީބު އަލީ އަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުބާރާތް އިންތިޒާމުކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެއްކަމަށް އެފަރާތުން ބުނެއެވެ.

މިއީ ހިރަފުސް ކަޕް ބާއްވާ 4 ވަނަ ފަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355